އީވާ އަދި އަފީފް ނޫން އެހެން ބޭފުޅަކާއި މަޖިލީހުގެ ރިޔާސަތު ހަވާލުކޮށްދެއްވުމަށް އެމްޑީޕީ އިން އެދިއްޖެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ނޫން އެހެން ބޭފުޅަކާއި ހަވާލުކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމަށް އެޑްރެސްކުރައްވާ އެމްޑީޕީ ގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، އާދިއްތަ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަދި މެމްބަރު އަފީފް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ ގަވައިދާ ޚިލާފަށް ޖަލްސާ ނިންމަވާލައްވާފައިވާކަމަށެވެ.
އެހެންކަމުން، އެ ދެ ބޭފުޅުން ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށް ނުފެންނަކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި އެ ދެ ބޭފުޅުންގެ އަމިއްލަ ޒާތީ މަސްލަހަތު މި މައްސަލައިގައި އިސްކުރައްވާކަން ހާމަކަން ބޮޑު ގޮތެއްގައި ފެންނަކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.
އެގޮތުން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުން ނައިބު ރައީސް އީވާ އަދި މެމްބަރު އަފީފް ނޫން އެހެން ބޭފުޅެއް، މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖައްސަވާ ދެއްވުމަށް އެމްޑީޕީ ގެ ޕީޖީ ގްރޫޕުން ވަނީ އެދިފައެވެ.