ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 11:07
ގދ.ގައްދޫ
ގދ.ގައްދޫ
ސަން
ގައްދޫއިން ބިން ދޫކުރުން
ގައްދޫއިން ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރި ހިންގުމަށް 50 އަހަރަށް ބިން ކުއްޔަށް ދޫކުރަނީ
1500 އަކަފޫޓްގެ ބިމެއް ފަތުރުވެރިކަމުގެ އެކި ޚިދުމަތްތައް ދިނުމަށް ވަނީ ޚާއްސަކޮށްފައި
2621.00 އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރިތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވޭ

ގައްދޫއިން ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރި ހިންގުމަށް 50 އަހަރަށް ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ގައްދޫ ކައުންސިލުން ބުނީ ގައްދޫ ހަކަތަ ގެއާއި ދިމާލަށް ގައްދޫ އިރުފުހޭގޯޅީގެ(އަމާނާތު މިސްކިތުގެ ހުޅަނގު) ދެކުނަށް އޮތް ހުސްބިމުން 1500 އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފަތުރުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ މިބިމުގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ހާޒިރުވެ، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ކަމަށެވެ. އެގޮތުން 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00އަށް ކައުންސިލަށް ހާޒިރުވެ އަގު ހުށައަޅަންޖެހޭ ކަމަށާއި، ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށަހަޅާއިރު، ބީލަން ހުށަހަޅާ ފޯމާއި، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ދިއްދޫ ކައުންސިލުން ވަނީ ގައްދޫ އެއްފަސްގެއާއި އިންވެގެން އިރަށް އޮތް ހުސްބިމުން 2621.00 (ދެހާސް ހަސަތޭކަ އެކާވީސް) އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރިތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ނިންމާފައެވެ.

އެގޮތުން އެބިމުގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލަށް ހާޒިރުވެ، އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ. ކައުންސިލުން ބުނީ 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ހާޒިރުވެ އަގު ހުށައަޅަންޖެހޭ ކަމަށެވެ. އަދި ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލްތަކުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރި ހިންގުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ވިޔަފާރިތައް ހިންގުމަށް ބާރު އަޅައެވެ.

- ކޮމެންޓް