މަސައްކަތް ފުނިޖެހިފައި ހުންނައިރުވެސް މަސައްކަތް ކުރަން ބޭނުންވެ، އެ މަސައްކަތް ނުކުރެވުމުގެ ބުރައަކީ ބުނެދޭން އެނގޭނެ އިހުސާސެއް ނޫނެވެ. އެންމެ ފުރިހަމަކޮށް ތިމާގެ އިހުސާސްތައް ބުނެދޭ މީހާއަށްވެސް، ވަރުބަލިވެގެން އެނދުން ނުތެދުވޭ ހިސާބަށް ތިމާގެ ހާލަތު ދާކަން ބުނެދިނުން ވާނީ އުނދަގޫ ކަމަކަށެވެ. ގޭތެރޭގައި ކުރަން ހުންނަ ކަންކަން ކުރުމަކީ އެހެންޏާ އާދައިގެ ކަމަކަށްވިޔަސް އެކަންކަން ވެސް އެއީ ހަކަތަ ހޭދަވާ ބުރަ ކަންކަމަށް ވެއެވެ. ގާތް ރަހުމަތްތެރިންނާއެކު ނުކުމެ ސަކަރާތްޖަހާލާނަމޭ ހިތާ ބޭރަށް ދިޔަޔަސް، އިންތިޒާރުކުރެވެނީ ވީހާވެސް އަވަހަށް ގެއަށް ދެވޭނެ ވަގުތަކަށެވެ. އެހެންޏާ ޝައުގުވެރިކަމާއެކު ކުރާ މަސައްކަތްތައް ފޫހި ކަންކަމަށް ވެދެއެވެ.
މިއީ ހައްތަހާވެސް ކުރަންޖެހޭ ކަންކަމެވެ. ގާތްތިމާގެ މީހުންނާ ބައްދަލުކުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމާއި، އާއްމު ދިރިއުޅުމުގައި ކުރަންޖެހޭ އެހެން ކަންކަމަކީ އެހާ ބުރަ ވާން ޖެހޭ ކަމެއް ހެއްޔެވެ؟ މިއީ ދެން ކަންނެތްކަން ނޫން ކޮން ކަމެއް ހެއްޔެވެ؟ އެކަންކަން ނުކުރެވެންވީ ކީއްވެހެއްޔެވެ؟ ކުރަންޖެހޭ ކަންކަން ނުކުރެވޭނަމަ އެ މީހާއަކީ ބަރޯސާ ވެވޭ މީހަކަށް ނުވޭ ނޫންހެއްޔެވެ؟ އެ ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ ތިމާގެ މީހަކަށް ގުޅާލަނީއެއް ނޫނެވެ. ރައްޓެހިންނާ ބައްދަލުކުރަނީއެއް ނޫނެވެ. އޮފީހުގައި ބޮސް ޖެހެނީ އަބަދު މަސައްކަތް ކުރުވަން ފަހަތުން ދުވާށެވެ. އެހެންވީމައި އޭނާ ވާނީ ގޯސް މީހަކަށް، އަދި ކަމުނުދާ ރައްޓެއްސަކަށް، އަދި ބޭނުން ނުހިފޭ މުވައްޒަފަކަށްތާއެވެ. ދެން އެކަމާ ކޮން ބަހަނާއެއް ދައްކާކަށްހެއްޔެވެ؟
މިއީ ކޮންމެ ދުވަހަކުހެން، ޑިޕްރެޝަނާއި އެންޒައިޓީ ހުންނަ މީހުންނާ ކުރިމަތިކުރުވާ ސުވާލުތަކެވެ. މިއީ ޑިޕްރެޝަނާއި އެންޒައިޓީ ހުންނަ މީހުންގެ ކޮންމެ ދުވަހެއްގެ ހަގީގަތެވެ. އިހަކަށް ދުވަހު މެންޓަލް ހެލްތު ދުވަސް ފާހަގަކުރިއިރު، ދުވަސް ފާހަގަކުރަން ބޭނުންކުރާ ރިބަން އެއްޗެހި ޖަހައިގެން ވަރަށް ގިނަ މީހުން އުޅުނެވެ. ޑިޕްރެޝަނުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ އަޑު އަހާނެ ވާހަކައާއި، އެ މީހުން އެކަނި ދޫކޮށްނުލާނެކަމުގެ ވާހަކަވެސް ވަރަށް ގިނަ މީހުންގެ ސްޓޭޓަސްތަކުން ފެނުނެވެ. އެހެންނަމަވެސް ހިތާމަވެރި ހަގީގަތަކީ ކަން ހިނގަނީ އެއާ މުޅިން އިދިކޮޅަށް ކަމެވެ.
ޑިޕްރެޝަނާއި އެންޒައިޓީ ހުންނަ ކޮންމެ މީހަކީ ކޮންމެ ދުވަހަކު އެނދުން ނުތެދުވެވޭވަރަށް ބަލިވާނެ މީހެއް ނޫނެވެ. އެކަމަކު ނަފްސާނީ ބައްޔެއް ތަހައްމަލްކުރާ މީހާ ތެދުވެގެން އޮފީހަށް ދާން ހޭދަވާ ހަކަތަ އެނގޭނަމަ އެ ސުވާލު ނުކުރީހެވެ. ދުވަހުގެ މެދުތެރެއިން އެއްވެސް މައްސަލައެއް ދިމާނުވެ، ހިތާމަވެރި އެއްވެސް ކަމެއް ދިމާނުވެ، އިހުސާސްކުރެވޭ ވަރުބަލިކަމާއި މާޔޫސްކަން ތަސައްވުރުކުރެވޭ ނަމަ މަލާމާތް ނުކުރީހެވެ. އެއްވެސް ސިއްހީ އެހެން މައްސަލައެއް ދިމާނުވާއިރު ވެސް، ބޮލުގައި ރިއްސުމާއި ހޮޑުލުމުގައި ދުވަހުގެ ބޮޑުބައި ހޭދަކުރަން ޖެހުމުގެ ވޭން އެނގޭނަމަ އެހާ އާދައިގެ ކަމަކަށް ނުހެދީހެވެ.
ނަފްސާނީ ބަލިތައް ނޫނަސް ނުފެންނަ ބަލިތައް ބައިވަރެވެ. ހަށިގަނޑުގެ ބޭރު ފުށަށް ނުފެންނަ "ކްރޮނިކް" ބަލިތައްވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ޖިސްމާނީ ދުޅަހެޔޮކަމަށް ދޭ ސަމާލުކަން ނަފްސާނީ ދުޅަހެޔޮކަަމަށް ދޭތަނެއް ނުފެނެއެވެ. ތަނަކުން ވެއްޓުމުން އަދި ހަޑިގަނޑުން ތަނެއް ބިންދައިގެން ނުދިޔަޔަސް، ހަށިގަނޑުގެ ތަނެއްގައި ރެނދުލައިފިނަމަ އެ މީހަކަށް ބޭނުންވާ އަރާމުކުރުމުގެ ވަގުތު ދެއެވެ. އަދި ސިއްހީ ފަރުވާވެސް ދެއެވެ. ބޭނުމަކަށް ވަނީ ބޮޑުވަރު ނުވަނީސް ބަލިން ރައްކާތެރިކުރުމެވެ. މިކަން މިހެން އޮތްއިރު، ނަފްސާނީ ބަލި ކުރީބައިގައި ދެނެގަނެ ފަރުވާ ކުރުމަކީވެސް މީހާ އެންމެ ދަށް ހާލަތާ ދިމާއަށް ނުދިއުމަށް މުހިންމު ކަމެކެވެ. އެހެނިހެން ބަލިތަކެކޭ އެއްފަދައިން، ބަލިބޮޑުވާ ފަހުން އެ ބަލި ހުރިކަން އެނގުމުން ކުރަންޖެހޭ މަސައްކަތްވެސް އެތައް ގުނައެއް އިތުރުވެގެންދެއެވެ.
ތަންތަނުގައި ރިއްސާނަމަ ނޫނީ އޮޕަރޭޝަންތަކަށްފަހު ފިޒިއޮތެރަޕީ ނަގާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. އެއްވެސް މީހަކު މިއޮތް ހުރިހާ ދުވަސްވީއިރުވެސް ފިޒިއޮތެރަޕީ ނަގަނީހޭ، ތިއިން ވާ ފައިދާއެއް އެބައޮތްހޭ ނާހައެވެ. ފިޒިއޮތެރަޕީ އެޕޮއިންޓްމެންޓެއް އޮތް ނަމަ އެކަން ކެންސަލްކުރާކަށް ނުބުނެއެވެ. އެހެންނަމަވެސް ސައިކޯތެރަޕީ ނަގަންދާ މީހާ އެ ކުރާ ކަމަކީ ބޭކާރު ކަމެއް ކަމަށް ދެކޭ މީހުން އަދިވެސް ގިނައެވެ. ތެރަޕީއަށް ދިއުން އެހާ އުނދަނގޫ ވަނީ އެހެންވެއެވެ. މީހުންގެ އަޅާލުމާއި އެއްބާރުލުން ނުލިބޭތަނުގައި، ސުވާލާއި ފުރައްސާރަ މެދުކެނޑުމެއް ނެތި ކުރިމަތިވަމުން ދެއެވެ. ބައެއް ފަހަރު އެ ސުވާލުތައް ކުރަނީ ބަލި ތަހައްމަލްކުރާ މީހާއާއެވެ. އަނެއްބައި ފަހަރު އެ ވާހަކަ ދައްކަނީ އޭނާއަށް ނުއިއްވައެވެ.
ވަރަށް ގިނަ ފަހަރު ޑިޕްރެޝަނާއި އެންޒައިޓީއަށް ޑައިގްނޯސްކޮށްފައިވާ މީހާގެ ކިބައިން ފެންނަ އަލާމާތްތަކަކީ ކަންފަސޭހަވުމާއި ކަންނެތްވުން ކަމަށް ބަލައެވެ. ތުރައިވް ވަރކްސްގައި މިކަމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިއުމެއްގައި ބުނެފައިވާގޮތުން، ޑިޕްރެޝަން ނުވަތަ އެންޒައިޓީ ހުންނަ މީހުންގެ ކިބައިން ފެންނަ އަމާލާތްތަކަކީ ކަންނެތްކަން ކަމަށް ބުނުމަކީ މިފަދަ ބަލިތައް ތަހައްމަލްކުރާ މީހުންގެ ހާލަތު އިތުރަށް ގޯސްކޮށްލާ ކަމެކެވެ. އެއީ އެ ބަލި ތަހައްމަލްކުރާ މީހާ އަމިއްލައަށްވެސް ލަދުގަނެ، އަމިއްލަ ނަފްސު ކުށްވެރިވާ އިހުސާސްކުރުވާކަމެކެވެ.
ތުރައިވް ވަރކްސްގައި، ލައުރާ ހެރިސް ނަމަކަށް ކިޔާ ކްލިނިކަލް ލިޔުންތެރިއަކު ބުނެފައިވަނީ ޑިޕްރެޝަނާއި އެންޒައިޓީ ނުހުންނަ މީހުންނަށް މީހަކަށް، ކޮންޓްރޯލް ނުކުރެވޭ ވަރަށް ވަރުބަލިވެދާނެކަން ގަބޫލުކުރަން ވަރަށް އުނދަނގޫވާ ކަމަށެވެ. އަދި އެހެން މީހުން އިހުސާސްތައް ޕްރޮސެސްކުރުމުގައި ދަތިވާކަންވެސް ނޭނގޭނެ ކަމަށެވެ. އަދި ގިނަ ފަހަރު އެކަމާމެދު އެނގެނީ ވަރަށް މަދު މައުލޫމާތުތަކެއް ކަމަށެވެ. އަދި މައުލޫމާތުތައް އެނގުނު ނަމަވެސް ކުލުނެއް ނުހުންނަ ކަމަށެވެ. އޭނާ ބުނާގޮތުން ޑިޕްރެޝަނާމެދު، މަސައްކަތުގެ މާހައުލުގައިވެސް ބައެއް ފަހަރު ދެކެނީ އެއީ އެ މީހާގެ ކިބައިގައި ހުންނަ ނެގެޓިވް ނުވަތަ ނައްސި ސިފައެއްގެ ގޮތުގައި ކަމަށެވެ. ކަންނެތްކަމަކީ ޚިޔާރުކުރާ ކަމެކެވެ. ނަމަވެސް އެންޒައިޓީއާއެކު އަންނަ ކަންކަމަކީ އެކަމުގެ ސަބަބުން ކުދިކުދި މަސައްކަތްތައްވެސް ނިންމަން އުނދަގޫކޮށްލާ ކަމެކެވެ.
މިގޮތަށް، ކަންނެތްކަމުގެ ސަބަބުން ނުވަތަ އެއްވެސް މަގުބޫލު ސަބަބަކާނުލައި ދިމާވާ ކަންކަމުގެ ގޮތުގައި ބަލާ ބައެއްކަންކަން އެބަހުއްޓެވެ. އެއީ މަސައްކަތުގެ ޝައުގު ދަށްވުން، އަދި ކުރިން ކުރިވަރަށް މަސައްކަތް ނުކުރެމެވެ. އޯވަރވެލްމް ވުން ނުވަތަ މާބޮޑަށް ޖަޒުބާތުތައް އިހުސާސްކުރެވުން (މިސާލަކަށް ދެރަވުން، އުފާވުން ނުވަތަ ރުޅިއައުން) ފަދަ ކަންކަން މެދުވެރިވެއެވެ. މިފަދަ ހާލަތުގައި ކަންނެތްކަމާއި ކަންފަސޭހަކަން ވަކިކުރަން އަމިއްލަ ނަފްސާވެސް ކުރެވިދާނެ ސުވާލު އެބަހުއްޓެވެ. އެއީ ބަނޑުހައިތޯ؟، ވަރުބަލިތޯ؟، ތަނަކަށް ތަދުވޭތޯ، ހަޔާތުގައި ވަނީ ކީއްތޯ؟، އުނދަނގޫވާ ކަމެއް އެބަ އޮތްތޯ؟، ކުރިއަށް ނުދެވި މަޑު ޖެހިފައި ހުންނަ އިހުސާސްވޭތޯ، ބިރުގަނޭތޯ؟ އެވެ.
ކަންނެތްކަމަކީ ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް ޑިޕްރެޝަނާއި އެންޒައިޓީގެ ސަބަބުން ތިމާއަށް ދިމާވާ ހާލަތާއި އަންނަ ވިސްނުންތަަކަކީ އަމިއްލަ އިޚްތިޔާރުގައިވާ ކަންކަމެއް ނޫނެވެ. އެހެންކަމުން ވަރުބަލިކަމާއި ކަންނެތްކަމާ އެއްހަމަކުރެވޭކަށް ނެތެވެ.