ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 22:34
ދުވަސް ނުފުރާ ވިހޭ ދަރިފުޅު ނުފެނި 45 ދުވަސް... ދެން ފެނުނީ ޒަޚަމްވެ، ހިރަފުހުން ތަތްތެޅިފައިވާ ތުއްތު ކުދިންތަކެއް!
ދުވަސް ނުފުރާ ވިހޭ ދަރިފުޅު ނުފެނި 45 ދުވަސް... ދެން ފެނުނީ ޒަޚަމްވެ، ހިރަފުހުން ތަތްތެޅިފައިވާ ތުއްތު ކުދިންތަކެއް!
ރޮއިޓާސް
ފަލަސްތީނު އިސްރާއީލް ހަނގުރާމަ
ދުވަސް ނުފުރާ ވިހޭ ދަރިފުޅު ނުފެނި 45 ދުވަސް... ދެން ފެނުނީ ޒަޚަމްވެ، ހިރަފުހުން ތަތްތެޅިފައިވާ ތުއްތު ކުދިންތަކެއް!
ދުވަސް ނުފުރާ އުފަންވެފައި ވާ ކުދިންގެ ތެރެއިން އައް-ޝިފާ ހޮސްޕިޓަލުން ސަލާމަތުން ނެރުނު 31 ކުދިންގެ ތެރެއިން ޣައްޒާގައި މަޑުކުރި 3 ކުދިންގެ ތެރޭގައި އަނަސްވެސް ހިމެނޭ
ދަރިފުޅަށް ބަލިވެއިންކަން އެނގުނު ދުވަހުން ފެށިގެން އެ މަޢުސޫމު މޫނު ދެކިލުމުގެ ފޮނި ހުވަފެންތައް ދެކެމުން ދިޔަ ވަރުދާއަށް، އޭނާގެ ތުއްތު ދަރިފުޅު ނުފެންނަތާ 45 ދުވަސް ވެއްޖެ
ދަރިފުޅު ދިރިހުއްޓާ ފެނިދާނެ ކަމުގެ އުންމީދުވެސް އޭރު ފަނޑުވާން ފަށައިފި

ދާދި މިދާކަށް ދުވަހު ވިހޭ، ޒުވާން މަންމައެކެވެ. އެ މަންމަގެ ބަނޑުން އުފަންވީ ލޯބިލޯބި ފިރިހެން ދަރިއެކެވެ. ނަމަކީ އަނަސްއެވެ. ހަފުސްކޮށްލާފައި ވާ ޣައްޒާ ސިޓީގެ އައް-ޝިފާ ހޮސްޕިޓަލުން ނެރެގެން، ޣައްޒާގެ ދެކުނަށް ގެންދެވުނު 31 ތުއްތު ކުދިންގެ ތެރެއިން، ވަރުދާ ޞަބީތާއަށް އޭނާގެ ދަރިފުޅު އަނަސްއެއް އެންމެ ފުރަތަމަ ނުފެނުނެވެ.

ދަރިފުޅު ދިރިހުއްޓާ ފެނިދާނެ ކަމުގެ އުންމީދުވެސް އޭރު ފަނޑުވާން ފަށައިފިއެވެ. މައިލަގޮނޑިއަށް ކެތް ނުވިއަސް، ކެތް ކުރުން ނޫން ގޮތެއް ނެތެވެ.

އަނަސް އޮތީ އައް-ޝިފާ ހޮސްޕިޓަލުގަ. ހަނގުރާމަ ފެށިފަހުން، ދަރިފުޅާ އެއްތަން ނުވެވޭތާ 45 ދުވަސް ވެއްޖެ. އަހަރެމެންނަކީ ޝުޖާޢިއާ ސަރަޙައްދުގެ ބައެއް. ހަނގުރާމަ ގަދަވަންޏާ، އަހަރެމެން އަބަދުވެސް ބަދަލުވަން ރައްކާތެރި ހިސާބުތަކަށް. އެހެންވެ، ޒައިތޫން އަވަށުގެ ސްކޫލަކަށް ބަދަލުވީ. އެތަނުން ދެން ބަދަލުވީ އަލް-ސީރާބަށް. ސީރާބުން ޝިފާ ހޮސްޕިޓަލަށް ދާން މާ ފަސޭހައެއް ނުވާނެ. އެކޮޅުން ގުޅި، ދަރިފުޅު ބަލައި އަންނަން. އެކަމަކު، އަހަރެމެންނަށް އެކަން ކުރެވޭ ގޮތެއް ނުވި. ދެވޭނެ މަގު އޮތް، އެކަމަކު، އަނބުރާ އާދެވޭކަށް ނެތް. އަނބުރާ އަންނަ ހުރިހާ އުޅަނދަކަށް ޔަހޫދީން ދިޔައީ ޙަމަލާ ދެމުން.
ވަރުދާ ޞަބީތާ؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މަންމައެއް

ދަރިފުޅަށް ބަލިވެއިންކަން އެނގުނު ދުވަހުން ފެށިގެން އެ މަޢުސޫމު މޫނު ދެކިލުމުގެ ފޮނި ހުވަފެންތައް ދެކެމުން ދިޔަ ވަރުދާއަށް، އޭނާގެ ތުއްތު ދަރިފުޅު ނުފެންނަތާ 45 ދުވަސް ވެއްޖެއެވެ. މައެއްގެ ހިތަށް ކުރާނެ އަސަރު ވިސްނާލަބަލާށެވެ.

ޔަހޫދީންގެ ބައިގަނޑު، ޝިފާ ހޮސްޕިޓަލަށް އެންމެ ގަދައަށް އަތްގަދަ ކުރަން ފެށިތަނާހެން، ދަރިފުޅުގެ ޚަބަރު ލިބުން މުޅިން ހުއްޓިއްޖެ. އަނަސްގެ އެއްވެސް މަޢުލޫމާތެއް ނުލިބޭ. ދިރިހުރިކަމެއް، މަރުވީ ކަމެއްވެސް ނޭނގެ. ދަރިފުޅަށް އެއްވެސް މީހަކު ކިރުފޮދެއް ދޭނެބާއޭ ސުވާލު ކުރެވެމުން ދިޔައީ. އަހަރެމެންނަށް އަޑު އިވުނު ގޮތުގަ، ހުރިހާ ޑޮކްޓަރުން ހޮސްޕިޓަލު ދޫކޮށް ހިނގައްޖެ. ކުޑަކުދިންގެ ޔުނިޓްގެ ޑޮކްޓަރުންނަށްވެސް ޔަހޫދީން މަޖުބޫރު ކުރިޔޯ ނުކުމެގެން ދާން. އެ ގޮތަށް އަޑު އިވެމުން ދިޔައީ. ހޮސްޕިޓަލުގަ ތުއްތު އެންމެ ކުއްޖަކުވެސް ނެތޯ ބުނާތީ އަޑު އިވުނު. އޭރު، އަނަސްއާ މެދު އަހަރެން އިނީ ވަރަށް ކަންބޮޑުވެފަ. ހުރިހާ ކަމެއް ﷲ އާ ވަކީލު ކޮށްލައިގެން އަހަރެމެން ތިބީ. އަނަސްއާ ބައްދަލުވާން، އިރާދައިގަ ހުރީވިއްޔާ އެކަން ވާނޭ، ނެތީވިއްޔާވެސް ﷲގެ ޙަޟްރަތަށް މިކަން ދޫކޮށްލާނީއޭ ހިތައިގެން ތިބީ ދެން ހަމަ.
ވަރުދާ ޞަބީތާ؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މަންމައެއް

ރަފަޙަށް ގެނެވުނު ތުއްތު ކުދިންނަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލުގެ ނިއޯނޭޓަލް ޔުނިޓްގެ އިސްވެރިޔާ ހިއްސާކުރި ލިޔެކިއުންތަކުގައި ހުރި ނަންތައް ބެލުމުގައި ވަރުދާއާއި އޭނާގެ ފިރިމީހާ އަވަދިނެތި އުޅެނެވެ. ކަޅާ ހުދުން، އަނަސްގެ ނަންވެސް ލިސްޓުގައި ލިޔެފައި ވާތީ އެ ދެމެފަރިންނަށް ފެނިއްޖެއެވެ.

3 ދުވަސް ކުރިން އަހަރެމެންނަށް ޚަބަރު ލިބުނީ ތުއްތު ކުދިންނަށް އެހެން ތަނަކަށް ބަދަލު ކުރާ ވާހަކަ. ނެޓެއް ނުލިބޭ، މުވާޞަލާތީ ގުޅުން އެހާ ދެރަ. އެކަކު އަނެކަކާ ގުޅާ ހަދަން ވަރަށް ދަތި. ސްކޫލުގަ ތިބި ބަޔަކު ބުނީ، ތުއްތު ކުދިންތައް އެބަ ބަދަލު ކުރެޔޯ. އެހެންވެ، ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލުތަކުގަ އަތްފުނާއަޅަން ފިރިމީހާއާއެކީ ނުކުތީ. ނާޞިރު ހޮސްޕިޓަލަށް ދިޔައިމަ ބުނީ އިމާރާތީގައޭ ވީ. އިމާރާތީ ހޮސްޕިޓަލަށް ދިޔައިމަ ބުނީ، ދުވަސް ނުފުރާ ވިހޭ ކުދިން ވީ މަތީގައޭ. މައްޗަށް ގޮސް، އެތާ ތިބި ކުދިންނަށް މި ބަލާލެވުނީ. ޒަޚަމްވެފަ ތިބި ތުއްތު ކުދިން. ޢިމާރާތްތަކުގެ ބައިތަކު ދަށުވެ، ގާކުނޑިން ފޯވެފަ ތިބި ކުދިންވެސް ތިބި އެތާ. ދަރިފުޅު ދިރިހުއްޓާ ފެނިދާނެ ކަމުގެ އުންމީދު ފަނޑުވާން ފަށައިފި އޭރު. ދެން، އެތާ އިސްވެރިޔަކާ ފިރިމީހާ ވާހަކަދެއްކީ. ދެން އެހެން ބަލަނިކޮށް، ދަރިފުޅުގެ ލިޔެކިޔުންތައް މި ފެނުނީ. އަހަންނަށްވެސް އާ ދިރުމެއް ލިބުނުހެން ހީވީ. މިއަދު އަހަރެމެންގެ ބެލުމުގެ ދަށުގަ، މި ތުއްތު ދަރިފުޅު ލެއްވި ކަމަށްޓަކައި، ﷲގެ ޙަޟްރަތަށް ޝުކުރުވެރިވަން.
ވަރުދާ ޞަބީތާ؛ ޣައްޒާގައި ގެދޮރު ގެއްލިފައި ވާ މަންމައެއް-

ވަރުދާގެ އަމިއްލަ އަތުން ލައްވާފައި އޮތް މަޑު ނޫކުލައިގެ ނިދާ ހެދުމަކާއި، އެ ހެދުމާ ގުޅޭ ތާކިހާކޮޅެއް އަޅައިގެން ނިދާލާފައި އޮތް އަނަސްއަށް ބަލަހައްޓައިގެން އިނދެ،ވަރުދާ ދިޔައީ، އޭނާގެ އިޙްސާސްތައް ހިއްސާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އަނަސްގެ ދޮއްޓަށް، ވަރުދާގެ 7 ދަރިން ތިބެއެވެ. އެ ޢާއިލާގެ ގެ ހުރީ އުތުރު ޣައްޒާ ނުވަތަ ޣައްޒާ ސިޓީގައެވެ. އެއީ އިސްރާއީލުގެ ޤަތުލުޢާންމުގެ ޢުދުވާންތައް އެންމެ ވަރުގަދަ ކުރި ސަރަޙައްދުކަމުން، މިއަދު ވަރުދާގެ ޢާއިލާ ދިރިއުޅެމުން ދަނީ ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށް ވާ ޚާން ޔޫނިސްގެ ސްކޫލެއްގައެވެ. އެއީ ވަރުދާގެ ޢާއިލާގެ އިތުރުން، އެތައް ސަތޭކަ ބައެއްގެ ވަގުތީ ހިޔާވައްސެވެ.  

ތުއްތު ދަރިފުޅާއެކު މިޞްރަށް ގޮސް، އަނަސްއަށް ބޭނުންވާ އިތުރު ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމުގެ ފުރުޞަތު، ޢުމުރުން 32 އަހަރުގެ ވަރުދާއަށް ލިބުނެވެ. ނަމަވެސް، އޭނާގެދެން ތިބި ދަރިންނާއި ފިރިމީހާ، ޤަތުލުޢާންމެއްގެ ތެރެއަށް ދޫކޮށްފައި ދާކަށް އެ ހިތަކަށް ކެތެއް ނުވިއެވެ.

ދުވަސް ނުފުރާ އުފަންވެފައި ވާ ކުދިންގެ ތެރެއިން އައް-ޝިފާ ހޮސްޕިޓަލުން ސަލާމަތުން ނެރުނު 31 ކުދިންގެ ތެރެއިން ޣައްޒާގައި މަޑުކުރި 3 ކުދިންގެ ތެރޭގައި އަނަސްވެސް ހިމެނެއެވެ. ދެވަނަ ކުއްޖަކީ އެ ކުއްޖެއްގެ އަޞްލު ނުވަތަ ޢާއިލާ ދެނެގަނެވިފައި ނުވާ ކުއްޖެއް ކަމަށް ރަފަހު ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. 3 ވަނަ ކުއްޖާގެ ވަނަވަރު ހިއްސާ ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް