ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 20:36
އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލިކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯގެ މަންޒަަރުތަކެއް
އެފްއެސްއެމްގެ ލިޔުންތަކެއް ނައްތާލިކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯގެ މަންޒަަރުތަކެއް
ލިޔެކިޔުންތައް ނައްތާލާ މައްސަލަ
ލިޔުންތައް ނައްތާލުން ހުއްޓުވުމަށް، ފުލުހާއި ޕީސީބީގައި އޭސީސީން އެދިއްޖެ
ދައުލަތުގެ ލިޔެކިޔުމަށް ބަދަލުގެނައުމާއި، ނައްތާލުން ނުވަތަ ފޮރުވުންފަދަ އަމަލުތަކަކީ އޭސީސީން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް

ދައުލަތުގެ ބައެއް އިދާރާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލާމުންދާކަމުގެ ޝަކުވާ އޭސީސީއަށް ހުށަހަޅަމުންދާތީ އެކަން ހުއްޓުވައިދިނުމަށް، ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި އެދިފައިވާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މިގޮތަށް ބަޔާނެއް ނެރެފައިވަނީ، ފިއުލް ސަޕްލައިޒް އޮފް މޯލްޑިވްސް (އެފްއެސްއެމް)ގެ މުހިންމު ލިޔުންތަކެއް އެ ކުންފުނިން ނައްތާލާ ކަމަށް ބުނާ ވީޑިއޯއެއް އެކުންފުނީގެ މުވައްޒަފަކު ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެކަމާގުޅިގެން އެފްއެސްއެމްއިން ބުނީ ކުންފުނީގެ އެއްވެސް މުހިންމު ލިޔުމެއް ނައްތާލާފައި ނުވާނެކަމަށެވެ.

އެހެންނަަމަވެސް ގިނަ ދުވަސްވެފައިވާ، ކުންފުންޏަށް ބޭނުންނުވާ ބައެއް ލިޔުންތައް ނައްތާލުމަކީ އެ ކުންފުނިން ކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

Advertisement

އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދައުލަތުގެ ލިޔެކިޔުމަށް ބަދަލުގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުންފަދަ އަމަލުތަކަކީ އޭސީސީން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއްކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓާލުމަށް އޭސީސީން ވަނީ އަންގާފައެވެ.

އަދި އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެފަދަ އަމަލުތަކުން ދުރުހެލިވެ، ނަޒާހަތްތެރިކަން އިސްކުރުމަށް ހަނދާންކޮށްދީފައި ވާއިރު، އެފަދަ އަމަލެއް ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބޭނަމަ އެކަމުގެ ތަފްސީލާއެކު ކޮމިޝަނަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް