ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަކިކޮށް، އެ މެންބަރުންގެ ގޮނޑި ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.
ސިނާން އާއި އިލްހާމްގެ ގޮނޑި ހުސްވެފައިވާ ކަމަށް އީސީން ބުރާސްފަތި ދުވަހުގެރޭ މަޖިލީހަށް އަންގާފައިވާއިރު، ބުދަ ދުވަހު އެ ކޮމިޝަނުން ވަނީ އިތުރު 4 މެންބަރެއްގެ ގޮނޑި ހުސްވި ކަމަށްބުނެ މަޖިލީހަށް އެކަން އަންގާފައެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އީސީއިން ބުދަ ދުވަހު އިއުލާން ކުރި މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
ގޮނޑި ގެއްލުނުކަން އީސީން މަޖިލީހަށް އެންގުމާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައި އިލްހާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އިލްހާމް އިންތިޚާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީން ކަމަށްވާއިރު، ސުޕްރީމް ކޯޓުގެ ޙުކުމަށް ރިއާޔްތްކޮށް، އެބޭފުޅާގެ މަޤާމް ގެއްލުވައި ނުލެވޭނެ ކަމަށެވެ.
ގޮނޑި ގެއްލުނުކަމަށް ކަނޑައެޅުމަކީ އީސީއަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ އިލްހާމް ވަނީ އެ ކޮމިޝަންގެ ރައީސް، އަޙުމަދު ސުލައިމާންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އިލްހާމް ވިދާޅުވީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ފަރުވާ ލިބޭނެ ކަމަށެވެ.
ސިނާން އާއި އިލްހާމްގެ ގޮނޑި ހުސްވިކަން އީސީން މަޖިލީހަށް އަންގާފައިވާއިރު، އެ ކޮމިޝަނުން ކުރިން މަޤާމު ގެއްލުނު ކަމަށް ބުނި 4 ބޭފުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓާއި، އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަހަޅާފައެވެ.