ބަލަމުންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ލިޓަސް ކުންފުނީގެ އޮފީހަށް ވަދެއްޖެ އެވެ.
މި އޮފީސް ހުންނަނީ މ. ފާރޮށިގޭގެ ބައެއްގަ އެވެ.
ފުލުހުންނާއި ކަސްޓަމްސްއިން ލިޓަސް އޮފީހަށް ވަތްކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގެ މައުލޫމާތު ދެއްވާނީ ކަސްޓަމްއިން ކަމަށެވެ. ފުލުހުން އެ އޮފީހަށް ދިޔައީ ކަސްޓަސްގެ އެދުމުގެ މަތިން އެ މުއައްސަސާއިން ބަލަމުންދާ މައްސަލައެއްގައި ބައެއް މައުލޫމާތު ހޯދުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ކަސްޓަމްސް އިން ބުނެފައިވަނީ މިވަގުތު މީޑިއާއަށް މައުލޫމާތު ދެވެން ނެތްކަމަށާއި އެމައްސަލައިގެ ތަހުގީގު ނިމުމުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ލިޓަސް ކުންފުނީގެ ރަސްމީ ބަހެއްވެސް ވަނީ މިހާތަނަށް ލިބޭގޮތް ނުވެފައެވެ.
ހިންގަމުންދާ ތަހުގީގަކަށް ބޭނުންވާ ބައެއް މައުލޫމާތު ހޯދުމަށްކަމަށް ބުނެ ފުލުހުންނާއި ކަސްޓަމްސްއިން ލިޓަސް ކުންފުނީގެ އޮފީހަށް ވަދެފައިވާއިރު، ދައުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ ހޯދަން "ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ"ގެ ނަމުގައި ކޮމިޝަނެއް ރައީސް އަބްދުﷲ ޔާމީންގެ ގަރާރަކުން ބުރާސްފަތި ދުވަހު ވަނީ އުފައްދަވާފައެވެ.