Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 18:20
ގޮނޑި ގެއްލުނު ކަމަށްބުނާ މެންބަރުން
ގޮނޑި ގެއްލުނު ކަމަށްބުނާ މެންބަރުން
ރާއްޖެ އެމްވީ
މެންބަރުންގެ ގޮނޑި ގެއްލުން
ގޮނޑި ގެއްލުނު ކަމަށް ބުނާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
މެންބަރުން ހުށަހެޅި މައްސަލަ 3 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ވަނީ އަންގާފައި
މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން
މެންބަރުންނާއި ޤާނޫނީ ވަކީލުން ވިދާޅުވަނީ އިލެކްޝަނަކަށް އެހެން ކަނޑަނޭޅޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ބުނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ޕީޕީއެމްގެ އެދުމުގެ މަތިން އެ ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާތީ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންއެވެ.

އެމެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް އެގޮތައް ކަނޑަނޭޅޭނެ ކަމަށް ހާމަކޮށް އެމެންބަރުނގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. އަދި އެހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުން ހުއްޓުވައި ދިނުމަށެވެ.

ހަތަރު މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންކަން ފުރަތަމަ އަންގަވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއް ލަތީފް މުޙައްމަދަށެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ސޮއިކުރައްވައި ލަތީފަށް ހޯމަ ދުވަހު ފޮނުއްވެވި މައްސަލަ ހުށަހެޅުމުގެ ހުއްދަދޭ ލިޔުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ މައްސަލަ ހުށަހެޅުމުގެ ހުއްދަދޭ ކަމަށެވެ. އަދި ތިން ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންވާނެ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ލަތީފް ހުށަހެޅުއްވި މައްސަލައިގައި އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ނިންމުމެއް ކަމަށާއި އޭނާއަކީ ދިއްދޫ ދާއިރާގެ މެންބަރު ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން ނުވަތަ ސުޕްރީމް ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ދެމިހުރެވޭނެ ކަމަށާއި އަދި ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ އެންމެހާ އިންތިޒާމްތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް ލަތީފް އެދިވަޑައިގަންނަވާފައިވެއެވެ.

އޭގެ ފަހުން އަނެއް ތިން މެންބަރުންގެ މައްސަލަވެސް ބަލައިގެންފައިވާކަމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެންބަރުން މުހައްމަދު ވަހީދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.

މި ހަތަރު ދާއިރާގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވީ ނަމަވެސް މިދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ނަމަވެސް ވެރިކަން ކުރާ މައި ޕާޓީން ވަނީ މި ބައިއިލެކްޝަނަށް ކެމްޕޭން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް