Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 14:17
ނާޒިމްގެ ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ނާޒިމްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ވަނީ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށައަޅާފަ
ނާޒިމްގެ ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ނާޒިމްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ވަނީ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށައަޅާފަ
ރާއްޖެ އެމްވީ
ކާނަލް ނާޒިމްގެ މައްސަލަ
ކާނަލް ނާޒިމަށް އިންސާފް ލިބުމަށް ހުރަސްއަޅާ ފަރާތްތަކަށް ދައުވާކުރާނަން: ސުއޫދު
ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މާޗް 27، 2015 ގަ
ނާޒިމްވަނީ ފްރޭމް ކުރެވިފައިކަމަށް ކުރީގެ ނައިބް ރައީސް އަދީބްވެސް ވިދާޅުވޭ
ނާޒިމްގެ ގެއިން ހޯދި ފިސްތޯލައިން އަދީބްގެ ޑީއެންއޭ ފެނިފައިވޭ

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވަނީ ފްރޭމް ކުރެވިފައިކަން އަންގައިދިނުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން އަޅާލަމުން ނުދާކަމަށާއި އަދުލު އިންސާފު ހޯދައި ނުދީ ތިބުމަކީ ކުށެއް ކަމަށް ވާއިރު އެކަން ނުކޮށް ތިބޭ ފަރާތްތަކާމެދު ދައުވާކުރައްވާނެ ކަމަށް ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ހަތިޔާރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓްގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވި އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވަނިކޮށް، އެކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށާއި އެ ހަތިޔާރާއި ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށް، ވިދާޅުވެ އުއްތަމަ ފަނޑިޔާރަށް އަދީބުވަނީ ސިޓީގައި ފޮނުއްވާފައެވެ.

ނާޒިމްގެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ކިޔައިދީ ސުޕްރީމް ކޯޓުގައި ހެކިބަސް ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބުގެ ސިޓީއާ ގުޅިގެން މައްސަލަ އަލުން ބަލައި ދިނުމަށް ނާޒިމްގެ އާއިލާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަ ހަޅުއްވާފައެވެ.

ދެ އަހަރެއްހާ ދުވަހަށް ފަހު މި މަހުގެ އެގާރަ ވަނަ ދުވަހުގޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލް ޖުމްހޫރިއްޔާވެސް ވަނީ މި މައްސަލަ ބައްލަވަން ބޭނުން ފުޅުނަމަ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ގޮވާލައްވާފައެވެ.

ނާޒިމް ދިރިއުޅުއްވަމުން ގެންދެވި ގ. އެނިފް ގެއިން ހަތިޔާރު ފެނުނު ކަމަށް ބުނެ ނާޒިމް ހައްޔަރުކޮށްފައިވަނި ޖެނުއަރީ 18، 2015 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މާޗް 27، 2015 ގައެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ އަދީބްގެ ސިޓީގައިވާ ވާހަކަތަކަކީ ކާނަލް ނާޒިމްގެ ލީގަލް ޓީމުން އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށާއި ނާޒިމް ހައްޔަރުކުރުމަށްފަހު ފުރަތަމަ ފުލުހުންނަށް ދިން ތަހުގީގު ބަޔާނުގައިވެސް އަދީބުގެ މައްޗަށް ތުހުމަތުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ދަށު ކޯޓްގެ މަރުހަލާ އާއި ހައިކޯޓްގެ މަރުހަލާގައިވެސް އަދީބް ހާޒިރުކޮށްދިނުމަށް ވަކީލުންގެ ފަރާތުން އެދުނު އެދުމަށް އިޖާބަ ދީފައި ނުވާކަން ސުއޫދު ފާހަގަކުރެއްވިއެވެ.

"އަދުލު އިންސާފު ނުލިބޭނެ ގޮތެއް މެދުވެރިކުރުމަކީ މިހާރު ގާނޫނުލް އުގޫބާތު އޮތް ގޮތުން ކުށެއް ކަނޑައެޅިގެން މީހަކު ހައްޔަރުކޮށްފައި ހުންނަނީ ގާނޫނާ ޚިލާފަކަށް ނުވަތަ މީހަކު ނުކުރާ ކުށެއްގެ އަދަބުގަކަން އެނގިހުރެ އެ ކަމާމެދު ފިޔަވަޅު ނޭޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކުށެއް" ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ސުއޫދު ވިދާޅުވިއެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވީ އިސްތިއުނާފް މައްސަލަ ނިމިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

"ސުޕްރީމް ކޯޓުގައި ރަސްމީކޮށް ޝަރީއަތް ހިންގާ އެއާމެދު ހުކުމެއް ނެރެފައެއް ނުވޭ" އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އޮތީ ވަކީލުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ރިއާޔަތް ކުރައްވާ ރަޖިސްޓްރަރ ނިންމަވާފައިވާ ނިންމެވުމެއްކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވަނީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ.

އަލީޒާހިރު ވިދާޅުވީ އޭގެ ފަހުން އިތުރު އެތައް ކަމެއް އެތައް ހެއްކެއް ފެނިފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް