ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަ މެންބަރުންގެ ނަން ބޯޑް މަޖިލީހުގެ ޗެމްބަރުގެ މޭޒުކޮޅުތައް މަތިން ނެގުމަށް އަންގައިފި އެވެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ، ޕީޕީއެިމްއިން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ މެންބަރު ކަމުގެ ގޮނޑި އެވެ.
ޕީޕީއެމްގެ ދަފްތަރުން، މެންބަރު އިލްހާމާއި، މެންބަރު ސިނާނާއި، މެންބަރު އަމީތާއި، މެންބަރު ވަހީދާއި، މެންބަރު ލަތީފް އަދި މެންބަރު ސައުދުގެ ނަން އުނިކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގެ ޖަވާބުގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެކަމާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. މެންބަރުން ބުނާ ގޮތުގައި އެ ސިޓީގައި މަޖިލީހުގެ ނައިބު ރައީސަށް ސޮއިނުކުރެވޭނެ އެވެ. އިދާރީ އެފަދަ ސިޓީތަކުގައި ސޮއިކުރެވޭނީ މަޖިލީހުގެ އަމީންއާންމަށް ކަމަށް މެންބަރުން ބުނެ އެވެ.
ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަ މެންބަރުންގެ މޭޒުކޮޅުތައް މަތިން ނަންބޯޑްތައް ނަގަން އަންގާފައިވަނީ އާދިއްތަ ދުވަހު އެވެ.
ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ އެ މެންބަރުންތައް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.