ރާއްޖޭގައި ހިންގާ މަންޓާ އެއާ އިން، ދ. ކުޑަހުވަދޫ އެއާޕޯޓުން އިންޑިޔާގެ ބެންގަލޫރުއަށް ސީދާ ދަތުރު ކުރުމަށް ނިންމައިފި އެވެ.
އެކަން ހާމަ ކުރަމުން މަންޓާ އެއާ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މަންޓާ އިން މިފަދައިން ނިންމާފައިވަނީ ބެންގަލޫރުގެ ރިޓްޒް-ކާލްޓަން ރިސޯޓުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ކަމަށެވެ.
އެގޮތުން އެ އެއާލައިނުން ބުނީ ދާލު އެއާޕޯޓުން ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓްރާންސިޓް ކުރުމުގައި ދިމާވާ ދަތިތަކުން ސަލާމަތް ކުރުމާ އެކު، ޕަސެންޖަރުންގެ އަތުން ކުރާ ޚަރަދުތައް ކުޑަކުރުމާއި އަދި ދާލު އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ސީދާ ފަތުރުވެރިން ގެނެސްދިނުމުގެ މަގްސަދުގައި ކަމަށެވެ.
އަދި މަންޓާ އެއާ މެދުވެރިކޮށް އިންޑިޔާއިން ދަތުރުކުރާ ފަރާތްތަކަށް އިމިގްރޭޝަންގެ އަވަސް ޚިދުމަތް ފޯރުކޮށްދިނުމަކީ ވެސް އެ އެއާލައިނުގެ މަގްސަދެއް ކަމުގައި މަންޓާ އިން ބުނެ އެވެ.
އެގޮތުން މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މަންޓާ އާލައިންގެ ސީއީއޯ މުޙައްމަދު ޚަލީލު ވިދާޅުވީ މަންޓާ އެއާ އިން ރާއްޖެ-އިންޑިޔާގެ ދަތުރުތައް ފުޅާކުރުމާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިންޑިޔާގެ ފަތުރުވެރިންނަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ އިންޑިޔާގެ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމުގައި ވެސް ޚަލީލު ފާހަގަ ކުރެއްވި އެވެ.
ރާއްޖެއަށް ފަސޭހައިން އަދި ހެޔޮ އަގުގައި ދަތުރުކުރެވޭނެ މަގު ފަހިކޮށްދީ، 2024 ވަނަ އަހަރާއި އެއަށްވުރެ ވެސް ފަހުން ބެންގަލޫރުންނާއި އިންޑިއާގެ އެކި ކަންކޮޅުތަކުން ދަތުރުފަތުރުގެ ޑިމާންޑް ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް އަޅުގަނޑުމެނަށް ލަފާކުރެވޭމުޙައްމަދު ޚަލީލު / މަންޓާ އެއާގެ ސީއީއޯ
މީގެ އިތުރުން ޚަލީލު ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ދާލު އަތޮޅުތަކުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެ ކަމަށެވެ.
ޚަލީލު މިފަދައިން ވިދާޅުވި އިރު ދާލު އަތޮޅުގައި ގިނަ އަދި ދުނިޔޭގެ ފެންވަރުގައި މަތީ ފަންތީގެ ރިސޯޓުތަކެއް ދަނީ އޮޕަރޭޓު ކުރަމުންނެވެ. އޭގެ ތެރޭގައި ކަނޑިންމާ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، ސެއިންޓް ރެޖިސް މޯލްޑިވްސް، ބަގްލިއޯނީ، އަންގްސާނާ ވެލާވާރު އަދި ސަން ސިޔާމު އިރު ވެލި ހިމެނެ އެވެ.
މި ދަތުރުތައް ފެށިއްޖެ ނަމަ، މި ދަތުރުތައް ވާނީ ކުޑަހުވަދޫ އެއާޕޯޓުން ސީދާ އިންޑިޔާއަށް ކުރާ ފުރަތަމަ ދަތުރުތަކަށެވެ.