ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 12:01
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މެމްބަރު އަބްދުﷲ ރިޔާޒު
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މެމްބަރު އަބްދުﷲ ރިޔާޒު
މުހައްމަދު ޝަރުހާން
މެމްބަރުންގެ ގޮނޑި ގެއްލުން
ސުޕްރީމް ކޯޓް ހިމޭނުން އޮންނާތީ ކަންބޮޑުވޭ: ރިޔާޒު
ގޮނޑި ގެއްލުވާލީ ގާނޫނާ ހިލާފަށް
މެމްބަރުންގެ ގޮނޑި ގެއްލުނުކަަން ކަނޑައަޅަންޖެހޭނީ ސުޕްރީމް ކޯޓުން
ހަ މެމްބަރެއްގެ ގޮނޑި ވަނީ ގެއްލުވާލާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކެއްގެ ގޮނޑި ގާނޫނު އަސާސީ އާއި އަދި ސުޕްރީމް ކޯޓްގެ ހުކުމާ ހިލާފަށް ގެއްލުވާލާފައިވާއިރު، ސުޕްރީމް ކޯޓުން ހިމޭނުން އޮން އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.  

 

ކިނބިދޫ ދާއިރާގެ މެމްބަރުކަމުގައި ވެސް ހުންނެވި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ރާއްޖެއެމްވީއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ގާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ކަނޑަައަޅައި، އެ ބާރު ސުޕްރީމް ކޯޓަށް ދީފައި ވަނިކޮށް،  މެމްބަރުންގެ ގޮނޑި ގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

 

ޕީޕީއެމްއަށް ނިސްބަތްވާ ހަ މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވަނީ ރިޔާޒު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލޭގެ އުސޫލުތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ހިލާފަށް އަދި އޭގެ ފަހުން ނެރުނު އަމުރާ ވެސް ހިލާފަށެވެ. އެހެންވެ، މެމްބަރުންގެ ގޮނޑި ގެއްލިފައިވޭތީ ރައްޔިތުންގެ މެދުގައި ސުވާލު އުފެދިފައިވާ ކަމަށް ވެސް ރިޔާޒު ފާހަގަ ކުރެއްވެވި އެވެ. 

 

"މިފަދަ ހައްސާސް ދަނޑިވަޅެއްގައި، ރައްޔިތުންނާ ގުޅޭ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާއިރު، އަދި މި މައްސަލައަކީ ބަރުލަމާނީ ނިޒާމާ ގުޅޭ ބޮޑު މައްސަލައަކަށްވާއިރު ސުޕްރީމް ކޯޓުން މާމަނޑުން އޮންނާތީ ވަރަށް ކަންބޮޑުވާ ކަމެއް. މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގައި އަވަހަށް ގޮތެއް ނިންމަންޖެހޭ. ހުށަނޭޅިޔަސް، ސުޕްރީމް ކޯޓުން އަމިއްލަ އަށް ވެސް ގޮތެއް ނިންމަންޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމުން، އެ މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލުވާލި ހަ މެމްބަރުންނަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި، މައްޗަށް ގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދެވެ.

 

ގާނޫނާ އެއްގޮތަށް މަޖިލީހަށް ވެއްދި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. 

- ކޮމެންޓް