ކ. މާލެ
|
26 ޖުލައި 2017 | ބުދަ 13:55
މުޒާހަރާއެއްގެ ތެރޭގައި ފުލުހުން ކެމެރާމަނަކު ދުރަށް ޖައްސަނީ
މުޒާހަރާއެއްގެ ތެރޭގައި ފުލުހުން ކެމެރާމަނަކު ދުރަށް ޖައްސަނީ
މުހައްމަދު ޝަރުހާން
މިނިވަން ދުވަސް
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
އަބުރުގެ ގާނޫނުން ވަނީ ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައި
ނޫސްވެރިންނަށް ވަނީ ޖިސްމާނީ އަނިޔާތައް ދީފައި
ސަރުކާރުން ގާނޫނު ބޭނުންކުރަނީ ހަތިޔާރެއްގެ ގޮތުގައި

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދުލަށް އައިހާ ވާހަކައެއް ގޮވައި ނެގުން ކަމަށް ވާ ނަމަ ރާއްޖޭގައި އެ މިނިވަންކަން އެބަ އޮތެވެ. އެއީ ހިތަށް އަރާހާ އެއްޗެއް ގަލަމަށް ތިރިކުރުން ކަމަށް ވާ ނަމަ އެ މިނިވަންކަން ވެސް ރާއްޖޭގައި އެބަ އޮތެވެ. ނަމަވެސް އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫނެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެކަން ކުރުމަށް ހުރި ހުރަސްތައް ނެތި ދިއުމެވެ. ނުވަތަ މިނިވަންކަމާއި، ބިރު ދެއްކުމެއް ނެތި ހިޔާލުފާޅުކުރުމަށް ފުރުސަތު އޮތުމެވެ. އެ ފުރުސަތެއް މި ގައުމުގައި ނެތެވެ. ނުވަތަ އެ މިނިވަންކަން އެތައް ތަނަކުން ވަނީ ގެއްލިފައެވެ.

 

މިނިވަންކަމެއް ނެތް މިތާ، މިނިވަންދުވަސް އަޔަކަސް ހިތާ

    ކުޅެލާނެ އިހްސާސެއް މިތާ، ނުވެޔޭ އަޅުވެތި ވި މި ޖައްވުގާ

 

އެއްވެސް ހާލެއްގައި މިނިވަންކަމަކީ ހައްދެއް ނެތްގޮތުގައި ދުލާއި ގަލަމުގެ ބޭނުން ކުރުމެއް ނޫނެވެ. ހުދޫދެއްގެ ތެރޭގައި އެކަން ހިފެހެއްޓުމަކީ ވެސް މިނިވަންކަމުގެ އެއް ބައެވެ. އެކަމަށްޓަކައި ގާނޫނުތައް ހެދިފައި އެބަހުއްޓެވެ. ނަމަވެސް ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުލާއި ގަލަމުގެ މިނިވަންކަން އޮވެމެ، އެ ބޭނުންކުރުމުގައި ބިރުވެރިކަން އޮތުމެވެ. ހަދާފައިވާ ގާނޫނުތަކުގެ ނަހަމަ ބޭނުންކޮށްގެން ވަކި ބަޔަކަށް އަދަބުތައް ދިނުމެވެ. ފަހުގެ ތާރީހެއްގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެޅުނު އެންމެ ބޮޑު ހުރަހަކީ "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫން" ގެ ނަމުގައި ވަކި މަގުސަދުތަކެއް ހާސިލްކުރުމަށްޓަކައި ހެދި ގާނޫނެވެ. އެއީ އަސްލަށް ބަލާ ނަމަ ހަދަންޖެހޭ ގާނޫނެކެވެ. ނަމަވެސް މައްސަލަ ކުރިމަތިވެފައި ވަނީ ވަކި މަގުސަދުތަކެއް ހާސިލްކުރުމަށް ނުވަތަ ސިޔާސީ ބޭނުމަށް ގާނުނު ބައްޓަންކޮށްފައި އޮތުމެވެ. އެތައް ބަޔަކު އެކަމާ ދެކޮޅަށް އާދޭސްކުރަމުން ދަނިކޮށް، އެތައް ނޫސްވެރިންނެއް މުޒާހަރާކުރަމުން ދަނިކޮށް ސަރުކާރުން އެ ވަނީ އެ ގާނޫނު ފާސްކޮށްފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ހިތް ނުރުހޭ ގޮތަށް ފާޑުކިޔާ ކޮންމެ ފަރާތަކާ މެދު ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ދަނީ ފިޔަވަޅު އަޅަމުންނެވެ. އެއަށް ވުރެ ވެސް ބޮޑު ބޭއިންސާފަކީ އެ ގާނޫނު ވެސް ހަމަހަމަ ގޮތެއްގައި ބޭނުން ނުކުރެވުމެވެ.

އަބުރާ ބެހުމުގެ ކުށަކީ މަދަނީ ކުށަކަށް ބަދަލުކުރީ އެތައް ބައެއްގެ ބުރަ މަސައްކަތުންނެވެ. އެތައް ބަޔަކު އެކަމާ ދެކޮޅަށް މަސައްކަތް ކޮށްގެންނެވެ. ނަމަވެސް މި ސަރުކާރުން ހެދި އަބުރުގެ ގާނޫނުން އެކަން ވަނީ އަނެއްކާ ވެސް އަނެއް ފުށަށް ޖަހާފައެވެ. ޖިނާއީ ކުށަކަށް ބަދަލުކޮށްފައެވެ. އޭގެ އިތުރުން އެ ގާނޫނުގައި ހުރި ޖޫރިމަނާތަކަކީ ވެސް ރާއްޖޭގެ ހާލަތާ ނުބައްދަލު ޖޫރިމަނާތަކެކެވެ. އެތައް މިލިއަނުން ޖޫރިމަނާތައް ކަނޑައަޅާފައިވާ އިރު އެއީ ރާއްޖޭގެ މީޑިއާތަކަށް ނުވަތަ އާންމު ފަރުދަކަށް ވެސް ދެއްކޭނެ އަދަދުތަކެއް ނޫނެވެ. އެ ފައިސާ ނުދެއްކިއްޖެ ނަމަ ދެން އޮތީ ހަ މަހުގެ ޖަލު ހުކުމެވެ. ނުވަތަ ލައިސަންސް ބާތިލުކުރުމެވެ. ތަނުގައި ތަޅު އެޅުވުމެވެ.

އަބުރުގެ ގާނޫނުގެ ބޭނުން ސަރުކާރުން ހިފަމުން ގެންދަނީ ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ނައްތާލުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ. އެ ގޮތުން މިހާތަނަށް އެ ގާނޫނު އަމާޒުވެފައި ވަނީ ރާއްޖެ ޓީވީ އަށެވެ. ދެ ފަހަރެއްގެ މަތިން 1.2 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް ނޫސްވެރިއަކު 50،000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ މަދު އާމްދަނީއެއް ލިބޭ ރާއްޖެޓީވީ ފަދަ ސްޓޭޝަނެއް ކަރުތާފެނަށް ވައްޓާލުން ފަދަ ކަމެކެވެ. އޭގެ ފަހު ދާދި މިދާކަށް ދުވަހު ޕީއެސްއެމްއާ ދެކޮޅަށް ވަނީ ފިޔަވަޅު އަޅާފައެވެ. 200،000ރ. އިން ޖޫރިމަނާކުރި އިރު އޭގެ ކުރިން އެފަދަ އެތައް މައްސަލަތަކެއްގައި ފިޔަވަޅު ނާޅައި ދޫކޮށްލާފައި އެބަހުއްޓެވެ. ސަރުކާރަށް ވާގިވެރިވާ ޓީވީ ސްޓޭޝަނެއްގެ މައްސަލަ ހުށަހެޅުމުން ރެކޯޑިން ނެތުމުން މައްސަލަ ނުބަލަން ދޫކޮށްލާފައި އެބަހުއްޓެވެ. ނަމަވެސް އެއީ ވެސް ގާނޫނާ ހިލާފު އަމަލެކެވެ. ގާނޫނު ބުނާ ގޮތުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ވަކި މުއްދަތެއް ވަންދެން ބަހައްޓަންޖެހެއެވެ. ނަމަވެސް ވީ އެއްކަމެއް ވެސް ނެތެވެ.

މިނިވަން ދުވަސް ބޯމަތިވެފައިވާ އިރު މިހާރު އިވާ އަޑަކީ ރާއްޖެޓީވީ ބަންދުކުރަން އުޅޭ ވާހަކައެކެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ސަނާ ކިޔާ ބައެއް މީޑިއާތަކުގައި އެވާހަކަ އަންގާރަ ދުވަހު ޝާއިއުކޮށްފައި ވެއެވެ. އަދި މީޑިއާ ތަރައްގީކޮށް ރެގިއުލޭޓްކުރަން އޮތް މީޑިއާގެ ބަލަދުވެރިޔާ، ބްރޯޑްކާސްޓިން ކޮމިޝަނުގެ އޮފިޝަލުން ވެސް ވަނީ އެފަދަ އިޝާރާތެއް ދެއްވާފައެވެ.

ގާނޫނުތައް ހެދީ ގާނޫނުން ބޭރުން ވެސް ހިޔާލުފާޅުކުރުން ހުއްޓުވުމަށް އެތައް މަސައްކަތްތަކެއް ކުރުމަށް ފަހުއެވެ. ނޫސްވެރިންނަށް އަނިޔާކޮށްފިއެވެ. އެވަރުން ނުވެގެން ވަގަށް ނަގައި މަރާ ވެސް ލައިފިއެވެ. ތަނުގައި ހުޅުޖަހައި ތަފާތު މެސެޖްތައް ކޮށްގެން ބިރު ދައްކައިފިއެވެ. ނޫސްވެރިން ޖަލަށް ލައިފިއެވެ. ކުރިއަށް އޮތީ ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ބަނަ ދުވަސްތަކެކެވެ. އިހާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޒައްރެއްގެ މިނަވަރު ނެތް ޒަމާނެއް ވެސް އަޅުގަނޑުމެން ދެކެފީމެވެ. ބުނާ އެއްޗަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން ކުޑަ ގޮޅީގައި އޮންނަންޖެހުނު ޒަމާނެއް ވެސް ދެކެފީމެވެ. އެތައް ވެރިންނެއް އެތައް ޒަމާނެއް ފަނާވެ ނެތި ހިނގައްޖެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ފެންނަން އޮތް ހަގީގަތަކީ މިނިވަން ސިކުނޑި ފޮއްޓަށް ލައި ބަންދު ނުކުރެވޭނެ ކަމެވެ. މިނިވަން ދުލުގައި ތަޅު ނޭޅުވޭނެ ކަމެވެ.

 

 މިނިވަން ދުވަސް އަޔަކަސް ހިލާ، މިނިވަންކަމެއް ނެތެ ހަމަ މިތާ

             ދިނިވުމުގެ އިހްސާސެއް އުފާ، ނުވެޔޭ ޔަގީނުން އަދު މިތާ

- ކޮމެންޓް