ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 23:25
ރައީސް މައުމޫން އަބްދުލްގައްޔޫމް
ރައީސް މައުމޫން އަބްދުލްގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ފާރިސްގެ އެޕާޓްމެންޓުން "ޖެޓް މަތިންދާބޯޓެއް" ފުލުހުންނަށް ނުފެނުނީތީ ހަމްދު ކުރަން: ރައީސް މައުމޫން
ޖެޓް މަތިންދާ ބޯޓެއް ފެނުނުނަމަ ސާބިތުކޮށް ހުކުމް ކުރާނެ
ސަލާމަތީ ބާރުތަކުން ޣައިރު ގާނޫނީ އަމުރަށް ތަބާނުވާތި
ހައްގުތަކާއި މިނިވަންކަން ގާނޫނު އަސާސީއާ ޚިލާފަށް ހަނިނުކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އެޕާޓްމެންޓުން "ޖެޓް މަތިންދާބޯޓެއް" ފުލުހުންނަށް ނުފެނުނީތީ ހަމްދު ކުރައްވާ ކަމަށް، ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވަނީ ފާރިސް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް މައުމޫން ވިދާޅުވީ "މާކުރިން ފާރިސް ހައްޔަރުކުރުމަށް ނިންމައިގެން ތިބެ" އޭނާގެ ގެޔަށް ފުރަތަމަ ދިޔައީ ބަލާފާސްކުރުމުގެ އަމުރެއް ހިފައިގެން ކަމަށެވެ. ރައީސް މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންނާ ހަމައަސް ފުލުހުން ފޯރުކޮށްދޭން މަސައްކަތް ކުރި މެސެޖަކީ ފާރިސްގެ އެޕާޓްމެންޓުން "އެއްޗެހިތަކެއް" ފެނިގެން އޭނާ ހައްޔަރުކުރުމުގެ މެސެޖު ކަމަށެވެ.

މަޖާޒީ ރާގެއްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ފާރިސްގެ އެޕާޓްމެންޓް ބަލާފާސްކުރުމަށް ފަހު ފުލުހުންނަށް ޖެޓް މަތިންދާބޯޓެއް ނުފެނުނީތީ ހަމްދު ކުރައްވާ ކަމަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާއިރު، އެކަމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ ފާރިސްގެ އެޕާޓްމެންޓުން އެފަދަ އެއްޗެއް ފެނުނުނަމަ ޝަރީއަތުން ހަމަ އެކަން ވެސް ސާބިތުކޮށް ހުކުމް ކުރާނެ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ފާރިސް ހައްޔަރުކުރުމުގައި އަމަލުކޮށްފައިވަނީ ޣައިރު ގާނޫނީ އިޖުރާއަތުތަކެއްގެ މައްޗަށް ކަމަށެވެ. 

ރައީސް މައުމޫންގެ ވާހަކަފުޅުގައި ވަނީ، ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. ރައީސް މައުމޫން ވިދާޅުވީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށާއި އެ ހައްގުތައް ނިގުޅައިނުގަނެވޭނެ ކަމަށެވެ.

ސަލާމަތީ ބާރުތަކުގެ ވާހަކަ ދައްކަވަމުން، އެމަނިކުފާނު ވިދާޅުވީ އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ސަލާމަތީ ބާރުތަކުން ތަބާވާން ނުޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މައްޗަށް އެއްވެސް ޣައިރު ގާނޫނީ އަމުރެއް ވެސް ސަލާމަތީ ބާރުތަކުން ކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

- ކޮމެންޓް