ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖޭގައި ހުންނަވައިގެން އިންޑިއާއަށް ފާޑު ވިދާޅުވި އިރު، ރައީސް އަބްދުﷲ ޔާމީން ހިމޭނުން ހުންނެވުމުން އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާފައިވަނީ މިނިވަންކަމަށް 52 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އިހުތިފާލްތަކުގެ ޝަފަރުވެރިކޮށް ދެއްވުމަށެވެ.
އަންގާރަ ދުވަހު ރާއްޖެ ވަޑައިގެން، ރައީސް ޔާމީނާއެކު ރައީސް އޮފީހުގައި ކުރިއަށް ގެންދެވި ނޫސް ކޮންފެރެންސްގައި ނަވާޒް ޝަރީފް ވަނީ އިންޑިއާއަށް ފާޑު ވިދާޅުވެފަ އެވެ. ސާކް ހަރުދަނާކުރުމުގެ ވާހަކަ ދައްކަވަމުން ނަވާޒް ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައި އޮތް ސާކް ސަމިޓް ނުބޭއްވުނީ އިންޑިއާއިން ހުރަސްއެޅުމުގެ ސަބަބުން ކަމަށެވެ.
އެއި އިންޑިއާ އިން ސާކް ސަމިޓަށް ހުރަސްއެޅި ހަތަރު ވަނަ ފަހަރު ކަމަށް ފާހަގަކުރައްވަމުން ނަވާޒް ޝަރީފް ވިދާޅުވީ އިންޑިއާ އިން ސާކަށް ގެއްލުންދީ ސާކްގެ ރޫހާ ޚިލާފުވަމުންދާ ކަމަށެވެ.
މީގެއިތުރުން، ނަވާޒް ޝަރީފް ވަނީ ކަޝްމީރުގައި އިންޑިއާގެ އަސްކަރިއްޔާ އިން ހިންގަމުންދަނީ އިންސާނިއްޔާތާ ޚިލާފު އަމަލުތަކެއް ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ ފަސްގަނޑުގައި ހުންނަވައިގެން އިންޑިއާއަށް ފާޑު ވިދާޅުވިއިރު ރައީސް ޔާމީން ހިމޭނުން ހުންނެވުން ކުށްވެރިކޮށް އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެފަދަ ވާހަކަތަކެއް ދެއްކެވި އިރު ރާއްޖެއިން ސާކްގެ ކަންތައްތަކާ މެދު ދެކޭގޮތް ރައީސް ޔާމީން ހާމަނުކުރެއްވުމުން ކަންބޮޑުވާ ކަމަށެވެ.
އެމްޑީޕީއިން ބުނީ ނަވާޒް ޝަރީފްގެ ވާހަކަފުޅާ ގުޅިގެން ރާއްޖޭގެ ވިސްނުން ހާމަކޮށް ނުދެއްވައި ރައީސް ޔާމީން ހިމޭނުން ހުންނެވުމުން ދޭހަކޮށްދެނީ ރާއްޖެއާއި ޕާކިސްތާނުގެ ވިސްނުން އެއްގޮތްކަން ކަމަށެވެ.
އެމްޑީޕީއިން ބުނީ އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައި އޮތް ސާކް ސަމިޓް ފަސްކުރަން ޖެހުނީ އިންޑިއާއާއި، އަފްގާނިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ނެތުމުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީއިން ވަނީ ރައީސް ޔާމީނުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެމްޑީޕީއިން ބުނީ ރައީސް ޔާމީނުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ.
އެމްޑިޕީގެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އެކުވެރި ދައުލަތްތަކާއެކު އޮތް ޒަމާންވީ ބަދަހި ގުޅުން ހީނަރުވެ ބައިނަލްއަގްވާމީ ދުނިޔެއިން ރާއްޖެ އެކަހެރިވަމުންދާ ކަމަށެވެ.