ޖުލައި 24 ވަނަ ދުވަހު ސިޔާސީ އެއްވެސް ޕާޓީ އަކަށް ނުވަތަ އެއްވެސް ގުޅިފައިވާ ޕާޓީ ތަކަކަށް ސިޔާސީ އެއްވުމެއް ބާއްވަން ފުލުހުން ހުއްދަދީފައިނުވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ވިދާޅުވީ، ސިޔާސީ އެއްވެސް ހަރަކާތެއް ގައި ފުލުހުން ބައިވެރިނުވާނެ ކަމަށާއި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވުމެށް ބޭއްވުމަށް ފުލުުހުން ފުރުސަތު ނުދޭނެ ކަމަށެވެ.
މިހެން ޝިފާނު ވިދާޅުވެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ޖުލައި 24 ވަނަ ދުވަހުގެ ހެނދުނު އެމްޑީޕީގެ ހަރުގެ ސަރަހައްދަށް ވީހާވެސް ގިނަ ބަޔަކު އެއްވުމަށް އެދި ގޮވާލިތާ އެއް ގަޑިއިރުވެސް ނުވަނީހެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވަނީ 24 ވަނަ ދުވަހަކީ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް ކަނޑައަޅާފައިވާ ދުވަސް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަން ފާސްވާނެކަން ޔަގީންވާތީ ކަމަށް ވިދާޅުވި އެވެ. މިކަމަކީ ރައްޔިތުން ކަންބޮޑުވާ މައްސަލައެއް ކަން ހާމަކޮށް، މިކަމުގައި މަޖިލީހުގެ މެންބަރުންނަށް ހިތްވަރު ދިނުމަށް ވީހާވެސް ގިނަ ރައްޔިތުން 24 ވަނަ ދުވަހު ހެނދުނު އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވުމަށް މަހުލޫފު ގޮވާލެއްވި އެވެ.
މީގެ އިތުރުން އާދިއްތަ ދުވަހުގޭ ބާއްވާ ޖަލްސާއަށްވެސް ވީހާ ގިނަ ފަރާތްތަކުން ބައިވެރިވުމަށް އޭނާ ގޮވާލެއްވި އެވެ.
ފުލުހުން މިހެން ވިދާޅުވެފައިވާ އިރު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފު ވަނީ، 24 ވަނަ ދުވަހު ބާއްވާ އެއްވުމަށް ފުލުހުން ހުރަސް ނާޅާނެ ކަަމަށް ވިދާޅުވެފައިވާކަން ހާމަކޮށްފަ އެވެ. މިކަން ފުލުހުން މިހާރު ވަނީ ދޮގުކޮށްފަ އެވެ.