ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމާއި ދަހިވެތިކަމުން ދުރުވެ، ގައުމު އިސްކުރުން ކަމަށް ދިގު މުއްދަތަކަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ކުރީގެ ރައީސް އަދި ސަރުކާރުން ހިންގާ މައި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމާއި ދަހިވެތި ކަމުން ދުރުވުންކަމަށާއި ތިމާއަށް ލިބޭ ފައިދާއަށް ވުރެ ގައުމުގެ ފައިދާ އިސްކުރުން ކަމަށެވެ.
Real independence is to be free from selfishness & greed; to put the good of the nation before your own good. Happy Independence Day!
— Maumoon Abdul Gayoom (@maumoonagayoom) July 26, 2017
ރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާއިރު، ރައީސް މައުމޫން ހުންނެވީ ރައީސް މައުމޫން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް ސަރުކާރު ހިންގަވަމުން ގެންދަވާ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ދެކޮޅަށް ނިކުމެވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދި ފަހުން މ. ކުނޫޒުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ރައީސް މައުމޫން ވަނީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް ކުރެވުނު މަސައްކަތްތަކާއިމެދު ހިތާމަ ކުރައްވާކަމަށެވެ. އަދި ރައީސް މައުމޫން ވަނީ އެކަމަށް ދިވެހިރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިވަޑައިގަންނަވާފަ އެވެ.
ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލާތު ޕާޓީގެ ރައީސް ޝެއިހް އިމްރާން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއާއި ގުޅިގެން ގައުމު އިސްލާހު ކުރުމުގެ މަސައްކަތެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަތުގައި ބޭއްވުމަށް ނިންމާފައިވާ ރަސްމީ އެއްވެސް ހަރަކާތަކަށް ރައީސް މައުމޫނަށް ދައުވަތު ދެއްވާފައެއް ނުވެއެވެ.