ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 11:25
މެޗަށްފަހު މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗަށްފަހު މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
ޖެނޯ ބަލިކޮށް އޭސީ މިލާން އެއް ވަނަ އަށް
މޮޅާއެކު މިލާން އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުން 21 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި ޖެނޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އޭސީ މިލާން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޖެނޯގެ ދަނޑުގައި ކުޅުނު މެޗު މިލާނުން ކާމިޔާބު ކުރީ 1-0 އިންނެވެ. މިލާން އަށް އެއް ވަނަ އަށް ޖެހިލެވުނީ، ލީގުގައި އިންޓަ މިލާން ކުޅުނު މެޗުން މޮޅުނުވެ، އެއްވަރުވުމުންނެވެ. މެޗު ފަށައިގެން ވެސް މިލާނުން ވަނީ ލަނޑު ޖަހައި ލީޑު ނެގުމަށް މަސައްކަތް ކޮށްފަ އެވެ. މެޗުގައި މިލާނުން ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް މިލާނަށް ލީޑު ނަގައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. އޭނާ އެ ލަނޑު ޖެހީ ޔޫސުފް މޫސާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ އިތުރު ވަގުތުގައި ދެ ޓީމުގެ ގޯލް ކީޕަރުންނަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެންމެ ފުރަތަމަ މިލާންގެ ކީޕަރަށް ދެއްކީ ސީދާ ރަތް ކާޑެކެވެ. އޭގެ ފަހުން ޖެނޯގެ ގޯލް ކީޕަރަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ.

މޮޅާއެކު މިލާން އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުން 21 ޕޮއިންޓު ހޯދައިގެންނެވެ. އަށް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތް މެޗުން މޮޅުވެފަ އެވެ. އެއް މެޗުން ވަނީ ބަލިވެފަ އެވެ. މިލާން އަތުން ބަލިވި ޖެނޯ އޮތީ އަށް މެޗުން އަށް ޕޮއިންޓާއެކު 15 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް