Advertisement
ކ. މާލެ
|
9 ނޮވެންބަރ 2023 | ބުރާސްފަތި 19:37
މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް
ކޮމިއުނިޓީ ސަރވިސް ހުކުމް ތަންފީޒުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލަޔާއި ލިޔުން ވަނީ ހަވާލުކޮށްފައި
ވޭތުވެ ދިޔަ އަހަރު ކުރިއަށްދިޔަ ކަންކަމަށް އަލިއަޅުވާލައި، ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވޭ
އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީގައި، ކޮމިއުނިޓީ ކަރެކްޝަންސް ފްރޭމްވޯރކްއެއް އެކުލަވާލުމުގެ މަސައްކަތްކުރިއަށްދާކަމަށް ވިދާޅުވި

ކޮމިއުނިޓީ ސަރވިސް ހުކުމް ތަންފީޒުކުރުމާބެހޭ ގަވާއިދެއް އެކުލަވާލައި ގެޒެޓްކުރެވިފައި ވީނަމަވެސް، އެކަން އަމަލީގޮތުން ތަންފީޒުކުރުމަށް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކޮމިޝަނަރު ފާހަގަކުރެއްވީ ޖަލު ތަރައްގީކުރުމުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެހީގައި ކޮމިއުނިޓީ ކަރެކްޝަންސް ފްރޭމްވޯރކްއެއް އެކުލަވާލުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ތަފާސްހިސާބުތަކަށް ބަލާއިރު، ޖަލުގެ އާބާދީގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުށެއް ކޮށްގެން އެއް އަހަރަށްވުރެއް ކުރު މުއްދަތަކަށް ޖަލަށް ގެނެސްފައިވާ މީހުންގެ ޕަސެންޓޭޖަކީ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޖަލުގެ އިންފްރާސްޓްރަކްޗަރ ހުންނަ ގޮތުން، މި މީހުން ސީރިއަސް ކުށް ކޮށްފައިވާ މީހުންނާ ވަކިން ގެންގުޅެވެން ނެތުމުގެ ސަބަބުން، އެމީހުންނަށް ސީރިއަސް ކުށްކުރާ މީހުންގެ ފިލޯސަޕީ ފެތުރި، އޭގެ ނަތީޖާއެއްގެ ގޮތުން ޖަލުން ނިކުތުމަށްފަހު އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އަނބުރާ ކުށުގެ ވެއްޓަށް ދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަންކަން މަދުކުރެވޭނީ ޖަލު ނޫން އަދަބެއް ތައާރަފްކުރެވިގެންކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

Advertisement

މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އިލެކްޓްރޯނިކް ޓެގް ހިމަނާފައިވާކަމަށާއި، އެ ބޭނުންކޮށްގެން ގޭގައި ނުވަތަ ވަކި ތަނެއްގައި ބަހައްޓައިގެން މީހުން މޮނިޓަރުކުރެވޭނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. މިހާރު މަސައްކަތްތައް ހުންނަ ގޮތުން އިންސާނީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރަންޖެހެނީ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުމަށް ކަމަށާއި، އެމީހުން ބެލެހެއްޓުމަށް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. ނަމަވެސް ކުރިން ފާހަގަކުރެވުނު ކޮމިއުނިޓީ ކަރެކްޝަންސް ނުވަތަ ޖަލު ނޫން ހުކުމެއް ތަންފީޒުކުރަން ފެށުމުން ޖަލަށް ގެނެވޭ އާބާދީ މަދުކުރެވޭނެ ކަމަށާއި، އޭރުން ޖަލުގައި ތިބޭނީ ސީރިއަސް ކުށްކުރާ މީހުން އެކަނިކަމަށާއި، ޖަލުގެ އާބާދީ މަދުކުރެވުމުން ގައިދީން ރިހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރަށް ހިއުމަން ރިސޯސްގެ ބޭނުން ހިފިގެންދާނެކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު، ޖަލު ނޫން އަދަބު ތަންފީޒުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިގެން ދާނެކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އޭނާ ދެއްކެވި ވާހަކަފުޅުގައި، އެމްސީއެސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކޮމިޝަނަރު ވިދާޅުވީ، ޔޫއެންއޯޑީސީގެ އެހީގައި ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލަމުން ދާކަމަށާއި، އަންނަ ފެބްރުވަރީ ނޫނީ މާޗް ހިސާބުގައި ޑިވެލޮޕްކުރެވޭނެ ކަމަށެވެ. އަދި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ އަލީގައި އެމްސީއެސްގެ ލަނޑުދަނޑިތައް ހާސިލުކުރާނެ ގޮތްތައް ސްޓްރެޓަޖައިޒް ކުރެވޭނެކަމަށާއި، ކަނޑައެޅޭ އަމާޒުތަކަށް ވާސިލްވުމަށް އިތުރަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވިގެން ދާނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ވޭތުވެދިޔަ އަހަރު ހާޒިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލަޔާއި ލިޔުން ވަނީ ހަވާލުކޮށްފައެވެ. އަދި ވޭތުވެ ދިޔަ އަހަރު ކުރިއަށްދިޔަ ކަންކަމަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް