އެއްވެ އުޅުމުގެ ހައްގަކީ ސަރުކާރުގެ އިދާރާއަކުން ދޭ ހުއްދަ ހުއްދައަކަށް ބިނާވާ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުން ނިކުންނެވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ދިވެހި ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކަކީ ސަރުކާރުގެ އިދާރާތަކުން ދޭ ހުއްދައަކަށް ބިނާވާކަމެއް ނޫންކަމަށާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ނިކުންނެވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
Evve ulhumuge haqqaki sarkaar ge vaki vuzaraakun dhey hudha akah binavakamehnoon.QA kashavaru kohdhe asaasee haqqeh.Enme beyfulhun nukunnava
— Mohamed Nasheed (@MohamedNasheed) July 23, 2017
ރައީސް ނަޝީދު އެގޮތަށް ގޮވާލައްވާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބޮޑު ޖަލްސާއެއްގެ އިތުރުން ބޮޑު އެއްވުމެއް ބޭއްވުމަށް ރާވާފަ އެެވެ. އެގޮތުން އާދިއްތަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިތުރު ސިޔާސީ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފަ އެވެ.
މީގެ އިތުރުން، ހޯމަ ދުވަހުގެ ހެނދުނު ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ މައި އޮފީސް ކުރިމައްޗަށް ރައްޔިތުން އެއްވުމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ހިތްވަރު ދެއްވުމަށްޓަކައި އެމްޑީޕީ އޮފީސް ކައިރިއަށް ރައްޔިތުންނަށް ޖަމާވުމަށް އެދޭ ކަަމަށެވެ.
މީގެއިތުރުން މަހުލޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ކަމަށް ބުނި ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރާނެ ކަމަށެވެ.