Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 19:08
ލޯޔަރު މައުމޫން ހަމީދު
ލޯޔަރު މައުމޫން ހަމީދު
ރާއްޖެއެމްވީ
ފާރިސް ހައްޔަރުކުރުން
ފާރިސް ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް: މައުމޫން ހަމީދު
ފާރިސް ހުރީ ހެޔޮ ހާލުގައި
ކުއްލި ކުއްލިއަށް، މިގެންނަ ބަދަލަކީ ކަންބޮޑުވާ ކަމެއް
ގާނޫނަކީ ވަކި ބަޔަކު އަމަލުކުރަން އޮންނަ އެއްޗެއް ނޫން

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ދޫނިދޫ ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް އޭނާގެ ވަކީލް  މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ހަވީރު ފާރިސްއާ ބައްދަލުކުރެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ،  ފާރިސް ފުލުހުންގެ ބަންދުގައި ހުރި އިރު ކުއްލި ކުއްލިއަށް އެކި ތަންތަނަށް ބަދަލު ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ބުރާސްފަތި ދުވަހު މާފުށީ ޖަލަށް ބަދަލުކުރުމަށް ފަހު ހޮނިހިރު ދުވަހުން އަލުން ފުލުހުންގެ ބެލުމެ ދަށަށް ފާރިސް ބަދަލުކުރީ ސިޓީއެއް ދެއްކުމަށް ފަހު ކަމަށް ފާރިސް ވިދާޅުވި ކަމަށް ގާނޫނީ ވަކީލް މައުމޫނު ވިދާޅުވިއެވެ.

މިގޮތަށް ބަދަލު ކުރެވުނީ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތަށް ގެނައުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. ނަމަވެސް ހުކުމުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އޮންނަ އިރު ދޫނިދޫ ޖަލަކީ ރިމާންޑް ޖަލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

" އަމުރުގައި އޮތީ ހޯމް މިނިސްޓްރީން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ބަހައްޓަން. ދޫނިދޫއަކީ ރިމާންޑް ޖަލެއް ނޫން. ބުރާސްފަތި ދުވަހު، ރިމާންޑް ޖަލެކޭ ބުނެ، ބަދަލުކޮށް، އަނެއްކާ ވެސް ރިމާންޑް ޖަލެއް ނޫން ތަނަކަށް ބަދަލެއް ނުކުރެވޭނެ. ބުރާސްފަތި ދުވަހު އެ އަމުރުގެ ބާރު ހިނގައިފި. ހޮނިހިރު ދުވަހު އެ އަމުރުގެ ބާރު ނުހިނގާ،" ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.

ވަކީލު މައުމޫން ވިދާޅުވީ، ފާރިސް މައުމޫން ބަންދުގެ އިސްތިއުނާފު މައްސަލަ އަންގާރަ ދުވަހު ހައިކޯޓަށް ހުށަހަޅާނެ ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު، ފާރިސް މައުމޫން، ރިމާޑް އޯޑަރަކަށް ކަމަށް ބުނެ، މާފުއްޓަށް ބަދަލު ކުރި އިރު، އަނެއްކާ ދޫނިދޫއަށް ވެސް ބަދަލު ކުރެވުނީ، އެ އަމުރުގެ ބޭރުން ކަމަށެވެ.

"ފާހަގަކޮށްލަންޖެހޭ ކަމަކީ، ކުއްލި ގޮތްގޮތަށް ބަދަލުވަމުންދާ އިރު އެއްތަނުން އަނެއްތަނަށް، އެއް ރަށުން އަނެއް ރަށަށް، އެއްޖަލުން އަނެއް ޖަލަށް ބަދަލުކުރުމުގެ ސަބަބުން، ފާރިސްގެ ހައްގުތަަކަށް، އުނިކަން އެބައާދޭ. ފާރިސް ހުންނެވީ އެޔޮހާލުގައި. އެއްވެސް ވަރަކަށް އަޒުމަކަށް ބަދަލެއްނާދެ. އަދިވެސް ގަބޫލު ކުރާ ގޮތުގައި ފާރިސްއަށް އިންސާފު ލިބިގެންދާނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ގާނޫނަކީ ވަކި ބަޔަކު އަމަލުކުރަން އޮންނަ އެއްޗެއް ނޫން ކަަމަށާއި، އެއް ބަޔަކު އަމަލު ކުރަން އޮންނަ އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެެވެ.

ދޫނިދޫއަށް ބަދަލު ކުރެވެނީ ވަކި ކޮން ސަބަބަކާ ގުޅިގެން ކަމެއް އެނގިނުލައްވާ ކަމަށާއި އެހެން ނަމަވެސް، ގެނެވުނީ ތަހުގީގަށް ކަމަށް ފަހުން ގުޅުމުން ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެން ނަމަވެސް ތަހުގީގަައި ގުޅޭ އިންޓަރވިއުއެއް ހަމަޖައްސާފަ ނެތް ކަމަށާއި މާފުށީ ޖަލުގައި ހުރެގެން ވެސް ތަހުގީގަށް ބޭނުންވާ އިންޓަރވިއު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާރިސް ހައްޔަރުކޮށްފައި ވަނީ، ރިޝްވަތުގެ މައްސަލައަކާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ފާރިސް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ފާރިސް ފުލުހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. އެދުވަހު ވަނީ އޭނާ ދިރިއުޅުއްވާ ގެ މ. ސްނޯރޯސް ބަލާ ފާސްކޮށް ފޯނާއި ލިޔެކިޔުންތަކާއި ޕެން ޑްރައިވް އައި އެނޫން ވެސް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ބުދަ ދުވަހު މ. ސްނޯރޯސްގެ ސިސީޓީވީގެ ޑީވީއާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް