Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 01:11
ނޫސްވެރިން ހައްޔަރުކޮށް ވެހިކަލަށް އަރުވާފައި
ނޫސްވެރިން ހައްޔަރުކޮށް ވެހިކަލަށް އަރުވާފައި
ޓްވިޓަރ
ނޫސްވެރިން ހައްޔަރުކުރުން
ނޫސްވެރިކަމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނުމަކީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަން ނެތުން: ރާއްޖެ ޓީވީ
ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަކަށް އަރުވައި އަނިޔާކުރިއިރު
އަބްދުﷲ ނަސީރު އިބްރާހިމްގެ ގައިގައި ތަޅައި އަނިޔާކުރީ، ލައިވް ފޯނުގައި ވާހަކަ ދައްކަމުން ދަނިކޮށް
ހައްޔަރުކުރިޔަސް، ތަކެއްޗަށް ގެއްލުން ދިނަސް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ

ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނާނަމަ، އެއީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަމާއި ޑިމޮކްރެޓިކް ވެއްޓެއް ދެމެހެއްޓުމަށް ފުލުހުންގެ ގާބިލްކަން ނެތުން ކަމަށް ރާއްޖެ ޓީވީން ބުނެފިއެވެ.

ރާއްޖެ ޓީވީން މިހެން ބުނެފައި މިވަނީ ބުދަ ދުވަހުގެރޭ ރާއްޖޭގެ ހަތް ނޫސްވެރިއަކަށް އަނިޔާކޮށް ހައްޔަރުކޮށް ވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

ރާއްޖެ ޓީވީ ބުނީ ޖުލައި 26، 2017 ވީ ބުރާސްފަތި ވިލޭރޭ ރާއްޖެޓީވީގެ ނޫސްވެރިންނާއި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް، ރާއްޖެޓީވީގެ ކެމެރާ އާއި ލައިވް އިކިއުޕްމެންޓަށް ފުލުހުން ގެއްލުން ދިނުން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި މުރުޝިދު އަބްދުލް ހަކީމް އަދި ކެމެރާމަން އަހްމަދު މަމްދޫހު އާއި އެހެން ބައެއް ސްޓޭޝަންތަކުގެ ނޫސްވެރިން ހައްޔަރުކޮށް އަނިޔާކުރީ، ގާނޫނާއި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާޖިބު އެ ނޫސްވެރިން އަދާކުރަމުންދަނިކޮށެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ އެނޫސްވެރިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަކަށް އަރުވައި އަނިޔާކުރިއިރު، އަބްދުﷲ ނަސީރު އިބްރާހިމްގެ ގައިގައި ތަޅައި އަނިޔާކުރީ، ލައިވް ފޯނުގައި ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ. އަދި ނަސީރަށް އަނިޔާކުރުމުގެ އިތުރުން، ފޯނު ނުބާއްވައިފި ނަމަ، ފޯނު "ފުނޑާލާނެ" ކަމަށް ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު އިންޒާރު ދިނުމުގެ އިތުރުން  އެ މީހުން ނަސީރާ ދިމާއަށް ކުނި ރޯއަވަގުރާނަ ގޮވަމުންދިޔަކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ނޫސްވެރިން ހައްޔަރުކުރުމުގެ ބަހަނާއަކަށް ފުހުލުން ހަދާފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ކަމަށް ފުލުހުން ބުނާނަމަ، އެއީ ގާނޫނު ތަންފީޒު ކުރުމުގެ ގާބިލްކަމާއި ޑިމޮކްރެޓިކް ވެއްޓެއް ދެމެހެއްޓުމަށް ފުލުހުންގެ ގާބިލްކަމެއް ނެތުން ކަމަށް ރާއްޖެ ޓީވީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ވާޖިބަށް ނޫސްވެރިން ހުރަސް އެޅިކަމަށް ބުނި ނަމަވެސް، ފެންނަން މަންޒަރުތަކުންނާއި ރެކޯޑްކުރެވިފައިވާ މަންޒަރުތަކުން އެއީ ކަނޑައެޅިގެން ދޮގެއް ކަން އެނގޭ ކަމަށާއި ފުލުހުންގެ އަމުރަށް ކިޔަމަންތެރި ނުވިޔަސް، ލާއިންސާނީ އަނިޔާ ދިނުމަކީ ފުލުހުންނަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.  

އަދި ނޫސްވެރިންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުންދީ، ހައްޔަރުކުރީ އެމްޑީޕީގެ ހަރުގެ ކައިރީގައި ހިނގަމުން ދިޔަ މަންޒަރުތަކާއި، އެ ސަރަހައްދުގައި ފުލުހުން ހިންގަމުންދިޔަ ގާނޫނާ ހިލާފު އަމަލުތައް ގެނެސްދިނުމަށް ހުރަސް އެޅުމަށް ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީން ބުނީ ރާއްޖެޓީވީގެ ނޫސްވެރިން ހައްޔަރުކުރިޔަސް، ތަކެއްޗަށް ގެއްލުން ދިނަސް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި  އަދި ނުވެސް ޖެއްސޭނެ ކަމަށެވެ. މީގެ އިތުރުން ކަމާބެހޭ ހުރިހާ މުވައްސަސާތަކަށް މިވަގުތު ވެސް ގޮވާލަނީ، ގާނޫނާ ހިލާފަށް އަމަލުކުރި ފުލުހުންނާއި ނޫސްވެރިންނަށް އަނިޔާކުރި ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ކަމަށެވެ.  އަދި ފުލުހުންގެ ޔުނިފޯމުގައި އަނިޔާވެރިވަމުންދާ ތަގުން، ފްރޮންޓްލައިނުން ވަކިކޮށް، ޑިމޮކްރެޓިކް ވެއްޓެއްގައި ހިދުމަތްދެވޭނެ، އަދި ފުލުހުންގެ ވާޖިބެކޭ އެއްގޮތަށް ނޫސްވެރިންގެ ވާޖިބު އަދާކުރުމަކީ ވެސް ގާނޫނުން ލިބިފައިވާ ހައްގެއް ކަމާއި ގާނޫނީ ޒިންމާއެއް ކަމަށް ގަބޫލުކުރާ ފުލުހުންތަކެއް ހިދުމަތަށް ނެރުމަށް ގޮވާލާ ކަމަށް ވެސް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.

ހައްޔަރުކުރި ނޫސްވެރިން ބުދަދުވަހުގެރޭ ދަންވަރު 1:00 ހާއިރު ވަނީ ދޫކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް