މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖެ އިން ކުޅުނު ދެ ވަނަ މެޗުގައި ލެބަނަން އަތުން ބަލިވި ނަމަވެސް، ރަނގަޅު ކުޅުމެއް ދައްކައިފި އެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ އިން ވާދަކޮށްފައި ވަނީ ދުނިޔޭގެ ރޭންކިންގެ ހަ ވަނަ އީރާނާ އެވެ. އެ މެޗުން ރާއްޖެ ބަލިވި ނަމަވެސް، ދެ ލަނޑު ވަނީ ޖަހައިފަ އެވެ. ހޯމަ ދުވަހު ލެބަނަންނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 6-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރި ހޯދީ ވެސް ރާއްޖެ އިންނެވެ. މެޗުގައި ރާއްޖެ އަށް ލީޑު ނަަގައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އެ ލަނޑުގެ ކުރިން ވެސް ރާއްޖެ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން ލެބަނަން އިން ވަނީ ދެ ލަނޑު ޖަަހައިފަ އެވެ. އެ ޓީމުގެ އަނެއް ހަތަރު ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
ގްރޫޕް ސްޓޭޖުގައި ތިން މެޗު ކުޅެން ޖެހޭއިރު، ދެ މެޗުން ބަލިވުމުން ރާއްޖެ އަށް ވަނީ އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ގެއްލިފަ އެވެ. ރާއްޖޭގެ ފަހު މެޗުގައި ބުދަ ދުވަހު ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.