Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 12:54
ފާރިސް މައުމޫން ކޯޓުން ނުކުމެވަޑައިގަންނަވަނީ
ފާރިސް މައުމޫން ކޯޓުން ނުކުމެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ވިދާޅުވެ ފާރިސް ބަޔާން ނުދެއްވި!
ފާރިސް ބަންދުކުރަން ޖެހެނީ ރިމާންޑް ޖަލެއްގައި
މާފުށީ ޖަލާއި ދޫނިދޫއަކީ ރިމާންޑް ޖަލެއް ނޫން
ފާރިސްގެ މައްޗަށް ތުހްމަތުކުރަނީ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް

ފުލުހުން ހިންގަމުން ދަނީ ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ވިދާޅުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ފުލުހުންގެ ތަހްގީގަށް ބަޔާން ދެއްވުމަށް އިއުތިރާޒު ކުރައްވައިފި އެވެ.

ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ފާރިސްގެ މައްޗަށް ތުހްމަތުކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ތަހްގީގަށް މިއަދު ހެނދުނު ބަޔާން ނެގުމަށް ފުލުހުން ދޫނިދޫގައި ސުވާލުކުރި ކަމަށެވެ. ނަމަވެސް ފާރިސް އެ ތަހްގީގަށް އެއްބާރުލުން ނުދެއްވީ އަދި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާ ޣައިރު ގާނޫނީ ތަހްގީގެއް ކަމަށް ފާރިސް ގަބޫލުކުރައްވާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ފާރިސް ހައްޔަރުކޮށްފައި ހުންނެވީ ކޯޓުގެ އަމުރާ އަދި ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް މައުމޫން ވިދާޅުވި އެވެ. ކޯޓް އަމުރުގައި ބުނެފައިވަނީ ފާރިސް ބަންދުކޮށްފައި ހުންނަވަން ވާނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ކަމަށެވެ. ނަމަވެސް ޖަލުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މާފުށި ޖަލާއި ދޫނިދޫއަކީ ވެސް ރިމާންޑް ޖަލެއް ނޫނެވެ. 

"ރީމާންޑް ޖަލެއް ނޫން ދޫނިދޫ ޖަލަކީ. އެތަނުގައި ނުބެހެއްޓޭނެ. ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާ ތަހްގީގުތަކަކަށް އެއްބާރުލުން ދެއްވަން ނުޖެހޭނެ ކަމަށް ފާރިސް ގަބޫލު ކުރައްވަނީ،" މައުމޫން ހަމީދު ވިދާޅުވި އެވެ. 

ނަމަވެސް ގާނޫނާ އެއްގޮތަށް، އިޖުރާއަތްތަކާ އެއްގޮތަށް ތަހްގީގު ގެންދާ ނަމަ ފާރިސް އެއްބާރުލުން ދެއްވާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. 

ފާރިސް އާއި ދެ ބޭންގެ ދެދަރި މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ވަކީލުން ހާޒިރުގައި ނެތި ހޮނިހިރު ދުވަހުގެ ރޭ ފުލުހުން އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ތަހްގީގުގެ ގަޑި ވެސް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ ޝަރީއަތަށް ފަހު ތަހްގީގު ކުރާނެ ކަމަށް ފާރިސަށް އަންގާފައި އޮތީ. އެކަމަކު އަޅުގަނޑުމެންނަށް އެނގީ ހެނދުނު 9:00 ގައި ތަހްގީގު އޮންނާނެ ކަމަށް،" މައުމޫން ވިދާޅުވި އެވެ.

ތަހްގީގު އިންޓަވިއު ނިމުނީ 10:30 ގައި އެވެ.  މިގޮތަށް ފުލުހުން ކަންކުރީ މައުމޫން ވިދާޅުވި ގޮތުގައި މިއަދުގެ  ޝަރީއަތަށް ތައްޔާރުވުމަށް ފާރިސް އަށް ހުރަސް އެޅުއްވުމުގެ ގޮތުންނެވެ.
 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޭރުކުރުމަށް 45 މެމްބަރުން ސޮއިކުރެއްވުމާއެކު ހުށަހެޅުމުން، މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހްމަތުގައި ފާރިސް ހައްޔަރުކޮށްފައިވާއިރު، ފާރިސްގެ މައްޗަށް ހެއްކާއި ގަރީނާ ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ ފާރިސްގެ މައްޗަށް އެއްވެސް ހެއްކެއް، ގަރީނާއެއް ނުހޯދޭނެ ކަމަށެވެ. ފާރިސަކީ މެމްބަރުންނަށް ރިޝްވަތު ދެއްވާފައިވާ، އަދި ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަށް ރައީސް މައުމޫން މިއަދު ވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް