Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 15:33
ބަންޑަރަ ނައިބު މުހައްމަދު އަނިލް
ބަންޑަރަ ނައިބު މުހައްމަދު އަނިލް
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
މައްސަލަ ހުށަހަޅާފައި ވަނީ ނުބައި މާއްދާއަކާ ހަވާލާދީ މައްސަލަ ހުށަހަޅާފައިވާތީ
އަނިލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ 24 މެމްބަރުންގެ ސޮޔާއެކު
ހަވާލާދިން މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގައި އަމަލު ކުރާނެ ގޮތުގެ މާއްދާ

ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރު ކޮށްލާފައިވާ ކަމަށް މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު ވެސް "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވި އެވެ.

އަހުމަދު ވިދާޅުވީ ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ އިތުރު ތަފްސީލެއް އަހުމަދު ނުދެއްވަ އެވެ.

އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ 24 މެމްބަރެއްގެ ސޮޔާ އެކު އެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުފައިވަނީ އަނިލްގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅާފައި ވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަމަށާއި ނަމަވެސް އެމާއްދާގެ ދަށުން ހުށަހެޅޭނެ ގަރާރެއް ނޫން ކަމަށް މަޖިލީހުން ބުނެފައިވާ ކަމަށެވެ.

 

ގާނޫނުއަސާސީގެ 82 ވަނަަ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގައި އަމަލު ކުރާނެ ގޮތެވެ. އެހެންކަމުން އެ މައްސަލަ ބޭރުކޮށްލާފައި ވަނީ ނުބައި މާއްދާއަކާ ހަވާލާދީ ހުށަހަޅާފައިވާތީއެވެ. 

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސާލާގައި އަނިލްއަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެގެން ގޮސްފައިވެއެވެ.

މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ނަމަވެސް، އެމައްސަލަ މިމަހުގެ 20 ވަނަ ދުވަހު ވަނީ މަޖިލީހުން ބާތިލްކޮށްފައެވެ.

މިމައްސަލަ މަޖިލިހުން ބޭރުކުރުމަށްފަހު މަޖިލީހުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އޭގައި ސޮއިކުރެއްވި އެއް މެމްބަރަކު ނަން އަނބުރާ ގެންދެވުމާއި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލި، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ އަދަދަށް ވުރެ މެމްބަރުންގެ އަދަދު ދަށްވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ޖުލައި 2017 | އަންގާރަ 16:34
މާނާ
މާތްﷲ ގަންދީ އަނިލް ކުރި ހުވާ ހަނދާން ކޮށްދީބަލަ. ނޭވާހޮޅިޔަށް މަދިރިއެއް ވަދެގެން ވެސް މާދަމާވެސް މަރުވެދާނެ!