އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ ކޮއްކޮއެއް ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވާފައިވަނީ މުސްއަބު އަބްދުﷲ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ އަންގާރަ ދުވަހު އެވެ.
މުސްއަބުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން އޭނާއަށް ގުޅުމުން ވިދާޅުވީ އެކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެންމެ ރަނގަޅުވާނީ އިސްލާމިކް މިނިސްޓްރީގެ މީޑިއާއަށް ގުޅައިގެން ކަމަށެވެ. ތަކުރާރުކޮށް އެކަމަށް ކޮމެންޓެއް ކޮށްދިނުމަށް ރާއްޖެއެމްވީއިން އެދުމުން ވެސް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީއިން ތައުލީމް ހާސިލް ކުރެއްވި މުސްއަބު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ ރިސާޗް އޮފިސަރެއްގެ މަޤާމުންނެވެ. އެއަށްފަހު 2009 ވަނަ އަހަރު ހަމަ އެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ލިބިވަޑައިގެންނެވިއެވެ. އަދި ޕްރައިވަޓައިޒޭޝަން ކޮމެޓީގެ ސެކެޓްރިއޭޓްކަން ވެސް ކުރެއްވިއެވެ.
އޭގެ ފަހުން 2010 ވަނަ އަހަރު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެން ޕޮލިސް ސަރޖަންޓެއްގެ މަޤާމުގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތްކުރެއްވިއެވެ. އޭގެފަހުން 2012 ވަނަ އަހަރު އެކުވެރި ޢަރަބި އިމާރާތުގައި ރާއްޖޭގެ އެމްބަސީއެއް އުފެދުމާއެކު އެމްބަސީގެ ފަސްޓް ސެކްރެޓަރީކަމުގެ މަޤާމާއި ޑެޕިއުޓީ ހެޑް އޮފް މިޝަން ގެ މަޤާމު ފުރުއްވިއެވެ. 2012 ވަނަ އަހަރު އެމްބަސީގެ ކައުންސެލަރގެ މަޤާމާ ހަވާލުވެ ވަޑައިގެން އެމްބަސީ ހިންގެވުމުގެ އެންމެ އިސްފަރާތެއްގެ ހައިޞިއްޔަތު ނޮން ރެސިޑެންޓް އެމްބެސެޑަރެއްގެ ލަފައާއެކު އެމްބަސީ ހިންގެވުމުގެ ހުރިހާ ކަމެއް ކުރައްވަމުން ގެންދެވީ އޭނާ އެވެ.