Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 18:56
ފާރިސް ހައްޔަރުކުރުމުގެ ތެރެއިން: މައްސަލަ މިހާރު ވަނީ އިސްތިޢުނާފު ކޮށްފަ
ފާރިސް ހައްޔަރުކުރުމުގެ ތެރެއިން: މައްސަލަ މިހާރު ވަނީ އިސްތިޢުނާފު ކޮށްފަ
ރާއްޖެ އެމްވީ
ފާރިސް ހައްޔަރުކުރުން
ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
ފާރިސް ހައްޔަރު ކުރުމަށް ނެރުނު އަމުރާއި މުއްދަތު އަމުރުވެސް ވަނީ އިސްތިޢުނާފުކޮށްފަ
ފާރިސް ހައްޔަރުކުރީ ޖުލައި 18 ވަނަ ދުވަހު
ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރިއިރު މައްސަލަ އަދި އޮތީ ތަޙުޤީޤު މަރުހަލާގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރާއި، ފަރިސް ބަނދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު މުއްދަތު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.

ފާރިސްގެ ޤާނޫނީ ވަކީލު، އަލްއުސްތާޛް މައުމޫން ހަމީދު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އަދި އެ އަމުރުގެ ދަށުން ހައްޔަރުކޮށް، ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު މުއްދަތު އަމުރުގެ އިސްތުޢުނާފުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އަންގާރަ ދުވަހު އެ ދެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރަކާއިއެކު ފާރިސް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ގެ ބަލައި ފާސްކުރުމަށް ފަހު ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައި އޮތް އިތުރު އަމުރެއްގެ ދަށުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އެ އަމުރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފާރިސް ހައްޔަރުކުރުމަށް ބޭނުންވާ ސަބަބު ކަމަށް އަމުރުގައި ބަޔާންކޮށްފައިވަނީ، އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ނުފުޒު ފޯރުވައި، ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއާއި، ފާރިސް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މިކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވައި، ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.

ފާރިސްގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކޯޓް އަމުރުގައި ފާހަގަކޮށްފައިވަނީ، ފުލުހުންގެ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި، ސިއްރު ހެއްކެއްގެ ހެކި ބަހާއި، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލްގެ އިތުރުން މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ވީޑިއޯއެއްގައި ހިމެނޭ އޯޑިއޯގެ ސްކްރިޕްޓެވެ.

ފާރިސް ހައްޔަރުކުރުމަށްފަހު، ޖެހިގެން އައި ދުވަހު، ފާރިސްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ، ފާރިސްގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރެއް ނެރެދީފައެވެ. މައްސަލައިގެ ޝަރީޢަތް ނިމެންދެން ފާރިސް ބަންދު ކުރިއިރު މި މައްސަލަ އަކީ އަދި ތަހުގީގީ މަރުހަލާގައި އޮތް މައްސަލައެކެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ 'ށ' ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ، ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ކޯޓަށް ފިލާފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ދޫކޮށްލައިިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފަނޑިޔާރަށް ހަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

ފާރިސްގެ މައްޗަށް ޖުމްލަ ތިން ތުހުމަތެއް ކޮށްފައިވެއެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުގެ ކުށާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، 540 ވަނަ މާއްދާގެ ދަށުން ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް