ކ. މާލެ
|
26 ޖުލައި 2017 | ބުދަ 07:09
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީތަކުގެ އިސް ބޭފުޅުން
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީތަކުގެ އިސް ބޭފުޅުން
ރާއްޖެއެމްވީ
އިބްރާހިމް މުހައްމަދު ސޯލިހު
ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީއެއް ދެން ނުލިބޭނެ: އިބޫ
ފެންނަމުންދަނީ ރައީސް ޔާމިންގެ ހުދުމުހްތާރު ކަން
ހަ މެމްބަރެއްގެ މައްޗަށް ޖިނާއީ ތުހްމަތު
ސަރުކާރުގެ މެޖޯރިޓީ ގެއްލުމުން ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލުވާލާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލި ނަމަވެސް ދެނެއް ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލާފައިވާއިރު، އަންގާރަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މެމްބަރުން ޖަލަށް ލައިގެން ވެސް މެޖޯރިޓީ ސަރުކާރަށް ހޯދޭނެ ގޮތެއް ނެތް ކަމަށެވެ.

 

"މިވަގުތުވެސް ރައްޔިތުންގެ މަޖިލީހުގެ ހަ އިއްޒަތްތެރިމެމްބަރުންގެ މައްޗަށް އެކި މަރުހަލާގައި މައްސަލަތައް އެބަހުރި. ޖަލުގައި ފާރިސް އެބަ އިންނެވި. ވަހީދު އެބަ އިންނެވި. ސައުދު އެބަ އިންނެވި. ގާސިމްގެ މައްޗަށް ޝަރީއަތް ކުރެވެމުންދަނީ. ރިޔާޒުގެ މައްސަލަ އެޕީލް އެކުރީ ހައިކޯޓަށް. ޖެނަރަލް އިބްރާހިމް ދީދީގެ މައްސަލަ ޝަރީއަތުގައި މި އޮތީ. މިއީ ރައީސް ޔާމިން ކުރައްވަމުން ގެންދަވާ ކަންތައް ތަކަކީ،" އިބޫ ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ މިހާރު މި ފެންނަނީ ގާނޫނީ އިމުގެ ތެރޭގައި ރައީސް ޔާމިނަށް ވެރިކަން ކުރައްވަން ނޭނގޭކަން ކަމަށާއި އެމަނިކުފާނު އިސްކުރައްވަމުން ގެންދަވަނީ ބާރާ ނުފޫޒުން ކަމަށެވެ.

 

ރިޔާސީ ނިޒާމުގައި ވެރިކަން ކުރައްވާ ފަރާތައް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ކޮންމެހެން ބޭނުން އެއްޗެއް ނޫންކަން ރައީސް ޔާމިން ގަބޫލުފުޅު ކުރައްވަން ބޭނުންފުޅުނުވާ ކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ މި ގައުމުގައި މިހާރު ޑިމޮކްރޮޓިކް ހަމައާއި އުސޫލެއް ނެތް ކަމަށެވެ.

 

"މިތާ މި އޮތީ ރައީސް ޔާމިންގެ ހުދުމުހްތާރު ނުފޫޒާއި ބާރު. އެކަމު އެއީކީ ދާއިމަށް ދެމިގެންދާނެ ކަމެއް ނޫން. ރައްޔިތުން އެކަން ބަދަލުކުރަން ބޭނުންވީމަ އެކަން ބަދަލުވެގެންދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ކުރަނީ އެކަންތައް،" އޭނާ ވިދާޅުވި އެވެ.

 

 

އިބޫ މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ޖިނާއީ ކުށުގެ ތުހްމަތުތައް ކުރުމުގެ އިތުރަށް ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

 

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މައްޗަށް ޖިނާއީ ތިން ދައުވާ އެއް ވަނީ ދާދި ފަހުން އުފުލާފަ އެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ. ފާރިސްގެ މައްޗަށް ދައުލަތުން ޝަފްސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވާއިރު އޭނާ މި ވަގުތު ބަންދުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ރިޝްވަތުދޭން އުޅުނުކަމުގެ ތުހްމަތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައިގެން ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގަ އެވެ.

- ކޮމެންޓް