ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 23:22
ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި
ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި
ރޮއިޓާސް
އިސްރާއީލްގެ ހަމަލާތަކެއް ޚާންޔޫނިސްއަށް
ޣައްޒާގެ ދެކުނުން، ޚާން ޔޫނިސްއަށް ވަރުގަދަ ހަމަލާތަކެއް އަނެއްކާވެސް ދީފި
ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ޚާން ޔުނިސް ސިޓީއާއި ވަށައިގެންވާ ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުން

ފަލަސްތީނުގެ އައްސޭރިފަށުގައި އޮންނަ ޣައްޒާގެ ދެކުނު ސަރަހައްދުން ޚާން ޔޫނިސްއަށް، އިސްރާއީލުން ވައިގެ މަގުން ބޮމުގެ ވަރުގަދަ ހަމަލާތަކެއް އަނެއްކާވެސް ދީފިއެވެ. މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް އެ ސަރަހައްދަށް ލިބިފައިވާއިރު، އިތުރު ބައެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.

މިއަދު ދިން ހަމަލާތަކުގައި މަރުވި މީހުންގެ ސީދާ އަދަދު އަދި ހާމައެއް ނުކުރެއެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ ތާރިގު އަބޫ އައްޒޫމްގެ ރިޕޯޓްތައް ބުނާގޮތުން، ބުދަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ޚާން ޔުނިސް ސިޓީއާއި ވަށައިގެންވާ ޣައްޒާގެ ދެކުނުގެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންނެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަކީ ޚާން ޔޫނިސްގެ އުތުރުގައި އޮންނަ ޣައްޒާގެ މެދުތެރޭގައި އޮންނަ އައްނުސީރަތު ރެފިއުޖީ ކޭމްޕެވެ. އަބޫ އައްޒޫމް ވަނީ، އާބާދީ ބޮޑު މި ކޭމްޕަށް "ކެނޑިނޭޅި ހަމަލާތައް" ދީފައިވާކަމަށް ރިޕޯޓްކޮށްފައެވެ. އިޒްރޭލުގެ މިސައިލްތައް މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ބިޒީ މާރުކޭޓުތަކަށް ވެއްޓި އެތައް ބަޔަކު މަރުވެ، ޒަޚަމްވިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޚާން ޔުނިސް ސިޓީއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، ކުރިން ރައްކާތެރިކަމަށް ބެލެވޭ އެ ސަރަހައްދުގެ ދެކުނުގެ ސަރަހައްދުތަކުގައި ހިމާޔަތް ހޯދުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން އިންޒާރުތަކާ ޚިލާފަށް މި ހަމަލާތައް ދީފައި ވެއެވެ. ޣައްޒާގެ އުތުރުން ފިލަން އުޅުނު އެތައް ބަޔަކު ވަނީ މި ހަމަލާގައި މަރުވެފައެވެ.

މިއީ އިސްރާއީލުން ޣައްޒާގެ ދެކުނުގެ އާބާދީގެ މަރުކަޒުތަކަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ދިން ނުރައްކާތެރި ހަމަލާތަކެކެވެ. އިސްރާއީލުގެ ބޮމުން ސަލާމަތްވާނެ ތަނެއް މުޅި ފަލަސްތީނުގައިވެސް ނެތުމުން، ފިލަން ދާނެ ވަކި ތަނެއް ޣައްޒާގެ ރައްޔިތުންނަކަށް މިއަދަކު ނެތެވެ.

އިސްރާއީލުން މުޅި ޣައްޒާއަށް ބޮން އެޅުން ވަރުގަދަކުރަމުން އަންނައިރު، ޣައްޒާގެ ރައްޔިތުން ތިބީ ގޮތް ހުސްވެ ފުރާނަ އަތްމައްޗަށް ލައިގެންނެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން، މެދުކެނޑުމެއްނެތި އިސްރާއީލުގެ ހަމަލާތައް ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް އަމާޒުވަމުންދާއިރު، މިހާތަނަށް 10،500އަށްވުރެ ގިނަމީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް