ޚުދުމުޚުތާރުވެރިންނާއި ޖިނާޢީ ކުށްކުށުގެ ވާހަކަދައްކާއިރު މީގެ އަހަރުތަކެއް ކުރިން އެންމެގެ ދުލުކުރިއަށްހެން އަންނަ އެއް ނަމަކަށް ވާނީ ކިއުބާއެވެ. ނަމަވެސް ކިއުބާއާ ބެހޭ ގޮތުން މިފަހަރު ހިއްސާކުރަން މިއުޅެނީ ތަފާތު ވާހަކައެކެވެ. މިއީ ކިއުބާގައި ވެރިކަން ކުރާ، އަދި އެ ޤައުމުގެ އެންމެ ބޮޑު ސިޓީ ކަމަށް ވާ ހަވާނާގެ ރަށްބޭރުގައި އޮންނަ ކުޑަކުޑަ ދަނޑެއްގައި ކުރަމުން އަންނަ، ޢާއިލީ ވިޔަފާރިއެއްގެ ވާހަކައެވެ. އެ ޢާއިލާގެ މަސައްކަތަކީ ގްލޫޓަން-ފްރީ ފުށް އުފެއްދުމެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވަމުން އަންނަ ކިއުބާގައި ގްލޫޓަން-ފްރީ ފުށް އުފެއްދުމަށް އެ ޢާއިލާއިން މުޅިންވެސް ޚިޔާރު ކުރަނީ އެ ޤައުމުން ލިބެން ހުންނަ، ދޮންކޭލާއި، ކާށި އަދި ޔޫކާ ނުވަތަ ސުތުލި ގަހޭ ދިވެހިން ކިޔައި އުޅޭ ގަހުގެ ބައިތަކެވެ.
ކިއުބާއަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑު އިންސައްތައަކީ އެ ޤައުމަށް އިމްޕޯޓް ކުރާ މުދަލެވެ. ނަމަވެސް، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަމާއި، އެމެރިކާއިން ކިއުބާއާ ދެކޮޅަށް ތަންފީޒު ކުރަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ހީނަރުވަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތާ ހެދި، ކިއުބާއަށް ވަންނަ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފަތުރުވެރިކަމުގެ ސިނާޢަތަކީ މީގެ އަހަރުތަކެއް ކުރިން، ކިއުބާގެވެސް ރަން ބިސް އަޅާ ކުކުޅު ކަމަށް ބުނެވިދާނެއެވެ.
މިފަދަ އެތައް ކަމަކާ ހެދި ދިރިއުޅުމަށް ކުރިމަތިވެފައި ގޮންޖެހުންތަކާ މެދު މާޔޫސްވެގެން އިނުމުގެ ބަދަލުގައި، ޢުމުރުން 38 އަހަރުގެ ވިޔަފާރިވެރިޔާ، ގެބްރިއޭލް ޕެރޭޒް ތެދުވީ އައު ހިތްވަރަކާއެކު ކުރިއަށް ދިއުމަށެވެ. އޭނާ ދިރިއުޅެމުން ދިޔަ ގެއާއި، މީގެ ކުރިން އޭނާ ކުރަމުން ދިޔަ ވިޔަފާރިވެސް ވިއްކާލިއެވެ. އެއީ ހަވާނާގެ ރަށްބޭރުގައި އޮންނަ ދަނޑެއްގައި ދިރިއުޅުން އަރާސްތުކޮށް، ވިޔަފާރި ކުރާނެ އިތުރު މަގުތައް ހޯދުމުގެ މަޤްޞަދުގައެވެ.
ފުރަތަމަ ކަމަކަށް، އަހަރެމެންގެ އުފެއްދުންތައް މުޅިންވެސް މި ތައްޔާރު ކުރަނީ، އޯގޭނިކް އެއްޗެހި ބޭނުން ކޮށްގެން. މީ އެއްވެސް ވަރަކަށް، ވަރުގަދަ ކެމިކަލްތައް ބޭނުންކޮށް ހުންނަ އެއްޗެއްސެއް ނޫން. ޖީން މޮޑިފައި ކޮށްފައެއްވެސް ނުވާނެ. ދެވަނަ ކަމަކީ، އަހަރެމެންގެ މި މަސައްކަތުން އެބަ ޖެހޭތާ ދޯ ކޮންމެވެސް ބަޔަކަށް ފައިދާއެއް ކުރަން. މި ނަޒަރުން ބަލާއިރު، އަހަރެމެންގެ މި އުފެއްދުމަކީ ގްލޫޓަންގެ މާއްދާ އެކުލެވިގެން ނުވާ ފުށެއް. މީ ކޮލިކް ބައްޔާއި، ލޭމައްޗަށް ދާ ބައްޔާއި، ހަކުރުބަލީގެ މީހުންނަށް ވަރަށް ބޭނުންތެރި ފުށެއް.ގެބްރިއޭލް ޕެރޭޒް؛ ބަރކޮރެއްޓޯ ކުންފުނީގެ ވެރިޔާ
ގްލޫޓަންގެ މާއްދާ އެކުލެވިގެން ނުވާ ފުށަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މި ފަހަކަށް އައިސް ބޮޑު މަޤުބޫލު ކަމެއް ހޯދާފައިވާ ފުށެކެވެ. ނަމަވެސް ފިސާރި އަގުވެސް ހުރެއެވެ. ޖީބަށް ލުއި ގޮތަކަށް ގްލޫޓަން-ފްރީ ފުށް އުފެއްދުމަށްޓަކައި ޕެރޭޒްގެ މަސައްކަތަކަށް ވެފައި އޮންނަނީ ޔޫކާއާއި، ހަނޑޫ، އަދި ދޮންކޭލާއި ކާށި ހިއްކާ މުގުރުމެވެ. ޕެރޭޒްގެ މި އުފެއްދުމަކީ، ގްލޫޓަންއާ ނުގުޅޭ މީހުންނަށްވެސް ބޭނުން ކުރެވޭ ފުށެކެވެ. ޕެރޭޒްގެ ވިޔަފާރިއަށް ދީފައި ވާ ނަމަކީ "ބަރކޮރެއްޓޯ"އެވެ.
ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއެކު، މިފަދަ ވިޔަފާރިއެއް ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށް، ޕެރޭޒްގެ މަންމަވެސް ޤަބޫލު ކުރެއެވެ.
"މީ ކުރަން ވަރަށް މުހިންމު ކަމެއްހެން އަހަންނަށް ހީވަނީ. އެއީ، މީހުންގެ ކެއިންބުއިމުގެ އާދާތައް މިހާރު ވަރަށް ބޮޑަށް، ވެއްޓާ ރައްޓެހި ހަމަތަކުން ހަވާސާވެއްޖެ. ލިބެން ހުރި މަދު އެއްޗަކުން، އިތުރުވަމުންދާ އާބާދީއަކަށް ކާންދޭން ޖެހިފަ އޮތީމަ. ވެއްޓާ ރައްޓެހި ކާބޯތަކެތި ކެއުމުގެ ވައްޓަފާޅިއާއި، ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކުރުމާއި، އަމިއްލައަށް ކައްކައިގެން ކެއުމުގެ އާދައާ ވަރަށް ދުރުވެއްޖެހެން އަހަންނަށް ހީވަނީ."ނޮއެއްލާ ގޮންޒާލޭޒް؛ ޕެރޭޒްގެ މަންމަ
އަތްމަތި ދަތިވެ، މާލީ ގޮތުން ތަކުލީފުތައް އުފުލާ މީހުންނަށްވެސް ޕެރޭޒްގެ މަސައްކަތުން، މިހާރު ވަނީ އަލި މަގެއް ފެނިފައެވެ.
މި ފިހާރައަށް ވަރަށް ގިނަ މީހުން އާދޭ، މި ކަހަލަ ފުށް ހޯދަން. ބަރކޮރެއްޓޯ ފުށަކީ ވަރަށް ގިނަ މީހުން ބަލައިގަނެފަ އޮތް ފުށެއް. ވަކިން ޚާއްޞަކޮށް ދޮންކޭލާއި ޔޫކާ ފުށް. އެއީ މި ފިހާރައިގަ ހުރި ބާވަތްތަކަކީވެސް. މި ބާވަތްތައް ބޭނުން ކޮށްގެން، ވަރަށް މީރު އެއްޗެހި ތައްޔާރު ކޮށްލެވޭނެ. އަދި ކޮބާ، ކޮންމެ މީހަކަށްވެސް ގަނެލެވޭހާ ހެޔޮ އަގެއްގަ މި ހުންނަނީ.ގެބްރިއެއްލާ ޕުއިގް؛ އޯގޭނިކް އެއްޗެހި ވިއްކާ ފިހާރައެއްގަ އުޅޭ މީހެއް
ކިއުބާގައި މިނިވަން ކަމާއެކު އަމިއްލަ ކުންފުނިތަކަށް ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. 1959 ވަނަ އަހަރުގެ ތެރޭގައި ފިޑެލް ކާސްޓްރޯ، ކިއުބާއަށް ގެނައި 'އިންޤިލާބާ'އެކު އެ ޤައުމަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ކަން އެހެން އޮތް އިރު، ވިޔަފާރި ކުރިއަރުވާ ފުޅާ ކުރުމަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެއްސުމަކީ އަދިވެސް ދަތި ކަމެއްކަން ޕެރޭޒް ވަނީ ފާހަގަ ކޮށްފައެވެ.