ކ. މާލެ
|
26 ޖުލައި 2017 | ބުދަ 13:32
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނ.ޣ.ޢ.ވ. ބޮޑުވަޒީރު ކަމާއި ރައީސް ކަމުގައި ރާއްޖެއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނ.ޣ.ޢ.ވ. ބޮޑުވަޒީރު ކަމާއި ރައީސް ކަމުގައި ރާއްޖެއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި
ގޫގުލް
ރައީސް ނާސިރުގެ ޚިދުމަތް
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
26 ޖުލައި 1965 ގައި ދިވެހި ޤައުމު އިނގިރޭސިންގެ އަތް ދަށުން މިނިވަން ކޮށްދެއްވި
އދ. ގެ މެމްބަރުކަން ރާއްޖެއަށް ހޯއްދަވައިދެއްވި
ޒަމާނީ އިގްތިސާދުގެ ބިންގާ އަޅުއްވައިދެއްވި

ދިވެހިރާއްޖެ އަކީ ކުޑަ ގައުމެއް ކަމުގައި ވިޔަސް ރާއްޖެއަކީ ޒަމާންވީ ތާރީހެއް އޮތް ގައުމެކެވެ. ރާއްޖޭގެ ދިގު ތާރީހުގައި 800 އަހަރަށް ވުރެ ދިގު މުއްދަތަކަށް އޮތް ރަސްކަމުގައި އެކަނިވެސް 84 ބޭފުޅުން ވެރިކަން ކުރައްވާފައިވެއެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ޖުމްހޫރިއްޔާއަކަށް ބަދަލުވެ، 2017 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެއިން މި ފާހަގަ ކުރަނީ ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހެވެ.

ނާސިރުގެ ވެރިކަން ފެށުމާ ހަމައަށް ފާއިތުވެ ދިޔަ ދިގު މާޒީގައިވެސް ވެރިކަމުގެ ފަރާތުން ރައްޔިތުންގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްތަކެއް އޮންނާނީ ކޮށްފައި ކަމާމެދު ޝައްކެއް ނެތެވެ. އެހެނީ، ރައްޔިތުންގެ ކުރިއެރުމާ ލާބައަށް ނޫން ގޮތަކަށް އެއްވެސް ތަނެއްގައި ވެރިކަމެއް އޮންނާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު ގައުމަށް ތަރައްގީ އަންނަ މިންވަރާއި، ތަރައްގީގެ މަންފާ ރައްޔިތަކަށް ކުރާނީ، ވެރިކަމުގެ ފަރާތުން އެކަމަށް ގެންގުޅޭ ސިޔާސަތު ތަކަކާއި ވިސްނުންތަކެއްގެ ތެރޭންކަން ކަށަވަރެވެ. ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު އަދި އެނގެން އޮތް މިންވަރަކުން ދިރާސާކޮށް ހޯދާއިރު އެކި އެކި ރަސްރަސްކަލުންގެ ވެރިކަން ނިމުމާއާ ހަމައަށް ރާއްޖެ ދަތުރު ކުރި އިރު، އަދި އޭގެ ފަހުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، އަލުން ރަސްކަމެއް އައިސް މިހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް ރާއްޖޭގެ ތަރައްގީގެ މަގުގައި އެކަށީގެންވާ ފިޔަވަޅު ތަކެއް އަޅާފައި ނެތް ކަމީ ފެންނާން އޮތް ހަގީގަތެކެވެ. ފަސް ދޮޅަހުގެ އަހަރުތައް ނިމުނު އިރުވެސް ރޭވުންތެރި ކަމެއްގެ ތެރެއިން ކުރިއަރާ ދާނެ ގޮތުގެ ތަސައްވުރެއް، ޕްލޭނެއް ރާއްޖޭގައި ނެތް ކަން އެނގެއެވެ. އޭގެ ކުރިން ކަންކުރަމުން އައި އުސޫލެއް ކަމަށް ބެލެވެނީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެ ވަގުތަކު ވިސްނިވަޑައިގެންނެވި ހެޔޮ ކަމެއް ކުރައްވާފައިވާ، ވިސްނުންފުޅު ނެތް ކަމެއް ނުކޮށް ދޫކޮށްލައްވާ ކަހަލަ ގޮތަކަށެވެ. އެ މޭރުމުން ކުރެއްވި ކަމެއްވެސް ކުރައްވާފައިވަނީ މައިގަނޑު ގޮތެއްގައި ވެރިރަށް މާލެއަށް ކަމަށް ފެނެއެވެ.

ކަންކަން ބަދަލުވެ، މިއަދު ރާއްޖެއަށް އައިސްފައިވާ ކުރިއެރުންތަކުގެ ހަގީގީ ބިންގާ އެޅުއްވި ބޭފުޅަކީ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ކަމާމެދު ޝައްކެއް ކުރާނެ ޖާގައެއް ނެތެވެ. ނާސިރުގެ ބޮޑުވަޒީރު ކަމާއި ރައީސް ކަމުގައި ކުރައްވާފައިވާ އަގު ނުކުރެވޭފަދަ ޚިދުމަތްތަކުގެ ލިސްޓަށް ނަޒަރު ހިންގާލުމުން މިދެންނެވި ހަގީގަތް ފެނެއެވެ.

ރައީސް ނާސިރު މި ޤައުމަށް ގިނަގުނަ، ބޮޑެތި ޚިދްމަތްތަކެއް ކުރެއްވީ، އެ ކަންކަން ކުރެއްވި ގޮތުގެ ވާހަކަތައް ފަތުރުއްވާ، ފޮތްތައް ލިޔުއްވާ، ކަންކަމުގެ ޝަރަފު ހޯއްދެވުމަށް ނުވަތަ "ފީތާފަށް ކެނޑުއްވުމަށް" ޝައުގުވެރިވެ ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ކަމެއް ފާހަގަ އެއް ނުކުރެވެއެވެ. އެ ޝަހުސިއްޔަތު ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ބަސްމަދު، ޢަމަލުގެ ބޭފުޅެކެވެ. އެހެންކަމުން، އެމަނިކުފާނުގެ ދައުރުގައި ކުރެއްވި ކަންކަމުގެ މަޢުލޫމާތުތައް ހުއްޓަސް ހުންނާނީ ސަރުކާރުގެ އަރުޝީފުގައި، ނުވަތަ، ކަމާބެހޭ އިދާރާތަކުގައި "ސިއްރު" ގެ ގޮތުގައި ކަމަށް ވެދާނެއެވެ. އެހެން ކަމުން އެމަނިކުފާނުގެ ޚިދުމަތްތައް ކުރު ގޮތަކަށް ނަމަވެސް ހޯދާ ނޯޓު ކޮށްލުމަކީވެސް ފަސޭހަ ކަމަކަށް ނުވެއެވެ.

ރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ނާސިރު ހޯއްދަވައިދެއްވި މިނިވަންކަމާއެކު، އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލާން ބަލާލިއިރު، ފައިސާއެއް، ވަސީލަތެއް، ކަމެއް ކުރެވޭނެ މަގެއް، ގުޅުން އޮތް ގައުމެއް، ގުޅުން އުފެއްދޭނެ ގޮތެއް އަދި ކަންކަން ކުރުމަށް ގާބިލް މީހުންނެއް ރާއްޖެއަކު ނެތެވެ. ރާއްޖެތެރޭގައި ރަށްތައް އޮތީ ވީރާނާވެފައެވެ.

ކަން މިހެން އޮތުމާއެކު 26 ޖުލައި 1965 ގައި ދިވެހި ޤައުމު އިނގިރޭސިންގެ އަތްދަށުން މިނިވަން ކުރެއްވުމާއެކު ނާސިރު އެންމެ އަވަސް ކަމެއް ދެއްވީ، ދިވެހި ރާއްޖެ އ.ދ. ގައި ބައިވެރި ކުރެއްވުމަށެވެ. ސަބަބު ވަރަށް ސާފެވެ. ގައުމަކަށް ލިބޭނެ އެންމެ އަގުހުރި އެއް ނިއުމަތަކީ، މިނިވަންކަން ކަމުގައި ވުމާއެކު އެ މިނިވަންކަން ހިމާޔަތް ކުރެއްވުމެވެ. އެއާއެކު ޤައުމު ތަރައްޤީ ކުރެއްވުމަށް ބޭރު ދުނިޔޭން ލިބެން ހުރި ވަސީލަތްތައް ހޯއްދެވުމަށެވެ. އ.ދ. ގައި ބައިވެރިވުން ވެސް ރާއްޖެއަށް ވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މައްސަލައަކަށްވީ މާ ބޮޑު ވަސީލަތެއް ނެތް ކުޑަކުޑަ ގައުމަކުން އ.ދ. ގެ މެމްބަރަކަށް ވާން އުޅުމެވެ. މިކަންވީ ސިކިއުރިޓީ ކައުންސިލުން ޤަނޫނީ ލަފާ ވެސް ހޯދަން ޖެހުނު މައްސަލައަކަށެވެ. ނަމަވެސް،އާޚިރުގައި ދިވެހި ރާއްޖޭގެ މި އިސްނެގުން ވެގެން ދިޔައީ، މިނިވަން ކަމަށް މަސައްކަތް ކުރި އެހެން ކުދި ގައުމުތަކަށް ލިބުނު ހިތްވަރަކަށެވެ. އ.ދ. ގައި ބައިވެރި ވުމާއެކު އެކު ހެން، ނުފޯރާ ހާލުގައި ވެސް، އެމެރިކާގެ ވޮޝިންގްޓަން ގައި ނާސިރު އެމްބަސީއެއް ޤާއިމު ކުރެއްވިއެވެ. ވަރަށް ކުޑަ އާމްދަނީއެއް ލިބުނު އޭރުގެ ދިވެހި ރާއްޖެއަށް އެކަން ވާނީ ބޮޑު ޚަރަދަކަށެވެ. އެކަމަކުވެސް، އެމެރިކާ އަކީ އެ ހިނދަށް ވަދެވެން އޮތް އެންމެ ރައްކާތެރި ހިޔާ ކަމަށް ނާސިރުގެ ވިސްނުންފުޅު ހުރީ ކަމަށް ގަބޫލު ކުރެވެއެވެ.  

ރައީސް ނާސިރަށް ރާއްޖޭގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، ޒަމާން ތަކަކަށް ފަހު މި ގައުމަށް ދިމާވި އެންމެ ޚުތޫރަތްތެރި، ނުރައްކާ، ވަގުތުގައެވެ. 1957 ގައި ނާސިރު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެން 8 އަހަރު ވީއިރު (1965 އާ ހަމައިން) ރާއްޖޭގެ އިޤްތިޞޯދާއި، ތަޢްލީމާއި، ސިއްހީ ޚިދްމަތާއި، އަދުލު އިންސާފާއި، ސަލާމަތީ ކަންތައްތަކާއި، މިހެން ގޮސް އެތައް ކަންތައްތަކެއް ވަނީ އިންގިލާބީ ބަދަލުތަކެއް ގެންނެވިއެވެ. އެ 8 އަހަރަކީ ރާއްޖޭ ގެ މިނިވަންކަން ހާސިލް ކުރެވި ވަރަށް ނުރައްކާތެރި ގޮންޖެހުންތައް ވެސް ކުރިމަތި ކުރި 8 އަހަރު ވެސްމެއެވެ. އެހެން ނަމަވެސް، ދެކުނު ބަގާވާތް ފަތަހަ ކުރައްވައި، އިގްތިސޯދު އަޅުވެތި ކޮށްގެން ތިބި ވޯރާ ވިޔަފާރިވެރިން ބޭރުކުރައްވާ، ގައުމު ތަރައްގީ ކުރެއްވުމުގައި ބާރަށް ހަލުވި ކަންމަތީ އެމަނިކުފާނު ވަޑައިގަތެވެ.  

ރައީސް ނާސިރުގެ ޚިދުމަތްތަކުގެ ތެރޭންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ  މުޅި ރާއްޖޭގެ އިގްތިސާދު އެ ސިނާއަތަކަށް މިއަދުވެސް ބަރޯސާ ވެފައިވާ ފަތުރުވެރިކަން ރާއްޖޭގައި ފެއްޓެވުމެވެ. އިގްތިސާދު ފުޅާކުރެއްވުމުގެ ގޮތުން، ރާއްޖޭގައި ޓޫރިޒަމް ފެށުމަށް ބޭނުންވާ ކަމަށާއި، އެކަން ކުރެވޭނެ ގޮތަކީ ކޮބާތޯ ތަޖުރިބާކާރުންގެ ޓީމަކަށް ސަރުކާރުން ހުށަހެޅިއެވެ. 1966 ގެ ޔޫ.އެން. ގެ ތަޖްރިބާކާރުން ތައްޔާރު ކުރި ރިޕޯޓެއްގައި ވައިގެ ބަނދަރު ނެތުން ފަދަ ބޮޑެތި ސަބަބުތައް ހުރެގެން އޭރު ޓޫރިޒަމް އަދި ނުފެށޭނެ ކަމަށް ބުނެފައި އޮއްވައި، އެއާޕޯޓު އިތުރަށް ރަނގަޅު ކުރައްވައި، ސިވިލް އޭވިއޭޝަން ތަޢާރަފް ކުރައްވައި، އަމިއްލަ ފަރާތަތަކަށް ބައިވެރިވެވޭ ގޮތައް ޓޫރިޒަމް ރާއްޖޭގައި ނާސިރު ފެއްޓެވިއެވެ. 1972 ވަނަ އަހަރު ފެށުނު ފަތުރުވެރިކަމުގެ ސިނާއަތުގައި އެއަހަރު ރާއްޖެއަށް 377 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ފަތުރުވެރިންނަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގައި ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ތަރައްގީވެފައި ނުވަނީސް ފަތުރުވެރިކަން ފެށިގެން އައިސް އެންމެ ފަސް އަހަރުގެ ތެރޭގައި މަގްބޫލް މަންޒިލަކަށް ރާއްޖެ ވެގެން ދިޔައެވެ.

ރާއްޖޭގެ ތަރައްގީގެ މަގުން ޕްރޮގްރާމެއް ފެއްޓެވުމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީއަށް އެދިވަޑައިގެން ނާސިރުގެ ސަރުކާރުން ސިޓީއެއް ފޮނުއްވިއެވެ. އެ އިސްނެގުން ވެގެން ދިޔައީ، ރޭވިގެން ތަރައްގީގެ ކަންކަން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެޅުނު ފުރަތަމަ އަދި ވަރަށް މުހިންމު ފިޔަވަޅަކަށެވެ. ޔޫއެންޑީޕީގެ އެހީގައި ފުރަތަމަ ފަހަރަށް ޕްރޮގްރާމެއް އެކުލަވާލާ އާއްމު ކުރީ 1972 ވަނަ އަހަރުއެވެ. 1972 ން 1976 ށް އެއް މިލިއަން ޑޮލަރުގެ އެހީއާއެކު ފެށިގެން ދިޔަ މި ޕްރޮގްރާމްގެ ތެރެއިން ތަރައްގީގެ މިސްރާބު އަމާޒު ކުރާނެ ދާއިރާތައް ފާހަގަ ކުރެވިގެން ދިޔައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް "މަޝްރޫއު" ތަކެއް ހިންގަން ފެށުނެވެ. ފުރަތަމަ ފަސްއަހަރު ނިމުމުން ހާސިލް ކުރެވުނު ކަންކަމާއި، ހާސިލް ނުވި ކަންކަން މުރާޖައާކޮށް ލިބުނު ނަތީޖާގެ އަލީގައި ތަރައްގީގެ ދެވަނަ ޕްރޮގްރާމް 1977 ން 1981 ގެ މުއްދަތައް އެކުލަވާލާ ތަންފީޒް ކުރެވުނެވެ.

ފުރަތަމަ ޕްލޭނާ ހަމައަށް އައުދެވުނު އިރު ރާއްޖެ އޮތް ގޮތަށް ބަލާއިރު އެކަނިވެސް އޭގެ ކުރިން ރާއްޖެ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދޭނެ އިގްތިސާދެއް ބިނާވެފައި ނެތްކަން ހާމަވެއެވެ. 1970 ގެ މެދުތެރެއަށް އެޅި އިރުވެސް ރާއްޖެއަށް ލިބޭ އާމްދަނީގެ 90 އިން ސައްތަ އަކީ މަސްވެރިކަމުން ލިބުނު އެއްޗެކެވެ. މަސްވެރިން ބާނާ ރޯމަސް ޖަޕާނާއި ދެކުނު ކޮރެއާގެ ބޯޓު ފަހަރުން އައިސް ގަންނަނީއެވެ. އެއީ އިގްތިސާދުގެ މައި ހަރަކާތެވެ. ބޭރުފައިސާ ލިބެމުންދިޔަ މައި ވަސީލަތެވެ. އެކްސްޕޯޓު ކުރާ މަސް ވިއްކާ ހަމައެކަނި ތަނަކީ ސިލޯނެވެ. ހަމަ އެންމެ މިސާލެއް ދަންނަވާލާނަމެވެ. 1964 ވަނަ އަހަރު ރާއްޖޭގެ އެކްސްޕޯޓަށް ލިބުނު ޖުމްލަ އާމްދަނީ ކަމުގައި އޮންނަނީ، 9،653،000 ރުފިޔާއެވެ. އޭގެ ތެރެއިން 9.5 މިލިއަން ރުފިޔާއަކީ މަސް ވިއްކައިގެން ލިބުނު އާމްދަނީއެވެ. އެއަހަރު ހަނޑޫ، ހަކުރު ފުށާއި، ފޮއްޗާއި އެހެނިހެން މުހިންމު އެއްޗެހި ރާއްޖެއަށް އެތެރެ ކުރުމަށް 9،492،000 ރުފިޔާގެ ޚަރަދު ހިނގާފައިވެއެވެ. އެހެން ކަމުން އާމްދަނީ ގާތްގަނޑަކަށް މުޅިން ހުސްވެދަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެ ކުރުމަށެވެ. 1964 ވަނަ އަހަރު ދައުލަތައް ލިބުނު ޖުމްލަ އާމްދަނީ އަކީ 20،962،200 ރުފިޔާއެވެ. އެއަހަރު ޚަރަދުވީ ކަމަށް އޮންނަނީ 19،621،200 ރުފިޔާއެވެ. މީގެ ތެރެއިން 11.9 މިލިއަން ހޭދަވެފައިވަނީ، ވިޔަފާރިއާ ގުޅޭ ޚަރަދުތަކަށެވެ. ބާކީ 7.6 މިލިއަން ރުފިޔާއަކީ ދައުލަތުގެ އެހެން ހުރިހާ ކަމަށް ޚަރަދުވި ފައިސާއެވެ. ތަރައްގީއަށް ހޭދަ ކުރުމަށް ބާކީ އޮތީ ކޮން އެއްޗެއްތޯއެވެ؟

210 ރަށުގައި މީހުން ވަޒަން ވެރިވެފައިވާއިރު، ރަށްރަށުގައި ވެސް ލިބޭ މައިގަނޑު އާމްދަނީ ބިނާވެފައި އޮތީ ބާނާ މަސްކޮޅުގެ މައްޗަށެވެ. މަދުމަދުން ކާއްޓާއި، ރަށުގައި ހައްދާ މޭވާ އާއި ތަރުކާރީ މާލެ އަށް ވިއްކައިގެން އިތުރު އެއްޗެއް ލިބިދާނެއެވެ. މި ގޮތުންވެސް އުފައްދާ މީހާއަށް ލިބޭނީ ނިސްބަތުން ވަރަށް ކުޑަ އެއްޗެކެވެ. މާލެއަށް ތަކެތި ވިއްކުމަށްފަހު ލިބޭ ފައިސާކޮޅަށް ހަނޑޫ، ހަކުރު ފުށް، ފޮތި އަދި ސައިބޯނި ފަދަ ތަކެތި ގަނެގަން ރާއްޖެތެރެއަށް ގެންދަނީއެވެ. މަސްވެރިކަން ތަދުވެއްޖެ ނަމަ ރަށްރަށް ހާލުގައި ޖެހުނަސް ސަރުކާރަކަށް ކޮށްދެވޭ ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. އެކަން ފޫބައްދަން އެ ރަށަކުން ހަދާ ގޮތަކީ އަތޮޅު ފަންޑުން ފައިސާ ހޯދުމާއި، އަވައްޓެރި ރަށްރަށުން އެހީ ހޯދުމެވެ.

ވަޒީފާގެ ފުރުސަތުތައް ރަށްރަށުގައި އަމްދުން ނެތޭވެސް ދެންނެވިދާނެއެވެ. ރަށްރަށުގައި ސަރުކާރުން މުސާރަ ދޭ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި  އޮންނާނީ ކަތީބު ކަމެވެ. ފަންނީ ގޮތުން އާމްދަނީ ލިބޭ ހަމައެކަނި މަސައްކަތަކަށް އޮންނަނީ އޮޑިދޯނިފަހަރުގެ ވަޑާން ކުރުމެވެ. ފެންވަރު ރަނގަޅު ވަޑިއަކަށް ދުވާލަކަށް 3 ރުފިޔާ ލިބޭ ކަމަށްވެއެވެ. އަތްދަށު ވަޑިއަކަށް 2 ރުފިޔާ އެވެ. ގެދޮރު ހެދުން ފަދަ މަސައްކަތްތަކަކީ ގާތްކަމުގެ ތެރެއިން މަސްކޮޅަކަށް ނުވަތަ ކާއެތިކޮޅަކަށް ކޮށްދޭ މަސައްކަތެކެވެ. ދެން ހުރި ވަޒީފާތަކަށް މުސާރަ ހަމަޖައްސަނީ، އެ ރަށެއްގެ ރައްޔިތުން ދޭ ފައިސާއިން އުފައްދާފައިވާ ފަންޑަކުންނެވެ. ސުކޫލެއް މިސްކިތެއް އެޅިޔަސް އަދި އެއިން ތަނެއް ބެލެހެއްޓުން ކަމުގައި ވިޔަސް ޚަރަދު ކުރުމަކީ މި ފަންޑުން ރައްޔިތުން ކުރާ ކަމެކެވެ. އޭގެ އިތުރުން ރަށްރަށުގެ ތަރައްގީއަށް ފައިސާއެއް ލިބޭނެ މަގަކަށް އޮންނަނީ، އަތޮޅު ކޮމިޓީން އޮޑިދޯނި ފަހަރު ލައިސަންސް ދޫކޮށްގެން ލިބޭ ފީ އާއި ކާށިން ލިބޭ އާމްދަނީ އާއި، މާލޭގައި ހުންނަ އަތޮޅު ފިހާރަ އިން ލިބޭ ފައިދާއިން ލިބޭ އެއްޗަކުން ރަށްރަށަށް ކުރާ ޚަރަދެވެ.

ރާއްޖޭގައި މާލެ ފިޔަވާ ކަރަންޓު ލިބޭ އޮންނަނީ 3 ރަށެވެ. އިނގިރޭސިންގެ ބެލުމުގެ ދަށުގައި އޮތް އައްޑު އަތޮޅު ރާއްޖޭގެ އެހެން އަތޮޅުތަކަށް ވުރެ ނިސްބަތުން އިގްތިސާދީ ގޮތުން އޮތީ ކުރީގައެވެ. އިގްތިސާދު އޭރު އޮތް ހާލަތު ހާމަވާ އަނެއް ކަމަކީ ރާއްޖޭގައި ބޭންކެއް ނެތުމެވެ. ބޭރު ފައިސާ ލިބޭނެ ގޮތެއް ނެތުމާއެކު ރާއްޖެއަށް އެތެރެކުރަންޖެހޭ މުދާ ގަތުމަށް ބޭރުފައިސާ ލިބޭ އިންތިޒާމަކަށް ހަމަޖެހިފައި އޮންނަނީ ސިލޯނާއެކު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުނެންވެ. އެއެއްބަސްވުމުގެ ދަށުން ހިކި މަސްވިއްކައިގެން ލިބޭ ސިލޯނު ފައިސާ ދިވެހި ސަރުކާރުން ބޭނުންވާ އެހެން ގައުމުތަކުގެ ފައިސާއަށް ބަދަލުކޮށްދިނުމުގެ އިންތިޒާމް އޮތީ ހަމަޖެހިފައެވެ. ކަން މިހެން އޮއްވާ ބޭންކުގެ ޚިދުމަތް ރާއްޖެެއަށް ރައީސް ނާސިރުގެ ވެރިކަމުގައި ތައާރަފް ކުރެއްވިއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޚިދުމަތް ރާއްޖޭގައި ފެށިގެން ދިޔައީ4 ފެބްރުއަރީ 1974 ވަނަ އަހަރުއެވެ. އެއީ ޒަމާނީ ބޭންކިންގެ ޚިދުމަތް ރާއްޖެއަށް ތައާރަފް ކުރެވިގެން ދިޔަ މުހިންމު ތާރީޚެވެ.

