Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 18:55
ފާރިސް މައުމޫން: މާފުށީ ޖަލަށް ބަދަލުކުރަން ނިންމައިފި
ފާރިސް މައުމޫން: މާފުށީ ޖަލަށް ބަދަލުކުރަން ނިންމައިފި
ރާއްޖެއެމްވީ
ފާރިސް ހައްޔަރުކުރުން
ފާރިސް މައުމޫނު، މާފުށީ ޖަލަށް ބަދަލުކޮށްފި
ފާރިސް މައުމޫނު، މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި

ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ. 

 

ފާރިސް މައުމޫނު، މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. 

 

މައުމޫން ހަމީދު ބުރާސްފަތި ދުވަހުގެރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުޑައިރުކޮޅެއްކުރިން ފުލުހުން އޭނާއަށް ގުޅުއްވިކަމަށާއި، ފާރިސް 30 ވަރަކަށް މިނެޓް ތެރޭގައި މާފުށީ ޖަލަށް ބަދަލުކުރެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވިކަމަށެވެ. އަދި ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލުވެ ހުންނެވި ޤާޟީ ޢަލްއުސްތާޛު އާދަމް ޢާރިފްއަށް ތަޙްޤީޤް މަރުޙަލާގައި ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުގެ ޕެރޯލް ޤާނޫނު) ގެ 4 ވަނަ މާއްދާ (ހ) އާއި ހިލާފުކަމެއް ބަޔާންކުރައްވާ ބުރާސްފަތި ދުވަހު ހެނދުނު ސިޓީއެއް ފޮނުއްވާފައިވާކަމަށް މައުމޫނު ހަމީދު ވިދާޅުވެފައިވެއެވެ. 

 

ފާރިސްގެ ވަކީލް މައުމޫން ހަމީދު ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ޤާނޫނީ ބާރުކަނޑުވާލުމާއި އަނިޔާގެ ލިސްޓަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށެވެ. އަދި ފާރިސްއާ ދޭތެރޭ މިގޮތަށް އަމަލުކުރައްވާ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ގެނެވިގެންދާނެކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

 

 

ފާރިސް މައުމޫންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުނެރެފައިވަނީ ބުދަ ދުވަހު ގައެވެ.

 

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ 'ށ' ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ، ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ކޯޓަށް ފިލާފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފަނޑިޔާރަށް ހަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް