Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 17:47
އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ
އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ
މުހައްމަދު ޝަރުހާން
އެއްވެ އުޅުމުގެ މިނިވަންކަން
ހޯމަ ދުވަހު ބާއްވާ އެއްވުން ޣައިރު ގާނޫނީ، ފުރުސަތެއް ނުދޭނަން: ފުލުހުން
ދައުލަތުގެ ހުއްދައެއް ހޯދުމަކާ ނުލައި އެއްވެ އުޅެވޭނެ
ގާނޫނު އަސާސީއާއި ފުށޫއަރާ ގާނޫނުތައް ބާތިލް
ހައްގަކަށް މިނިވަންކަމަކަށް އުނިކަން އަންނާނެ ގޮތަށް މާނައެއް ނުކުރެވޭނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި އެ އެއްވުމަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

 

ނޫސްވެރިންނަށް ސުވާލެއް ކޮށްލުމުގެ ފުރުސަތު ނުދީ އާދިއްތަ ދުވަހު ބޭއްވި "ބަޔާން އިއްވުމުގައި" ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެއަށް މީހުން ގެނެސްގެން މާލޭގެ ބައެއް ސަރަހައްދުތަކުގައި ބާއްވަން ނިންމާފައިވާ އެއްވުމަކީ ގާނޫނާ ޚިލާފް އެއްވުމެއް ކަމަށެވެ.

 

ޝިފާން ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ ޚިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

 

ފުލުހުންގެ މިހެން ބުނެފައިވާއިރު ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް މި ބާބުގައި (ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި) ބަޔާންވެގެންވާ އަސާސީ ހައްގަކާ ނުވަތަ މިނިވަންކަމަކާ ތައާރުޒުވާނަމަ، އެ ގާނޫނެއް ނުވަތަ އެ ގާނޫނަކުން އެ ހައްގަކާ ނުވަތަ އެ މިނިވަންކަމަކާ ތައާރުޒުވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށް ކަމަށެވެ.

 

ގުޅިފައިވާ ޕާޓީތަކުން ބުނާ ގޮތުގައި ހޯމަ ދުވަހުގެ ހެނދުނު ބާއްވާ އެއްވުމަކީ ސުލްހަވެރި އެއްވުމެކެވެ. އެ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނާއިރު، ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބުނެފައިވަނީ، ގާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެން ނުވާނެ ކަމަށާއި، އަދި ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. 

 

މީގެ އިތުރުން، ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ އަމަލެއް ކުރުމުގެ، ނުވަތަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް ގާނޫނު އަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ވެސް ނުވާނެ ކަމަށެވެ.

 

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމަކީ ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ޒިންމާވާގޮތަށް ބާއްވާ އެއްވުމެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ގާނޫނާ ޚިލާފަށް ބާއްވާ އެއްވުމަކާ ގުޅިގެން އެފަރާތްތަކުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. 

 

މީގެއިތުރުން ބުނެފައިވަނީ، އެއްވުން ބާއްވާ ސަރަހައްދަކީ މާލޭގެ ޓްރެފިކް ބާރު ބޮޑު އަދި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި، ސްކޫލާއި ހޮސްޕިޓާ ހިމެނޭ ސަރަހައްދަކަށް ވުމުން  އެ ސަރަހައްދުގެ ޓްރެފިކަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޒާތީ ދިރިއުޅުމަށް ދަތިވާގޮތަށް އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

 

ޓްރެފިކާއި މީހުންގެ ޒާތީ ދިރިއުޅުމަށް ދަތިވާ ގޮތަށް އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނާއިރު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންނާއި ޕީޕީއެމް އިން އިންތިޒާމް ކުރާ އިވެންޓްތަަކަށް މަގު ބަންދުކޮށްދީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް އިން ވަނީ މަގުތައް ބަންދުކޮށްގެން، މަގުމަތީގައި ކެމްޕެއިން ޖަލްސާތައް ވެސް ބާއްވާފަ އެވެ. އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ އެއްބާރުލުމާއެކު ފުލުހުން ސަލާމަތީ ކަންކަން ފޯރުކޮށްދީ، މަގުތައް ބަންދުކޮށްދީގެންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް