ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 20:10
ހަމާސް-އިސްރާއިލް ހަނގުރާމަ؛ ގައްޒާއިން މަރުވި މީހުންގެ އަދަދު 200ށް އަރަނީ
ހަމާސް-އިސްރާއިލް ހަނގުރާމަ؛ ގައްޒާއިން މަރުވި މީހުންގެ އަދަދު 200ށް އަރަނީ
ރޮއިޓާސް
ހަމާސް-އިސްރާއިލް ހަނގުރާމަ
ހަމާސް-އިސްރާއިލް ހަނގުރާމަ؛ ގައްޒާއިން މަރުވި މީހުންގެ އަދަދު 200ށް އަރަނީ
މިހާރު މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 198ށް އަރާފައިވާކަމަށް ގައްޒާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައި
ހަމާސްއިން ދިން ހަމަލާގައި އިސްރާއިލްގެ 40 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހަމާކޮށްފައިވޭ
ހަމާސް ޖަމާއަތާއި އިސްރާއިލް އަސްކަރިއްޔާއާ ދެމެދު ދަނީ ވަރުގަދަ ހަމާލާތަކެއް ބަދަލުކުރަމުން

ހަމާސް ޖަމާއަތުން އިސްރާއިލަށް ދިން ހަމަލާތަކުގެ ރައްދުގައި އިސްރާއިލުން ގައްޒާއަށް ދޭންފެށި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 200އާ ކައިރިކޮށްފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހަމާސް ޖަމާއަތުން ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު، އިސްރާއިލް ގަނޑިން 06:30 ހާއިރު، އެގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިއީ މިފަހުގެ ތާރީހެއްގައި ހަމާސްއިން އިސްރާއިލަށް އަމާޒުކުރި އެންމެ ބޮޑު ހަމަލާއެވެ. މިހަމަލާގައި އިސްރާއިލްގެ 40 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހަމާކޮށްފައިވާއިރު، މިހަމަލާތަކާ ވިދިގެން އިސްރާއިލުން ވަނީ ގައްޒާއަށް ރައްދު ހަމަލާތަކެއް ދޭން ފަށައިފައެވެ.

އިސްރާއިލްގެ ބޮޑުވަޒީރު ހަމާސްއާ ދެކޮޅަސް ހަނގުރާމަ އިއުލާނުކުރައްވާފައިވާއިރު، އެގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގެލަންޓް ވަނި ހަމާސްއިން އެގައުމަށް ހަމަލާދޭން ފެށި ފެށުމަކީ އެޖަމާއަތައް ހެދުނު ވަރަށްބޮޑު ގޯހެއް ކަމަށް ވިދާޅުވެފައެވެ.

ހަމާސްއިން އިސްރާއިލަށް އަމާޒުކުރި ހަމަލާތަކުގެ ސަބަބުން ފެށުނު ހަނގުރާމާގައި އިސްރާއިލުން ދަނީ ގައްޒާއަށް ހުއްޓުމެއްނެތި ވައިގެ ހަމަލާތައް ދެމުންނެވެ. ގައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއިލް އަސްކަރިއްޔާގެ ރޮކެޓް ހަމަލާތައް އަމާޒުވަމުންދާއިރު، އިސްރާއިލްގެ ސިފައިން ދަނީ ވައިގެ މަގުންނާއި، ކަނޑުމަގުންނާއި އެއްގަމު މަގުންވެސް ގައްޒާއަށް އަރަމުންނެވެ. މިހާރު މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 198ށް އަރާފައިވާކަމަށް ގައްޒާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިސްރާއިލުން ބުނަނީ އެގައުމުގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓްތައް ދަނީ ހަމާސް ޖަމާއަތުގެ ހިއްސާ އޮންނަ ސަރަހައްދުތަކަށާއި އިމާރާތްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން ކަމަށެވެ.

ހަމާސް ޖަމާއަތުގެ އިސް ލީޑަރެއް ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އެޖަމާއަތުން ގައްޒާއަށް އަމާޒުކުރި ރޮކެޓް ހަމަލާތަކަކީ، "އޮޕަރޭޝަން އަލް-އަޤްސާ ފްލަޑް"ގެ ފެށުންކަމަށް ބުނެ، އިސްރާއިލްގެ އިސްތިއުމާރީ ބާރާ ދެކޮޅަށް ތެދުވެ، ހަނގުރާމަ ކުރަން ފަލަސްތީންގެ ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ. މިހާރު ފުދިއްޖެކަމަށާއި މިއީ ދުނިޔޭގައި ހިސާރުކުރެވިފައި އޮތް އެންމެ ފަހު ސަރަހައްދު މިނިވަން ކުރާނެ ވަރުގަދަ ހަނގުރާމަކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ގައްޒާއާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އިސްރާއިލްގެ ރައްޔިތުންނަށް އެމީހުންގެ ގެއިން ނުނިކުތުމަށް އިސްރާއިލް އަސްކަރިއްޔާއިން ވަނީ އަންގާފައެވެ. އަދި ހަމާސްއިން ދޭން ފެށި ހަމަލާތަކުގެ އަގު އެޖަމާއަތުން އަދާކުރަންޖެހޭނެ ކަމުގެ އިންޒާރުވެސް އިސްރާއިލް އަސްކަރިއްޔާއިން ވަނީ ދީފައެވެ. ހޮނިހިރު ދުވަހުގެ މެންދުރުއަތަށް އަޅާލިއިރު، އިސްރާއިލް އަސްކަރިއްޔާއިން ވަނީ ގައްޒާގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދޭން ފަށައި، "އޮޕަރޭޝަން އަޔަން ސްވޯޑްސް" އިއުލާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް