Advertisement
ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 06:03
ޕީޕީއެމްގެ ކެމްޕެއިން ޓީމް ދިއްދޫ ރައްޔިތުންނާ ބައްދަލުކުރަނީ
ޕީޕީއެމްގެ ކެމްޕެއިން ޓީމް ދިއްދޫ ރައްޔިތުންނާ ބައްދަލުކުރަނީ
އަޒުމޫން އަހުމަދު
މެންބަރުންްގެ ގޮނޑިގެއްލުން
ޕީޕީއެމުން ބައި އިލެކްޝަންގެ ކެމްޕެއިން ފަށައިފި
ޕީޕީއެމްގެ ޓީމުތައް ގޮސްފައިވަނީ ދިއްދޫ އާއި ތުލުސްދޫ އަދި މަޑުއްވަރީ ދާއިރާއަށް
ކޮންމެ ޓީމެއްގައި މިނިސްޓަރަކާއި މަޖިލީހުގެ މެމްބަރުން ހިމެނޭ
މަޖިލީހުގެ ހަ ގޮނޑިއެއް ހުސްކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލުވާލި މައްސަލައާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅައި އޮއްވައި ޕީޕީއެމުން ކެމްޕެއިން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުން ހުށަހެޅުމާއެކު، އެޓާނީ ޖެނެރަލް އޮފީހުން އެދިގެން މަޖިލީހުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ސުޕްރީމް ކޯޓުންކުރި ހުކުމާ ގުޅިގެން މިހާތަނަށް ޕީޕީއެމްގެ ހަ މެމްބަރެއްގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން ވަނީ ގެއްލުވާލައިފަ އެވެ.

ޕީޕީއެމްއިން ވަކިކުރުމާ ގުޅިގެން މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ދަނގެތީ ދާއިރާ މެމްބަރު އިލްހާމް އަހްމަދު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑިއެވެ.

މެމްބަރުންގެ ގޮނޑީ ގެއްލިފައިވާކަން ކަނޑައަޅަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން މެމްބަރުންގެ ގޮނޑިތައް ގެއްލުވާލި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ބުރާސްފަތި ދުވަހު ހުށަހެޅި މި މައްސަލައިގެ އަޑުއެހުމެއް އަދި ތާވަލެއް ނުކުރެވެ.

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުވާލި ހަ ދާއިރާގެ ތެރެއިން ތިން ދާއިރާއަކަށް ޕީޕީއެމްގެ ޓީމުތައް ހުކުރު ދުވަހު ވަނީ ފުރައިފަ އެވެ.

ކޮންމެ ޓީމެއްގައި ވަޒީރަކު ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ޕީޕީއެމްގެ ކެމްޕޭން ޓީމުތައް ގޮސްފައިވަނީ ތުލުސްދޫ ދާއިރާއަށާއި މަޑުއްވަރީ ދާއިރާ އަދި ދިއްދޫ ދާއިރައަށެވެ.

ދިއްދުއަށް ދިޔަ ޓީމުގައި ހައުސިން މިނިސްޓަރުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު އަދި ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

ތުލުސްދޫ ދާއިރާ ޒިޔާރަތްކުރި ޓީމުގައި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއާއެކު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަދި ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އަސްއަދު ބައިވެރިވެވަޑައިގަތެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާގެ ޓީމުގައި މަޑުއްވަރީ ދާއިރާއަށް ވަޑައިގަތީ ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި  އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދެވެ.

ޕީޕީޢެމްގެ ޓީމްތައް ދާއިރާތަކަށް ދިޔަ ނަމަވެސް، އެ ދާއިރާތަކުގެ ބައިލެކްޝަންގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުންނެއް އަދި ހާމައެއް ނުކުރެ އެވެ. 

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ނަމަވެސް، ގުޅިފައިވާ ޕާޓީތަކުންނާއި މެމްބަރުން ވިދާޅުވަނީ އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެކަމާމެދު ގޮތެއް ނިންމަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި އިލެޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ސުޕްރީމް ކޯޓްގެ ހުކުމާ ހިލާފަށް ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމް ތަންފީޒުކުރެވޭނީ އެ ހުކުމްކުރި ތާރީހުގެ ފަހުން ކޮށްފައިވާ ކަންކަމުގެ މައްޗަށް ކަމަށްކަނޑައަޅައި ، އެ ކޯޓުން އާދީއްތަ ދުވަހު އަމުރުކޮށްފިއެވެ.

އެ ހުކުމް އިތުރަށް ސާފުކޮށް ދިނުމަށްޓަކައި ޖުލައި 16 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ތަންފީޒު ކުރުން ހުއްދަކުރެވިފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު އާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތުއަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާ ކަން އެ ހުކުމުގެ ގަޟިއްޔާއިން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ބުނެފައިވާއިރު، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރމަތިލުމުގެ ޝަރު މީހެއްގައި ހަމަވޭތޯ ނުވަތަ މެމްބަރަކު މަގާމުން ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ހިލާފެއް އުފެދިއްޖެ ނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ގާނޫނު އަސާސީގައި މިހެން ބުނެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައިގައި ގޮތެއް ނިންމުން ލަސްކޮށް، ސުޕްރީމް ކޯޓުން ހިމޭނުން އޮންނާތީ ގުޅިފައިވާ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕާޓީން ވަކިކުރިޔަސް، އިންތިހާބުކޮށްފައިވާ ގޮނޑިއެއް ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ފަހަރު ހުށަހެޅުމުން، އެ މައްސަލަ ފާސްނުވާ ކަމަށް ކަނޑައެޅީ ރޯލްކޯލް ވޯޓުންނެވެ. ދެ ވަނަ ފަހަރަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ، މައްސަލަ ހުށަހެޅި ފަހުން މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ 42 މެމްބަރުން ސޮޔާއެކުގައި ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް