Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 20:34
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ސިއްޙީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ސިއްޙީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް
އަޒުމޫން އަހުމަދު
އަދީބުގެ ސިއްހީ ހާލަތު
އަދީބަށް ލޮލުގެ އިތުރު ބައްޔެއް ޖެހިފައިވާކަމަށް އާއިލާއިން ބުނެފި
އަދީބުގެ ވާތު ލޮލަށް ވަނީ އިންފެކްޝަނެއް ޖެހިފައި
ލޮލުގެ ކުލަ އަދި ކަޅި ވަށައިގެން ހުދު ރޮނގުތަކެއް އެބަހުރި ކަމަށާއި އެއީ "ކެޓްރެކްޓްސް" ކިޔާ ބައްޔެއް ކަމަށް ޑޮކްޓަރު ވިދާޅުވި
އަދީބުގެ ލޮލަށް އެކަށީގެންވާ ފަރުވާ ނުދެވިދާނަމަ އިޔާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެ

ދިގުމުއްދަތަކަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯ އަނެއްކާވެސް ޑޮކްޓަރަކަށް ދައްކައިފި ކަމަށާއި ލޮލުގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާ ކަމަށާ އަދީބަށް ލޮލުގެ އިތުރު ބައްޔެއް ޖެހިފައިވާކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަދީބުގެ ފަރާތުން އެނގުނު މައުލޫމާތު ކަމަށް ވިދާޅުވެ، އަދީބު އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ލޮލުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ބުނުމުން، އަދީބު ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އަދީބުގެ ވާތު ލޮލަށް އިންފެކްޝަނެއް ޖެހިފައިވާކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

ނަޝްވާ ވިދާޅުވީ އޭގެ އިތުރުން ލޮލުގެ ކުލަ އަދި ކަޅި ވަށައިގެން ހުދު ރޮނގުތަކެއް އެބަހުރި ކަމަށާއި އެއީ "ކެޓްރެކްޓްސް" ކިޔާ ބައްޔެއް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ. މީގެ އިތުރުން އަދީބްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލުކޯމާ ޖެހިފައިވާކަން މީގެ ކުރިންވެސް ވަނީ ހާމަވެގެން ގޮސްފައެވެ. 

އޭނާ ވިދާޅުވީ އަދީބު ލޮލަށް އަދިވެސް އެކަށީގެންވާ ފަރުވާ ނުކުރެވޭތީ ކަންބޮޑުވާ ކަމަށާއި ދުވަހެއް ދުވަހަކަށް އަދީބުގެ ލޮލުގެ ޙާލަތު ދަށްވަމުންދާކަމަށެވެ.

ނަޝްވާ ވިދާޅުވީ ހަދަން ޖެހޭ އަދީބުގެ ލޮލުގެ ދެޓެސްޓެއް ރާއްޖެއިން ނުހެދޭއިރު އަދީބުގެ ލޮލަށް އެކަށީގެންވާ ފަރުވާ ނުދެވިދާ ކަމަކީ، އިޔާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ޢާއިލާއަށް ބެލެވޭ ކަމަށެވެ.  

އަދީބުގެ ލޯޔަރުންވެސް ގެންދަވަނީ އަދީބުގެ ސިއްޙީ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ގްލުކޯމާ އާއި އަދީބަށް ޖެހިފައިވާ އިތުރު ބަލިތަކަށް އެކަށީގެންވާ ފަރުވާ އަދީބަށް އަވަހަށް ނުލިބިއްޖެނަމަ އަދީބުގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ޑޮކްޓަރުން ބުނަމުންދާކަމަށްވެސް ޤާނޫނީ ވަކީލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަދީބަށް އެކަށީގެންވާ ފަރުވާ ރާއްޖެއިން ދެވެން ނެތްއިރު އަދީބު ރާއްޖެއިން ބޭރަށް ފޮނުވެން ނެތްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބަންދުގައި ތިބޭ މީހުންނަށް ޤާނޫނީ ގޮތުން ލިބެން ޖެހޭ ހައްޤުތައް ހުރިނަމަވެސް ސަރުކާރުން ބުނަމުން ދަނީ އަދީބު ފިލާފާނެތީ ބޭރަށް ފޮނުވެން ނެތްކަމަށެވެ. އަދި އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ދައުލަތުން ނެގިކަމަށް ދައުލަތުން ބުނާ ފައިސާތައް ދައުލަތަށް ދެއްކުމުން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން މިހެން ބުނި ނަމަވެސް ދައުލަތަށް އަދީބު އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ކަމަށް ޝަރުޢީ އެއްވެސް ކޯޓަކުން މިހާތަނަށް ޙުކުމްކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް