ރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސަރުކާރުން ދައުވަތު ދެއްވާފައިނުވާ ކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާ ގުޅިގެން ސަރުކާރުން އިންތިޒާމް ކޮށްގެން ބާއްވާ އެއްވެސް ރަސްމިއްޔާތަކަށް ރައީސް މައުމޫނަށް ދައުވަތު ދެއްވާފައިނުވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތަށް އެމަނިކުފާނަށް ދައުވަތު އެރުވި އެވެ. ނަމަވެސް، އެ ރަސްމިއްޔާތަށް ވަޑައިނުގެން އެމަނިކުފާނު ވަނީ ރަަސްމިއްޔާތު ބޮއިކޮޓް ކުރައްވާފަ އެވެ.
ރައީސް މައުމޫނަށް ދައުވަތު އަރުވާފައިނުވާއިރު، މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކަށް ރައީސް ޑރ. މުހައްމަދު ވަހީދަށް ސަރުކާރުން ވަނީ ދައުވަތު އަރުވާފަ އެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދެކަނބަލުންގެ ޝަރަފުގައި ރައީސް އަަބްދުﷲ ޔާމީން އަންގާރަ ދުވަހުގެ ރޭ ދެއްވި ރަސްމީ ޖާފަތުގައި ރައީސް ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކަށް ރައީސް މައުމޫނަށް ދައުވަތު އަރުވާފައިނުވާއިރު، ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމަށްފަހު އެމަނިކުފާނު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިދިކޮޅު ފަރާތްތަކާއެކު އެވެ. ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ގެންދަވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ.