ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ގަވާއިދާ ޚިލާފަށްދޭ މައުލޫމާތު މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފެތުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސްއިން އާދިއެްތަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުކުމް ތަންފީޒު ކުރާ މީހުންނާ ބައްދަލު ކުރުމުގެ ކަންކަމުގައި އަމަލު ކުރުމަށް ދެ ގަވައިދެއް ގެޒެޓް ކޮށްފައިވާނެ ކަމަށެވެ. އޭގެ ބޭރުން ގައިދީންގެ ފަރާތުން ހޯދާ ނުވަތަ ލިބިގަންނަ މައުލޫމާތަކީ ގަވައިދާ ހިލާފަށް ހޯދާފައިވާ މައުލޫމާތު ކަމަށެވެ.
ގައިދީން ބަލަހައްޓާ އިދާރާގެ ބަޔާނުގައި ބަޔާންކުރާ ދެ ގަވައިދަކީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވައިދާއި އެ މީހުންނަށް ފޯނުކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވައިދެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ބޭފުޅުންގެ ފަރާތުން، އެކި ކަންކަމާ ގުޅޭ ގޮތުން ބަޔާންތައް އާންމު ކުރަމުންދާ މި ދަނޑިވަޅުގައި ކަރެކްޝަނަލް ސާވިސް އިން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ހުކުމް ތަންފީޒު ކުރާ މީހުންގެ ފަރާތުން އިސްވެ ދެންނެވުމުން ދެ ގަވައިދުގެ ބޭރުން އެހެން ގޮތަކަށް ހޯދާ ނުވަތަ ލިބިގަންނަ މައުލޫމާތަކީ ގަވައިދުން ބޭރުން ހޯދާފައިވާ ތަކެތިކަމަށެވެ.އަދި އެފަދަ ތަކެތި މީޑިއާ މެދުވެރިކޮށް ނުފެތުރުމަކީ އެ ސާވިސްގެ އެދުމެއްކަމަށް ވަނީ ބުނެފައެވެ.
"ޝަރުއީ ހުކުމެއް އައިސްފައިވާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަން ވާނީ އެކަމާ ގުޅޭ ގޮތުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ،" މި ބަޔާނުގައިވެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ވަނީ، ހުކުމް ތަންފީޒު ކުރަންޖެހޭ މީހުންގެ ތެރެއިން އެ އިދާރާއާ ހަވާލުނުވެ ތިބި މީހުންވެސް އެކަން ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ފަހަކަށް އައިސް ސިޔާސީ ބޭފުޅުންގެ ފަރާތުން އަދި ބައެއް ފަހަރު އެ ބޭފުޅުން ސޮއިކުރައްވައި ބަޔާންތައް ނެރުއްވާފައި އެބަހުއްޓެވެ. މީގެ އިތުރުން އެފަދަ ބައެއް ބޭފުޅުން ސޮއިކުރައްވައި ކޯޓުތަކަށް ވެސް ތަފާތު ކަންކަމާ ގުޅިގެން ސިޓީތައް ފޮނުވާފައިވެއެވެ.