ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ކިބައިން ވެރިއެއްގެ ސިފަތައް ގެއްލިއްޖެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހުގެ ރޭ ކުނޫޒުގައި ބާއްވަމުންދާ ޖަލްސާގައި ޝިފާޒު ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން ގާނޫނު އަސާސީއަކީ ނެތް އެއްޗެއް ކަމަށް ހަދާނެ ޖާގައެއް ނުދޭނެ ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ރައްޔިތުންނަށް ފޯރިކޮށްދިނުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ތިބެއްބެވީ ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މިއީ ދިވެހި ތާރީހުގައި ވެސް ވެރިޔަކު އެކަހަރިކޮށް މި ގޮތަށް މަސައްކަތް ކުރަންފެށި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދިއެހެންމެ ދައުލަތުގެ ސިފަތައް ނެތިގެންދާއިރު މި ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވަން ތިބި ބޭފުޅުން ތިބީ އެ ފުރުސަތު ދިނުމަށް ނޫން ކަމަށް ތަކުރާރުކޮށް ޝިފާޒު ވިދާޅުވި އެވެ.
ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދުތައް ފުއްދުނުތޯ މިއަދު ކޮންމެ މީހަކުވެސް ވަޒަންކުރަން ޖެހޭ ކަމަށާއި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ވެގެންދިޔަ ގޮތާމެދުވެސް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވި ގޮތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްއާ މެދު މި ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާ މެދު އަމަލު ކުރެއްވި ގޮތަށެވެ. އެހެން ނަމަވެސް ފާރިސް ޖަލުގައި ހުންނެވުމަށް ދޫނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާދަމާ ވީހާވެސް ގިނަ ބަޔަކު މަގުމައްޗަށް ނިކުތުމަށްވެސް ޝިފާޒު ގޮވާލެއްވި އެވެ.