ދިވެހި ފުލުހުންނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް އަދަބު ލިބެންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ފުލުހަކު ނެތިދާ ދިއުމަކީ އާއްމު ރައްޔިތުންނަށް އެކަމުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެގެންދާނެ ކަމެއް ކަމަށާއި، ފުލުހުންނަށް ހަމަލާދީ ގެއްލުން ދިނުމަށް ރައްޔިތުންގެ ވިސްނުން ތަގައްޔަރު ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންނަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި ފުލުހުންގެ ތެރެއިން ރަސްމީ ޑިއުޓީގައި އުޅެނިކޮށް ދިމާވާ ހާދިސާތަކުގައި ޝަހީދުވެފައިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުގެ މަތިން ދިވެހި ފުލުހުން އަބަދުވެސް ހަދާން ކުރާނެ ކަމަށް އަރީފް ވިދާޅުވި އެވެ.
ފުލުހުންގެ ތެރެއިން ރަސްމީ ޑިއުޓީގައި އުޅެނިކޮށް ދިމާވާ ހާދިސާތަކުގައި، ނިޔާވި ފުލުހުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވެސް މިރަސްމިއްޔާތުގައި ގެނެސްފައި ވެއެވެ.
ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމުގެ ގޮތުން މާލޭގެ އިތުރުން، އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން މާލޭގައި ވަނީ ހާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އާއި ކޮމިޝަނަރު އޮފް ޕޮލިސް އަރީފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް ޝަހީދުވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން ނޮދަރން އޮޕަރޭޝަންސް ކޮމާންޑާއި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ ހުރިހާ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ވަނީ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު އެވެ. މި ދުވަސް ފާހަގަ ކުރަމުންދަނީ 2013 ވަނަ އަހަރުން ފެށިގެންނެެވެ.