މަސްވެރިން ބާނާ މަސްކޮޅަކުން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ބޭރުފައިސާ ނުލިބޭނެކަމާއި، ބޭރުފައިސާ ރާއްޖެއަށް ވެއްދުމަށްޓަކައި އައު ކަންތައްތަކެއް ރާއްޖޭގައި ކުރާންވެއްޖެ ކަމަށް ރައީސް ނާސިރަށް ވިސްނި ވަޑައިގަތެވެ. ރާއްޖޭގެ އެކްސްޕޯޓު އިތުރުކުރެވޭނެ އުފެއްދުންތައް ތައާރުފް ކުރުމުގެ އިގްތިސާދީ ވިސްނުން ސަރުކާރުގެ އެންމެ މުހިންމު ސިޔާސާތުގެ ގޮތުގައި ފުރަތަމަ ފަހަރަށް ކަނޑައެޅުނީ ރައީސް ނާސިރުގެ ވެރިކަމުގައެވެ. ތަރައްގީގެ ކަންކަމުގައި ޕްލޭންތައް ހެދުމަށް ރާއްޖެއަށް އައި ބޭރުގެ ފަރާތްތަކަށް މައިގަނޑު ގޮތެއްގައި ވިސްނައިދީފައި އޮތީވެސް "ފޮރިން އެކްސްޗޭންޖް" އިތުރު ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައެވެ. ފަތުރުވެރިކަމާއި މުޅި އޭޝިއާ ގައި ފާހަގަކޮށްލެވުނު ބޮޑު ޝިޕިން ލައިނެއް ބިނާކުރުމުގެ މައިގަނޑު ވިސްނުމުގެ ފަހަތުގައިވަނީވެސް ބޭރު ފައިސާ ރާއްޖެއަށް ހޯދުމެވެ. އެއާއެކު ދަތުރުފަތުރުގެ ވިއުގަ ހަރުދަނާ ކުރުމާއި، މަތިންދާ ބޯޓުގެ އުދުހުންތަކުން ރާއްޖެ ބޭރު ދުނިޔެއާ ގުޅާލުމުގެ ވިސްނުމުގެ ފަހަތުގައިވެސް ވަނީ ރާއްޖެއަށް ބޭނުންވާ ބޭރުފައިސާ ހޯދުމެވެ. އަމިއްލަ މީހުންނަށް ވިޔަފާރީގައި ފުރުސަތު ދެއްވުމާއި އެ މީހުންނަށް ހިތްވަރާއި ރައުސުމާލު ދެއްވާ ހެއްދެވީވެސް އިގްތިސާދު ކުރިއެރުވުމެވެ. ރާއްޖެ "ފްރީ" ޕޯޓަކަށް ހެއްދެވުމުގެ ކޮންސެޕްޓު ގެންގުޅުއްވާ، ޑިއުޓީފްރީ ކުރައްވައި ބޭރުން މުދާތައް އެތެރެވުމާއި، ބޭރުން ވިޔަފާރިވެރިން މުދާ ގަންނަން ރާއްޖެ އައުމާއި ސިންގަޕޫރުގެ ވިޔަފާރިއާ ގުޅިގެން ވިޔަފާރިތަކެއް ތަޢާރަފް ކުރެއްވުމުގެ ފަހަތުގައިވެސް ވަނީ އިގްތިސާދު ރަނގަޅު ކުރައްވާ ބޭރުފައިސާ އިތުރު ކުރައްވާ ތަރައްގީގެ އިންޖީނު ބާރު ކުރެއްވުމެވެ.

މަސްވެރިކަމުގެ އިގްތިސާދަކީ ފުޅާ ކުރެވިދާނެ ސިނާއަތެއްކަންވެސް ވިސްނުމުގެ ތެރެއިން އޭގެ ކުރިން ފައިދާވެފައެއް ނުވެއެވެ. 1960 ގެ އަހަރުތައް ނިމުނުއިރު މަސްވެރިކަމުގެ ދާއިރާއިން ހަމައެކަނި ކުރެވުނު ކަމަކީ، ޖަޕާން އަދި ކޮރެއާ ބޯޓުފަހަރަށް ރޯމަސް ވިއްކުމާއި، ހިކި ކަނޑުމަހުގެ ގޮތުގައި ކޮޅުނބަށް މަސް ބޭރު ކުރުމެވެ. މިކަންކަން މިހާލުގައި އޮއްވާ، މަސް އޮޑިފަހަރުގައި އިންޖީނު އަޅުއްވާ މަސްވެރި ކަމުގެ ދުވެލި ބާރު ކުރެއްވިއެވެ. ބޯޓު ޔާޑެއް އުފައްދަވާ، އޮޑިފަހަރު ބަނުމުގެ ސްޕީޑް އަވަސް ކުރެއްވިއެވެ. ފެލިވަރުގައި މަސް ކާރުޚާނާއެއް އުފައްދަވާ ދަޅުގައި މަސް ބަންދު ކުރައްވަން ފެއްޓެވިއެވެ. މަސް ފިނި ކުރެވޭނެ ގޮތް ހޯއްދަވާ ދެއްވާ އެކްސްޕޯޓު ކުރާ މަހުގެ ކޮލިޓީ ރަނގަޅު ކުރެއްވިއެވެ. މަސްވެރިންގެ ރޫހު އާލާ ކުރެއްވުމަށް މަސްވެރިކަމުގެ މުބާރާތްތައް ބޭއްވެވިއެވެ.

މަސްވެރިކަމާ އެކުއެކީ ދަނޑުވެރިކަން ރަނގަޅު ކުރައްވަން ފީލްޑް އޮފިސަރުން ލެއްވެވިއެވެ. ދަނޑުވެރިކަމުގެ މުބާރާތްތައް ބާއްވަވާ އެ ދާއިރާއަށް ދިރުން ގެންނެވިއެވެ. ދަނޑުވެރިކަމުގެ ދިރާސާތައް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފައްޓަވާ، ދަނޑުވެރިކަމުން ލިބެމުން އައި ނަފާ އިތުރު ކުރެއްވެވިއެވެ.

އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރުވަން މަސައްކަތް ފަށައިގަނެވުނު އިރު ރާއްޖޭގެ ތައުލީމީ ހާލަތު އޮތް ދަށު ދަރަޖަ ވެގެން ދިޔައީ އެންމެ ބޮޑު ގޮންޖެހުމަށެވެ. ރައީސް ނާސިރުގެ ރައީސްކަން ފެށުމާ ހަމައަށް ރާއްޖޭގައި ހުރި ރަނގަޅު ފެންވަރުގެ ދެ ސްކޫލެވެ. އޭގެ އިތުރުން އިނގިރޭސި މިޑިއަމްގެ ސަރުކާރުގެ އެއް ޕްރީސްކޫލެވެ. އެ ދެ ސްކޫލްވެސް ހުރީ މާލޭގައެވެ. އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ވަކިން ކިޔަވައިދިން މި ދެ ސްކޫލްގައިވެސް އެންމެ މައްޗަށްވެސް ކިޔަވައިދިނީ ސެކެންޑަރީ ލެވެލް އަށެވެ. ރައީސް ނާސިރުގެ ވެރިކަމުގައި ވެރިރަށް މާލޭގެ ތައުލީމީ ހާލަތު ރަނގަޅު ކުރައްވަން މުހިންމު މަސައްކަތްތަކެއް ކުރެއްވުމާއެކު، ވެރިކަމުގެ ފަހުކޮޅު ރާއްޖެތެރޭގެ ތައުލީމީ ހާލަތު ރަނގަޅު ކުރައްވަން ފިޔަވަޅުތައް އެޅުއްވިއެވެ. 1966 ވަނަ އަހަރު ލަންޑަން ޖީސީއީ އޯލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރި ކުރަން ފެށިއިރު، ދަރިވަރުން ތައްޔާރުކުރަނީ ކޮމާސް މާއްދާތަކުގެ އިމްތިހާނަށް އެކަންޏެވެ. ރާއްޖެތެރޭގައި ތައުލީމީ ހާލަތު އަދި ވަކިން ދަށެވެ. ރަށްރަށުގައި ކިޔަވައިދިނުމަށް ސަރުކާރުން އެއް ކަމެއްވެސް ނުކުރެއެވެ. ތައުލީމް ދިނުމަކީ އެރަށެއްގެ ރަށް ކުރިއަރުވާ ކޮމިޓީއާއި އެ އަތޮޅެއްގެ އަތޮޅު ކުރިއަރުވާ ކޮމިޓީގެ ކަމެކެވެ. ރަށްރަށުގައި ހިނގަމުން ދިޔަ މަދަރުސާތަކުގައި ކިޔަވައިދެނީ ގުރުއާން އާއި ދިވެހި ބަހާއި ހިސާބެވެ. ބައެއް ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދެއެވެ. މަދަރުސާއެއްގައި 50 ދަރިވަރުން ނުވަތަ 100 ދަރިވަރުން ތިއްބަސް ގިނަ ތަންތާގައި ހުންނަނީ އެންމެ މުދައްރިސެކެވެ. މުދައްރިސެއްގެ މުސާރައިގެ ގޮތުގައި މަހަކު ލިބެނީ ވިއްސަކަށް ރުފިޔާ ކަމަށް ވިޔަސް އެ ފައިސާ އަކީވެސް ސަރުކާރުން ދޭ އެއްޗެއް ނޫނެވެ. ލިބޭ ކުޑަ އުޖޫރައިގެ ސަބަބުން ފުލްޓައިމް ޓީޗަރުންނެއް ނުތިބެއެވެ. މަދަރުސާތައް ހިންގުމުގެ ނިޒާމެއް ނެތުމާއެކު ދަރިވަރުންވެސް ކިޔަވަން އައުމުގައި މާބޮޑު ހަމައެއް ނޯވެއެވެ. އޭރު ރާއްޖޭ އޮތް ދަށް ހާލަތަށް ބަލާއިރު، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮންމެ ރަށެއްގައި ސެކަންޑަރީ ފެންވަރަށް ތައުލީމް ދެވޭނެ ގޮތެއް ދުވަހަކުވެސް އަތުވެދާނެ ކަމަށް ގަބޫލު ކުރަން ރާއްޖެ އައި ތަޖުރިބާކާރުންނަށްވެސް އޮތީ ދަތިކަމަކަށް ވެފައެވެ.

އަތޮޅުތަކަށް ތައުލީމް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާއެއް ނެތެވެ. ކިޔަވައިދޭނެ މުދައްރިސުންނެއް ނެތެވެ. ކަމަށް އެކަށީގެންވާ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކެއް ނެތެވެ. ރާއްޖޭގެ ތައުލީމީ ހާލަތު އޮތް ދަށު ދަރަޖައިން ނަގައިގަތުމަށް ބޭރުގެ އެހީއާ އެކު ރައީސް ނާސިރު މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ. 1961 ވަނަ އަހަރު ރާއްޖޭގައި ކިޔަވައިދޭނީ އިނގިރޭސި ބަހުން ކަމަށް ސަރުކާރުން ކަނޑައެޅިއެވެ. ލަންޑަން ޖީސީއީ އޯލެވެލް އަށް ދަރިވަރުން ތައްޔާރު ކުރައްވަން ފެއްޓެވިއެވެ. އަތޮޅު ތައުލީމީ މަރުކަޒުތައް އަޅުއްވަން ފެއްޓެވިއެވެ. ޓީޗަރުން ތަމްރީން ކުރެއްވުމާއި، ކޮލޮމްބޯ ޕްލޭންގެ އެހީގައި ސްކޮލަރޝިޕް ހޯއްދަވާ ޔުނިވަސިޓީ ތައުލީމް ހޯދާ ދިވެހިންގެ އަދަދު އިތުރު ކުރެއްވިއެވެ.

ރަސްމީ ތައުލީމް އެކަނި ދީގެން ފުއްދާލެވޭކަށްނެތެވެ. އިގްތިސާދީ ގޮތުން ކުރިއަރާ ދިއުމަށް އެކިއެކި ފަންނީ ދާއިރާތަކުން މީހުން އުފައްދަން އެބަ ޖެހެއެވެ. އެކަމަކު ރާއްޖޭގައި އޭރު ވޮކޭޝަނަލް ތަމްރީންތައް ދެވޭނެ މަރުކަޒެއް ނެތެވެ. ޔޫއެންޑީޕީ އާއި އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭން ގުޅިގެން ރާއްޖޭގައި 1975 ގައި ވޮކޭޝަނަލް ޓްރޭނިން ދެވޭނެ ގޮތްތައް ދިރާސާ ކުރަން ފެށިއެވެ. އަދި 1977 ގައި ކަރަންޓު ވައިރު ކުރުމާއި، އިންޖީނު ބެލެހެއްޓުމާއި، ފިނިކުރަން ދަސްކޮށްދިނުން ފަދަ ދާއިރާތަކުން ވޮކޭޝަނަލް ތަމްރީންތައް ދޭން ފަށައިފިއެވެ.

ސަރުކާރުން ރާއްޖެތެރޭގެ ތައުލީމް ކުރިއަރުވާ ކުދިންނަށް އުންގަންނައި ދެވޭނެ މަގު ތަނަވަސް ކުރުމަށް ބޭރުގެ އެހީ ހޯއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ. "ޖަޕާން ސްކޫލް" ގެ ނަމުގައި ޕްރައިމައިރީ ސްކޫލްތަކެއް އަތޮޅުތަކުގައި އިމާރާތް ކުރަން ފެށުނީ ނާސިރުގެ މަސައްކަތްޕުޅުންނެވެ. މި ސްކޫލްތައް އެޅުމުގެ މަޝްވަރާތައް ޖަޕާން ސަރުކާރާ އެކު ކުރިއަށް ގެންދިޔައީ ކޮޅުނބުގައި ހުރި ޖަޕާން އެމްބަސެޑަރ މެދުވެރިކޮށްގެންނެވެ. ސަރުކާރުން ޖަޕާނަށް ހުށަހެޅީ 2 ޕްރައިމަރީ ސްކޫލް އެޅުމަށެވެ.

ދީނީ ލޯބި އާލާކުރެއްވުމަށް ގުރުއާން ތަރުޖަމާކޮށް، ރޭޑިއޯއިން ހެނދުނާއި ހަވީރު ގުރުއާން ކިޔެވުމާއި، ހެނދުނު ތަރުޖަމާ ފޮނުވަން ފެއްޓެވިއެވެ. މިއާއެކު ބޭރުގެ އެހީ ހޯއްދަވައިގެން މިސްކިތްތައް އެޅުއްވުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވިއެވެ. ޕާކިސްތާނުގެ ގާރީ މުހައްމަދު ޔޫނުސް ރާއްޖެ ގެންނަވާ ރީތިކޮށް ބޭރު ރާގުތަކަށް ގުރުއާން ކިޔަވަން ދަސްކޮށްދެއްވަން ފެއްޓެވިއެވެ.

އާގު ބޯޓު ފަހަރުގެ ޚިދުމަތް ފަށާ ނިސްބަތުން މަދު އަހަރުތަކެއްގެ ތެރޭގައި އެ ސިނާއަތު  ފުޅާ ކުރެވިގެން ދިޔައެވެ. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދާ  1977 އާ ހަމައަށް އައި އިރު، ކުންފުނީގެ މިލްކިއްޔާތުގައި 50 ބޯޓު އޮތެވެ. އެ ބޯޓުފަހަރުގައި ދެ ލައްކަ ޓަނުގެ މުދާ އުފުލުމުގެ ކެޕޭސިޓީ ހުއްޓެވެ. ރާއްޖޭގެ ދިދަ އުފުލި މި ބޯޓު ފަހަރުގައި އޭޝިއާ އާއި މެދުއިރުމައްޗަށާއި، މެޑިޓަރޭނިއަން ހުޅަނގު ޔޫރަޕާއި، ހުޅަނގު އެފްރިކާގެ ގައުމުތަކަށް މުދާ އުފުލަމުން ގެންދިއައެވެ.

ތަރައްގީގެ މަގުގައި ފިޔަވަޅު ތައް ރާއްޖޭގައި އަޅަން އޮތީ އެއް ދިމާލެއް ދެ ދިމާލެއްގައެއް ނޫނެވެ. އެކި ބާވަތުގެ ބަލިމަޑުކަން ރާއްޖޭގައި އޮތީ އާއްމު ކަމަކަށް ވެފައެވެ. އެންމެ ގޯހީ އަންޒަމާނުއްސުރެ ވެރިކަން ކުރަމުން އައި މާލެއެވެ. ރާއްޖޭގެ ރައްތަކަށް ބޭރަށް ހިންގުމާއި ޒާތްޒާތުގެ ހުމުގެ ރޯގާތައް ފެތުރުމުގެ މައި މަރުކަޒަކަށް ވެފައި އޮތީ މާލެއެވެ. އާބާދީގެ ބޮޑު ބައެއް މާލޭގައި އުޅެމުން ދިޔައިރު ރައްކާތެރި ބޯފެނެއް ނަރުދަމާ ނިޒާމެއް މާލޭގައި ގާއިމްވެފައި ނެތުން އެއީ އޭގެ އެންމެ ބޮޑު އެއް ސަބަބެވެ. ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރެއްވުމަށް ޕްރޮގްރާމްތަކެއް ފެއްޓެވީ ނާސިރުގެ ބޮޑުވަޒީރު ކަމުގައި 1959 ވަނަ އަހަރުގައެވެ.

މާލޭގައި ފެތުރޭ ގިނަ ބަލިތަކަކަކީ ފެން ތަޣައްޔަރު ވުމުގެ ސަބަބުން ފެތުރޭ ބަލިތަކެއް ކަން ފާހަގަ ކުރެވިފައި ވުމާއެކު، ފެނާއި ފާޚާނާގެ ހާލަތު ރަނގަޅު ކުރުމަށް ޕްރީ އިންވެސްޓްމަންޓް ސްޓަޑީއެއް 1970 ގެ ކުރީ ކޮޅުގައި ސަރުކާރުން ހެދިއެވެ.

މެލޭރިއާ، ފައިލޭރިއާ، ކެއްސުން ބަލި ފަދަ ބަލިތައް ރާއްޖެއަށް އޮތީ ވަރަށް ބޮޑަށް ފެތުރިފައެވެ. ޓައިފޮއިޑް، އިދިފުށަށް ދަމާބަލި، ޖުޒާމް ބަލި ފަދަ ބަލިތަކަކީ ރާއްޖޭގެ ރަށްރަށުގައި އާއްމު ބަލިތަކެވެ. ޓައިފޮއިޑާއި، ހިމަބިއްސާއި، ރޯގާ އާއި، ގޮނޯރިއާ އާއި ހަމުގެ ބަލިތަކަކީވެސް ދިވެހިންނަށް އާއްމު ކޮށް ޖެހޭ ބަލިތަކުގެ ގޮތުގައި ޑަބްލިޔުއެޗްއޯގެ ރެކޯޑްތަކުން ދައްކައެވެ. މީހުން އެންމެ ގިނައިން މަރުވާ ސަބަބެއް ކަމުގައި އޮތީ ގައިން ގަޔަށް އަރާ ބަލިތަކެވެ. ރަނގަޅު ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހަށިތައް ކަމީނާވެފައިވާ ކުޑަކުދިން ނިސްބަތުން ވަރަށް ގިނައެވެ. ދަޅުގައި ބަންދުކުރި ހިކިކިރު ކޮޅެއްގެ މިންވަރުވެސް ލިބޭނީ ތަނަވަސް މަތީ ފަންތީގެ އާއިލާތަކުގެ ކުދިންނަށެވެ. ނުރައްކާތެރި ބަލިތަކާ ރޯގާ ތައް މުޅި ރާއްޖެއަށް ފެތުރި ގައިން ގަޔަށް އަރާ ބަލިތަކުގައި ގިނަ ބަޔަކު މަރުވަމުން ދިޔައިރު، ސިއްހީ ޚިދުމަތް އެ އޮތް ނިސްބަތަކުންވެސް އޮތީ މާލެއަށް ޚާއްސަ ވެފައެވެ. ރާއްޖޭގެ ކޮންމެ ބާވަތެއްގެ ބައްޔެއް ކަމުގައި ވިޔަސް ރާއްޖެތެރޭގައި އޮތް ގޮތަކީ ދިވެހި ބޭސްވެރިއެއްގެ އިރުޝާދު ހޯދުމެވެ. މާލޭގައި ހުރީ 8 އެނދުގެ ހޮސްޕިޓަލެކެވެ. ޚިދުމަތްދޭން ތިބެނީ 2 ޑޮކްޓަރުންނެވެ. އެންމެ ސްޓާފް ނަރުހަކާއި އެއް ލެބޯޓަރީ ޓެކްނީޝަން ހުރެއެވެ. މާލޭގައި ފިޔަވާ މާބަނޑު މީހުންނަށާއި ތުއްތު ކުދިންނަށް ފަރުވާދޭނެ ވަސީލަތެއް ގާއިމް ކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރުމަށް ޔުނިސެފްއާއި ޑަބްލިޔުއެޗްއޯގެ އެހީތެރިކަން ހޯދާ އެ ދާއިރާ ރަނގަޅު ކުރުމުގެ މަސައްކަތްތައް ފެށިގެން ދިޔައެވެ. އެއާއެކު އިނގިރޭސިވިލާތުގެ އެހީގައި 52 އެނދުގެ ހޮސްޕިޓަލެއް މާލޭގައި ގާއިމް ކުރެވުނެވެ. އޭގެ އިތުރުން ނަރުހުން ތަމްރީން ކުރުމާއި ޕަބްލިކް ހެލްތު އޮފިސަރުން ތަމްރީން ކުރުމުގެ މަސައްކަތްތައް ޔޫއެންޑީޕީގެ އެހީއާ އެކު ފެށުނެވެ. އަތޮޅުތަކުގައި ހެލްތު ސެންޓަރުތައް ޤާއިމުކޮށް ސިހީ ޚިދުމަތްތެރިން ތަމްރީނުކުރުމަށް އެލައިޑު ހެލްތު ސާވިސްސް ޓްރޭނިން ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވުނެވެ.

ރައީސް ނާސިރުގެ ވެރިކަމާ ހަމައަށް އައި އިރު ރާއްޖޭގެ އިދާރީ ހިންގުންވެސް އޮތީ ވަރަށް އަދައިގެ ކުޑަކުޑަ ގޮތަކަށެވެ. ސަރުކާރުގެ ޚިދުމަތް ތަކަކީ ވަރަށް މަދު ދާއިރާއަކަށް ނޫނީ ދެވޭ ޚިދުމަތެއް ނޫނެވެ. އިގްތިސާދީ ތަރައްގީގެ ދުވެލި އެމަނިކުފާނުގެ ވެރިކަމުގައި ހަލުއިވެގެން އައުމާއެކު، ސަރުކާރުގެ އިދާރީ ހިންގުމުގެ އޮނިގަނޑު ތަރައްގީ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. ބޭރުގެ ކޮންސަލްޓަންޓުން ރާއްޖެ ގެނެސް ސަރުކާރުގެ ހިންގުން ރަނގަޅު ކުރުމަށާއި، މުހިންމު ދާއިރާތަކުން އައު ޚިދުމަތްތައް ފެށުމަށް ލަފާ ހޯދުނެވެ. ޔޫއެންއެފްޕީއޭގެ އެހީގައި ބޯހިމެނުމުގެ މަޝްރޫއެއް އެކުލަވާލެވުނެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަންއާއި ޑިވެލޮޕްމަންޓް ޕްލޭނިންގ އަދި ތަފާސް ހިސާބުގެ ރޮނގުތަކުން ސަރުކާރުން ޚިދުމަތްތައް ފުޅާ ކުރުމަށް ބޭރުގެ މާހިރުންގެ ލަފާ ސަރުކާރުން ހޯދިއެވެ. ތަރައްގީގެ ރޮނގުގައި ކަންކަން ރޭވުމަށް އެންމެ މުހިންމު އެކައްޗަކީ ރަނގަޅު ތަފާސް ހިސާބު ލިބެން ހުރުން ކަމަށްވުމާއެކު، ސަރުކާރުން ޑިޕާޓްމަންޓް އޮފް ސްޓެޓިސްޓިކްސްގެ ނަމުގައި އޮފީހެއް އުފެއްދިއެވެ. އަދި ބޭރުގެ އެހީގައި އެ އޮފީހުގެ މަސައްކަތްތައް ފަށައިގަނެވުނެވެ. އަތޮޅުތަކުގެ ތަރައްޤީ ގެ ކަންތައްތައް ފެށުމުން މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒް އުފެއްދެވިއެވެ. މަސްބައި ދީގެންނާއި ރައްޔިތުން އަތުން ނަގާ ތަކެތިން ޚަރަދުކޮށްގެން ކަތީބުލައްވައި ރަށުގެ ކަންތައް ހިންގަމުން އައި ނިޒާމު، ރަސްމީ ރަށު އޮފީސް، ޒަމާނީ އިދާރީ ހިންގުމުގެ ނިޒާމު ގާއިމުކޮށް، ރަށު އޮފިސް ތަކާއި އަތޮޅު އޮފީސްތައް ހިންގައި ތަރައްގީ ކުރެއްވީވެސް ނާސިރުގެ މޭސްތިރި ކަމުގެ ދަށުންނެވެ.

އެހެން ދާއިރާ ތަކެކޭ އެއްގޮތައް ދަތުރުފަތުރު ކުރުމުގެ ދަތިތައްވެސް އޮތީ ނުހަނު ބޮޑަށެވެ. އެއްގަމު ދަތުރުފަތުރާއި، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި، ރާއްޖޭން އެހެން ގައުމުތަކަށް ދަތުރު ކުރުމަކީ ނުހަނު އުނދަގޫ ކަމަކަށް އޮތީ ވެފައެވެ. މާލޭގައި ފަންސަވީހަކަށް ކާރު އޮތެއް ކަމަކު ރާއްޖޭގެ ބޮޑެތި އެހެން ރަށެއްގައި އިންޖީނު އެޅި އުޅަނދެއް ނެތެވެ. މާލެ ދަތުރުތަކަށް ބޭނުން ކުރަނީ ރިޔާ ނެގި އޮޑިފަހަރު ކަމުން ދަތުރެއްގައި އެތައް ދުވަހެއް ހޭދަވެއެވެ. އައްޑޫން މާލެ އައުމަށް 5 ދުވަސް ނުވަތަ 10 ދުވަސް ހޭދަވުމަކީ އާއްމު ކަމެކެވެ. ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު ދަތުރެއް ކުރާންޖެހެނީ ކަނޑު ބޯޓުގައެވެ. ސަރުކާރުގެ ކަނޑުބޯޓު ފަހަރުގައި ކޮޅުނބަށާއި، މަދުރާސްއަށް އަދި ސިންގަޕޫރަށް މުދާ އުފުލުމުގައިވެސް ހަރަކާތްތެރިވަނީ މި ބޯޓުފަހަރެވެ. މުދާ ގެންނަނީ ކޮންމެ 3 މަހުން އެއް ފަހަރުއެވެ. އެންމެ ގާތުން ކޮޅުނބަށް ދެވޭނީ 2 ދުވަހުންނެވެ. ހުޅުލޭގައި އޭރުވެސް މަތިންދާ ބޯޓު ޖައްސާ ތަނެއް އޮތެއް ކަމަކު އެއީ އާއްމުކޮށް ވައިގެ ދަތުރުތަކަށް ބޭނުން ކުރަމުން އައި ތަނެއް ނޫނެވެ. ޚާއްސަ ކަމަކަށް މަތިންދާ ބޯޓެއް ބޭނުންވެއްޖެ ނަމަ އެއާ ސިލޯނުގެ ބޯޓެއް ސަރުކާރުން ޗާޓަރު ކުރަނީއެވެ. ދަތުރުފަތުރުގެ ދާއިރާގެ ޚިދުމަތް ފުޅާ ކުރުމަށް ވިސްނާއިރު އޭރު ތަޖުރިބާކާރުންގެ ބަހަކަށް ވެފައި އޮތީވެސް އެކަމަށް މާބޮޑު ޑިމާންޑެއް ނެތް ކަމަށާއި، ރާއްޖޭގެ ކަންކަން ރަނގަޅު ކުރެވިގެން ނޫނީ މިތަނަށް އަންނަން ބޭނުންވާ މީހުންވެސް އިތުރުވެދާނެ ކަމަށް ނުފެންނަ ކަމަށެވެ. މިހެން މިކަން އޮއްވާ ހުޅުލޭގައި އޮތް "ލޭންޑިންގ ސްޓްރިޕް" ބައިނަލް އަގްވާމީ އެއަރޕޯޓަކަށް ބަދަލު ކޮށްލައްވާ ދިވެހިންނަށް އެކަށީގެންވާ އެއަރޕޯޓެއް އަޅުއްވައިދެއްވިއެވެ.

މުވާސާލަތީ ގޮތުންވެސް ރާއްޖެ އޮތީ ވަރަށް ދަށު ދަރަޖައިގައެވެ. ދުނިޔޭގެ ގައުމުތަކާއި މުވާސަލާތު ކުރެވޭނެ ގޮތެއް ރާއްޖެއަކަށް ނެތެވެ. ބޭރު ގައުމަކަށް ރާއްޖެއަށް މުވާސަލާތް ކުރެވޭ ހަމައެކަނި ތަނަކީ ރޭޑިއޯ ލިންކެއްގެ ޒަރީއާއިން ގުޅާލެވިފައިވާ ކޮޅުނބެވެ. ރާއްޖެތެރޭގެ ރަށްތަކަކީ ވޯކީ ޓޯކީން އަތޮޅުވެރިކަން ކުރާ ރަށާ މުއާމަލާތް ކުރާ ރަށްރަށެވެ. ޕޯސްޓުގެ ޚިދުމަތް އޮތީ ވަރަށް ނިކަމެތި ގޮތަކަށެވެ. ހަމައެކަނި ކަނޑުމަގުން ނޫން ގޮތަކަށް ޕޯސްޓް ކުރާ ސިޓީއެއްވެސް ލިބޭނެ ގޮތެއް ނޯވެއެވެ. ކުއްލި މެސެޖްތައް ރަށްރަށަށް ފޮނުވަނީ އޮޑިދޯނިފަހަރުގެ ނެވިން މެދުވެރިކޮށް އަނގަބަހުންނެވެ. މާލެ އާ ކޮޅުނބާ ދެމެދު ޓެލެފޯނާއި ފެކްސް މެސެޖް ފޮނުވޭނެ މަގު ތަނަވަސް ވެގެން ދިޔައީ ރައީސް ނާސިރުގެ ވެރިކަމުގައި 1977 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. އެއީ ޔޫއެންޑީޕީ އާއި އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔުނިއަންގެ އެހީގައި ގާއިމް ކުރެވުނު ވަސީލަތެކެވެ.  މި ވަސީލަތް ގާއިމް ކުރެވުމުން ދަނިކޮށް ޒަމާނީ ސެޓެލައިޓް ކޮމިއުނިކޭޝަން އާތު ސްޓޭޝަނެއް ގާއިމް ކުރުމުގެ ފުރުސަތު ބޭރުގެ އެހީއާ އެކު ހަމަޖެހިގެން ދިއުމާއެކު، ޔޫއެންޑީޕީ އާއި އައިޓީޔޫގެ އެހީގައި ގާއިމް ކުރެވުނު ސިސްޓަމް ހުޅުލޭ ބައިނަލް އަގްވާމީ ވައިގެ ބަނދަރަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމި އެވެ. އެ ޒަމާނުގައި ސަހައްދުގައި ވެސް ހުރި އެންމެ ރަނގަޅު ފެންވަރުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިނގިރޭސި ކުންފުންޏެއް ކަމުގައިވާ "ކޭބަލް އެންޑް ވަޔަލެސް" އާ ގުޅިގެން ސެޓެލައިޓު ކޮމިއުނިކޭޝަން ގާއިމުކޮށް ބޭރުދުނިޔެއާ ގުޅާލެވުނެވެ. އަދި ޔޫއެންޑީޕީގެ އިތުރު އެހީގައި ހޯދި އިތުރު ސާމާނާއެކު ވައިގެ ދަތުރުފަތުރު ތަކުގެ ޚާއްސަ މުވާސަލާތީ މަސައްކަތްތަކަށް އެ ނިޒާމް ބޭނުން ކުރަން ފެށުނެވެ.

ރައްޔިތުންގެ މެދުގައި ހޭލުންތެރިކޮށް އިތުރުކޮށް ޚަބަރާ މައުލޫމާތު ފެތުރުއްވުމަށް ސިނެކޯ ރޭޑިއޯގެ ނަމުގައި 1966 ވަނަ އަހަރު ރަސްމީ ސިފައެއްގައި ރޭޑިއޯގެ ޚިދުމަތް ފައްޓަވައި ދެއްވިއެވެ. މި ދަންނަވަނީ ރަޖިސްޓްރީ ކޮށްގެން ރޭޑިއޯ ގެންގުޅުނު ޒަމާނުގެ ވާހަކައެވެ. އޭގެ ފަހުން ޓީވީގެ ޚިދުމަތް ވެސް 1978 ވަނަ އަހަރު ފެށިގެން ދިޔައީވެސް ރައީސް ނާސިރުގެ ވެރިކަމުގައެވެ.

ރާއްޖޭގެ ކަންކަން ހިންގަވަން ނާސިރު ފެއްޓެވި އިރު މާލޭގެ އާބާދީއަކީ ގާތްގަނޑަކަށް 12،000 އެވެ. އޭރުވެސް މާލެ އަކީ ތޮއްޖެހި ބިންފުރިފައި އޮތް ރަށެކެވެ. ދިރިއުޅުމާއި ގެދޮރުގެ ހާލަތު ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ބޯން ބޭނުން ކުރަނީ ވާރެފެނެވެ. ނޫނީ ވަޅު ފެނެވެ. ކަރަންޓު ލިބެނީ މުހިންމު މީސްމީހުންގެ ގެއަށެވެ. ފާޚާނާގެ ނިޒާމެއް ނެތެވެ. މާލޭގެ ބިން ފުރިފައިވުމާއި އަދި ހިއްކައިގެން ވެސް މާލެއަށް ބޭނުންވާ ބިން ނުލިބޭނެކަން ސަރުކާރަށް އޭރުވެސް އޮތީ ވިސްނިފައެވެ. އެހެން ކަމުން ސަރުކާރުގެ ވިސްނުމަކަށް ވެފައި އޮތީ، މާލެއާއި ހުޅުލެއާއި އަދި ކައިރީގައިވާ ބައެއް ރައްތައް ބްރިޖް އަޅައިގެން ގުޅާލުމެވެ. ބްރިޖް އަޅައިގެން މާލެއާ ހުޅުލެއާ ގުޅާލުމަށް ސަރުކާރުގެ ވިސްނުން ހުރި ގޮތް ހާމަކުރުމުން ތަޖްރިބާކާރުންގެ ލަފައަކަށްވީ، ރަށްތަކުގެ ދެމެދުގައިވާ ކަނޑުއޮޅިތަކުގެ ފުންކަމާއި، އޮއި ދެމޭލެއް ބާރު ކަމުން ރަނގަޅު ފީސިބިލިޓީ ދިރާސާއެއް ހެދުމަށެވެ. އެހެން ކަމުން އެ ވަގުތައް ބްރިޖްގެ މަޝްރޫއު ހުއްޓާލެއްވުމަށްފަހު، މާލޭގެ ބިން ހިއްކުމުގެ މަޝްރޫއު 1976 ވަނަ އަހަރު ފެށިގެން ދިޔައެވެ.

ރައީސް ނާސިރުވަނީ ޝަރުއީ ދާއިރާވެސް ކުރިއެރުއްވުމަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ. ބޮޑު އުނދޯލީގައި އިންނަވައިގެ ނައިބު ބޭކަލުން ޝަރީޔަތް ކުރުމުގެ ނިޒާމުން،  ކޯޓު ސިސްޓަމަށް ބަދަލުކުރެއްވާ، އަތޮޅުކޯޓު ރަށު ކޯޓު އުފައްދަވައި ގާއިމު ކުރައްވައި، އިންސާފުގެ ޚިދްމަތް ފުޅާކޮށް ޤާޒީން ލައްވައި، އެ ނިޒާމު ތަރައްޤީކުރެއްވިއެވެ. ފަނޑިޔާރުން ނުވަތަ ޤާޒީން ތަމްރީންކުރެއްވުމުގެ ކޯސްތައް ހިންގަވަން ފެއްޓެވިއެވެ.

ކުރިންވެސް ފާހަގަ ކޮށްލި ފަދައިން ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން އަދި ފަހުން ރައީސް ކަމަށް ވަޑައިގެން ރައީސް ނާސިރު ދިވެހި ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތައް ވަރަށް ގިނައެވެ. ވަކި ދާއިރާއެއް ނޫނެވެ. ސިނަމާއާއި މިޔުޒިކާއި، މުނި ފޫހި ފިލުވުމުގެ ވަސީލަތްތައް ގާއިމް ކުރެއްވިއެވެ. މަޝްހޫރު "ސިންގަފޫރުގަސް" ގެންނަވާ، މާލޭގައި ގަސް އިންދަވާ ފެހި ކުރެއްވިއެވެ. އަންހެނުނަށް ވޯޓު ލުމުގެ ހައްގު ހޯއްދަވައި ދެއްވިއެވެ. ވެރިކަން ހިންގެވުމުގައި "ރޫލް އޮފް ލޯ" އުސޫލް ހިފެހެއްޓެވިއެވެ. ޤާނޫނާއި ޤަވާއިދު ތަންފީޒުކުރެއްވުމުގައި މުއްސަންޖެއް ފަޤީރެއް، ގާތް މީހެއް ތިމާގެ މީހެއް ނުބެއްލެވުމާއި، ކޮރަޕްޝަން އާދަޔާ ޚިލާފަށް ސަރުކާރުގެ ތެރެއިން ކުޑަކުރެއްވިއެވެ.

ކޮންމެ އަކަސް 1957 ން 1968 ށް  ރާއްޖޭގެ ބޮޑުވަޒީރު ކަމުގައި އަދި ފަހުން 1968 ން 1978 ށް ރާއްޖޭގެ ރައީސް ކަމުގައި ހުންނެވުމަށް ފަހު، ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ރާއްޖޭގެ ރިޔާސަތު ހަވާލު ކުރެއްވުމުގައިވެސް ނާސިރު ދެއްކެވީ ނަމޫނާއެވެ. ޤައުމުގެ ތަރައްޤީތަކަށް ބުރޫ ނާރުއްވައި، ޑިމޮކްރަޓިކް ހަމަތަކުން، ރައްޔިތުން އެންމެ ބޭނުންވާ މީހާ އޮމާންކަމާއެކު ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވިއެވެ އޭގެ ނަތީޖާއެއްގެ ގޮތުން، ޤައުމަށް އިތުރު ތަރައްޤީތައް އައިސް ތަރައްޤީ ފުޅާވެ ރާއްޖެއަށް ދުވަހަކު ނާންނަ ތިޔާގި ކަމާއި ފާގަތިކަން އަންނަމުން ދިޔައެވެ.

- ކޮމެންޓް
27 ޖުލައި 2017 | ބުރާސްފަތި 21:42
ބޮޑުވަޒީރުވިއްޔަ
ނޫން ސިއްރުކޮށްފާ އަދިބާއްވާ
27 ޖުލައި 2017 | ބުރާސްފަތި 19:16
ޙާލުގެ ދުލުން
މީހާ މަރުވެ ދިއުމަށްފަހުވެސް އަދި ދިރިދުނިޔޭގައި ހުއްޓާވެސް އެމީހެއްގެ ފަތިފުށް ހާމަކުރުމަކީ ރަނގަޅު ކަމެއްނޫން ރިޕޯޓް ވަރަށް ފުރިހަމަ އެކަމަކު އިނގިރޭސިން އަތުން ރާއްޖެ މިނިވަން ކުރުމުގެ މަސައްކަތް އިބްރާހީމް ނާޞިރު ފެއްޓެވި ސަބަބު އޮތްނަމަ ތިޔަށްވުރެ ފުރިހަމަވީސް 1887 ން 1965 އަށް އިގިރޭސިންގެ ޙިމާޔަތުގައި ރާއްޖެ އޮތްއިރު އެގްރީމެންޓާއި ޚިލާފަށް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމީހުން ވަނުމާއި އިގިރޭސި ޕާސްޕޯޓެއް ނެތި އޮޅުދޫ ކަރަ ނޫން ޤައުމަކަށް ދިވެހިންނަށް ނުދެވުމާއި އިގިރޭސި ދައުލަތުގެ ހުއްދަ ނެތި ބޭރު ގެއެއްވެސް ޤައުމަކާ ޑިޕޮލޮމެޓިކް ފެންވަރުގާވެސް ވާހަދެއްކެން ނެތުމާއި ދެކުނުގެ 3 އަތޮޅުގެ ރައްޔިތުންގެ ބޮލަށް ސަވާރުވެ އެމީހުން ލައްވާ ބަޣާވާތް ކުރުވުމާއި ސުވާދީބު ރިޕަބުލިކުގެ ނަމުގައި ދައުލަތެއްއުފައްދަން މަސައްކަތްކުރުމާއި މިބަޣާވާތް ނާކާމިޔާބު ކުރުމަށް ސަރުކާރުން ރައްޔިތުނާއި ދެކޮޅަށް ހަތިޔާރު އުފުލަން ޖެހުމާއި ބަޔަކުމީހުން ވަޒަނުންބޭރުކުރަންޖެހުމުގެ ސަބަބުން އައި ތަދު މަޑުކަމުގެ ތެރޭގައި ދެކުނުގެ 3 އަތޮޅުން 2000 އަށްވުރެ ގިނަމީހުންނާއި ކުދިން ބަނޑަށްމަރުވުމާއި ދިވެހިސަރުކާރާއި މަޝްވަރާ ކުރުމެއްނެތި ސުވާދީބު ބަޣާވާތުގެ ލީޑަރަށް ސިޔާސީ ޙިމާޔަތް ދިނުމާއި މިހެންގޮސް މިފަދަ އެތައް އެތައް ކަމަކާއި ހުރެ މިކަންކަމަށް ޙައްލު ހީދުމަށް ޓަކާ ޕްރައިމް މިނިސްޓަރ އިބްރާހީމް ނާޞިރު މިންނެތް މަސައްކަތުން ލިބިފައި މި މިނިވަންކަން ނަގާލުމަށް ކުރެވޭ މަސެއްކަތެއްކަމުގާނޫނީ އިނގިރޭސީންގެ ބަހަށް ހެއްލިގެން އެވެރިންގެ ޙިމާޔަތް ހޯދާގެން ތިބެ އެވެރިން ބޭނުންވާ މިނިވަންކަން ހޯދުމަށް މިކުރާމަސައްކަތް ނުވާނެ ކަމީ ދުވާލުގެ އިރު ފެންނަ ފަދައިން ޔަޤީންވާކަމެއް
26 ޖުލައި 2017 | ބުދަ 13:08
މޭސްތިރި
ތިޔަމޭސްތިރީގެފަތިފުއް ގޮވާލަންވީތަ