Advertisement
ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 09:02
މަޖިލިސް މެންބަރުން، މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމަށް ފުލުހުން ސަފު ހަދާފަ
މަޖިލިސް މެންބަރުން، މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމަށް ފުލުހުން ސަފު ހަދާފަ
މުހައްމަދު ޝަރުހާން
މަޖިލިސް ހިސޯރުކުރުން
އެެންމެންގެ ލޯ ކުރިމަތީގައި މަޖިލިސް ހިސޯރުކުރުމަށްފަހު، ސަރުކާރުން އެކަމަށް އިންކާރުކޮށްފި
ސިފައިންނާއި ފުލުހުން އެއްކޮށް މަޖިލިސް ކުރާ އިދާރާއަށް ވަން
މަޖިލިސް މެންބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސް އެޅި
ބަރުލަމާނީ ހަޔާތުގައި މަޖިލިސް ކުރާ ގެ ހިސޯރުކުރި ފުރަތަމަ ފަހަރު

އެންމެންގެ ލޯ ކުރިމަތީގައި، އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމަށްފަހު، ސަރުކާރުން އެކަމަށް އިންކާރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމުން ސިފައިން ވަނީ މަޖިލިސް ގޭޓްތަކުގައި ތަޅު އަޅުވާފަ އެވެ. އަދި މެންބަރުންނަށް މަޖިލިސް އިދާރާއަށް ވަންނަން ފުރުސަތު ނުދިނުމުން ބައެއް މެންބަރުން އިދާރާއަށް ވަދެވަޑައިގަތީ ފާރުމަތިންނެވެ. ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިން ވަނީ މަޖިލިސް ކުރާ ގެއަށް ވަން މެންބަރުން އެތަނުން ނެރެފަ އެވެ.

މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި، މަޖިލިސް ކުރާ އިދާރާ މިގޮތަށް ހިސޯރުކޮށް، ފުލުހުން ވައްދައިގެން މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މީޑިއާތަކުގެ އިތުރުން، ބޭރުގެ ގިނަ އަދަދެއްގެ މީޑިއާތަކުން ވަނީ ހޯމަ ދުވަހު ހިނގި ކަންތައްތަކުގެ ޚަބަރުތައް ރިޕޯޓްކޮށްފަ އެވެ.

އެ ޚަބަރުތައް ދޮގުކޮށް، ރައީސް އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ދިވެހި ސަރުކާރުން އިންކާރު ކުރާ ކަމަށެވެ.

ހޯމަ ދުވަހު ހިނގި ކަންތައްތަކާ ގުޅޭ ގޮތުން މަޖިލިސް އިދާރާއިން ނެރުނު ބަޔާނުގައި ހުރި ކަންކަން ފާހަގަކުރުމަށް ފަހު، ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޚަބަރު ފެތުރުމުގައި ޒިންމާދާރު ކަމާއެކު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް، ހުރިހާ މީޑިޔާއަކަށް ސަރުކާރުން އިލްތިމާސް ކުރާ ކަމަށެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފް އިން މިއަދު އެޅުއްވި ޚާއްސަ ފިޔަވަޅުތަކަކީ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، ހޯމަ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަމަނުޖެހުން ހިންގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމްއެންޑީއެފް އިން އެޅި ޚާއްސަ ފިޔަވަޅުތަކެއް ކަމަށެވެ.

މަޖިލިސް ކުރާ ގެއަށް ސިފައިންނާއި ފުލުހުން ވަދެ ހިންގި އަމަލުތައް އިންޓަ ޕާލިމެންޓްރީ ޔޫނިއަން(އައިޕީޔޫ) އާއި، ބައެއް ގައުމުތަކުގެ އިސްވެރިންތަކެއް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެކަންކަމާ ގުޅިގެން އާއްމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް