ކ.ހިންމަފުށި އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި ގިނައަދަދެއްގެ ސާމާނުތަކެއް ހޯދައި އެމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 34 އަހަރުގެ ބިދޭސީއެއް ކަމަށެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފައިވަނީ މާލެއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރާ ފެރީއަކުން އައްސޭރި ޖަލަށް ވެއްދުމަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 20 ވަނަ ދުވަހުގެރޭ 23:45 ހާއިރު ހިންމަފުށި ބަނދަރުމަތިން ކަމަށް ފުލުހުން ބުނެއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ތަކެތި ބަލާފާސްކުރިއިރު އޭނާ ހިފައިގެންހުރި ފޮށި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި އަތަރު ފުޅިތަކަކާއި އައިނުތަކަކާއި އަތުކުރީ ގަޑިތަކަކާއި ފޯނު ޗާޖަރުތަކަކާއި ސީޑީތަކަކާއި ޑަންލޮޕް ދަޅެއްގެ އިތުރުން ޕެންޑްރައިވްތަކަކާއި ސިމްކާޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.