ކ. މާލެ
|
4 ނޮވެންބަރ 2023 | ހޮނިހިރު 05:24
އިސްރާއީލުން އައްޝިފާ ހޮސްޕިޓަލު ކައިރީގައި އޮތް އެމްބިޔުލަންސަށް އަމާޒުކޮށް ދިން ހަމަލާ
އިސްރާއީލުން އައްޝިފާ ހޮސްޕިޓަލު ކައިރީގައި އޮތް އެމްބިޔުލަންސަށް އަމާޒުކޮށް ދިން ހަމަލާ
-
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް
އިސްރާއީލުން އައްޝިފާ ހޮސްޕިޓަލު ކައިރީގައި އޮތް އެމްބިޔުލަންސަށް ދިން ހަމަލާގައި އެތައް ބަޔެއްގެ ފުރާނަ ގެއްލިއްޖެ
ހުކުރު ދުވަހު އިސްރާއީލުން ދެ އެމްބިޔުލަންސަކަށް އަމާޒުކޮށް ހަމަލާދީފައިވޭ

ޣައްޒާގައި ހުރި އައްޝިފާ ހޮސްޕިޓަލްގެ ދޮރުމަތީގައި އޮތް އެމްބިޔުލަންސަށް ދިން ހަމަލާގައި އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން އަޝްރަފް އަލް ގުދުރާ ވިދާޅުވީ ހުކުރު ދުވަހު އިސްރާއީލުން ދެ އެމްބިޔުލަންސަކަށް އަމާޒުކޮށް ހަމަލާދީފައިވާކަމަށެވެ. ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގައި އޮތް އެމްބިޔުލަންސަކަށެވެ. އެހަމަލާގައި ޑްރައިވަރާއި ޕެރަމެޑިކް އަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަދި ޕެރަމެޑިކަށް ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެން އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.

އޭގެފަހުން ދެވަނަ އެމްބިޔުލަންސަށް ހަމަލާދިނީ އައްޝިފާ ހޮސްޕިޓަލުގެ ގޭޓްކުރިމަތީގައި އޮއްވައެވެ. އެހަމަލާ އެމްބިޔުލަންސަށް އަމާޒުކޮށް ދިންއިރު އެތައް ސަތޭކަ ބަލި މީހުންނެއް އެހޮސްޕިޓަލުގައި ތިބިއިރު އެތައް ސަތޭކަ ބަޔަކު އައްޝިފާ ހޮސްޕިޓަލުން ދިޔައީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

އިސްރާއީލުން ބުނެފައިވަނީ މި އެމްބިޔުލަންސަށް ހަމަލާދީފައިވަނީ ހަމާސްގެ އަސްކަރީ އޮޕަރޭޝަނަށް މިއެމްބިޔުލަންސް ބޭނުންކުރާތީއެވެ. ނަމަވެސް އެކަން ސްޕޯކްސްޕާސަން ވަނީ ދޮގުކޮށްފައެވެ. މިހާތަނަށް އައިއިރު 25 އެމްބިޔުލަންސެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު 126 ހޮސްޕިލަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހަމަލާތައް ދީފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި ޣައްޒާގެ 16 ހޮސްޕިޓަލަކުން މިވަގުތު އެއްވެސް ވަރަކަށް ޚިދުމަތް ދެމުންނުދެއެވެ. އެއީ އެތަންތަނަށް އިސްރާއީލުން ހަމަލާދިނުމުގެ ސަބަބުންނާއި ތެޔޮ ނެތުމުގެ ސަބަބުންނެވެ.

މިހާތަނަށް އައިއިރު ފަލަސްތީނުގެ 9200 މީހުންގެ ފުރާނަ ގެއްލިފައިވާއިރު 23،500ށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް