Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 21:33
އެމްޑީޕީ އޮފީހުގެ ކުރިމަތީގައި އޮތް މުޒާހަރާގެ ތެރެއިން
އެމްޑީޕީ އޮފީހުގެ ކުރިމަތީގައި އޮތް މުޒާހަރާގެ ތެރެއިން
މުހައްމަދު ޝަރުހާން
ރާއްޖޭގެ ސިޔާސީ މަޝްރަހު
ރާއްޖޭގެ ސިޔާސީ މަޝްރަހާ މެދު ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފި
ގާނޫނު އަސާސީ އާއި ރާއްޖެއިން އަހުދުވެފައިވާ މުއާހަދާތަކާ ވެސް ދެކޮޅު އަމަލުތަކެއް
ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މިނިވަންކަން އަލުން އިޔާދަކުރުމަށް ގޮވާލި
އިދިކޮޅު ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ދައުރަށް ހުރަސް ނޭޅުމަށްވެސް ބަޔާނުގައި ގޮވާލި

ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ނުވަ ގައުމަކުން ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފިއެވެ.

ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ނެދަރލަންޑްސް، ނޯވޭ، ސްވިޒަލެންޑް، އިގިރޭސިވިލާތް، އެމެރިކާ އަދި ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ އީޔޫ ޑެލިގޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން މިހާރު ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން، ރާއްޖޭގެ ޑިމޮކްރަސީ އަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި، މިފަދަ އަމަލުތަކަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ރާއްޖެއިން އަހުދުވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު އަމަލުތަކެއް ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލިހަށް ވަނުމުން ހުރަސް އަޅާ، އަސްކަރިއްޔާ އިން މަޖިލިސް ހިސޯރުކުރުމާއި، މެންބަރުންނަށް ބިރު ދެއްކުމާއި ހައްޔަރުކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މުހިއްމު ކަންކަން ކަމެވެ. އިދިކޮޅު ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ދައުރަށް ހުރަސް ނޭޅުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މިނިވަންކަން އަލުން އިޔާދަކުރުމަށާއި މަޖިލިހަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް މި ބަޔާނުގައި ސަރުކާރާއި ސަރުކާރުގެ އިދާރާތަކަށް ގޮވާލާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް