ކ. މާލެ
|
20 ސެޕްޓެންބަރ 2023 | ބުދަ 17:30
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ލިޔުންތެރިކަން ކުރިއެރުވުން
ލިޔުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ: ނައިބު ރައީސް
މުޖުތަމައެއް ބިނާކުރުމުގައި ލިޔުންތެރިންގެ ދައުރު ވަރަށް މުހިންމު
ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ
ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅަންޖެހޭ

ލިޔުންތެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް"ގެ ދަށުން ނެރުއްވާ ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެންޔޫގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ލިޔުންތެރިކަމަކީ އެބައެއްގެ އިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާއިން ފުރުސަތު ފަހިކޮށްދިނުމަށް ގައުމީ ޔުނިވަރސިޓީން "ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް" ފެށިކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ މުޖުތަމައެއް ބިނާކުރުމަށް ލިޔުންތެރިންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ލިޔުންތެރިކަން ފުޅާދާއިރާއެއްގައި ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ވާހަކަ ދައްކާއިރު ދިވެހި ބަސް އޭގެ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބާރުއަޅަން ޖެހޭ ކަމަށާއި، އެބައެއްގެ މާދަރީ ބަހަކީ އެބައެއްގެ އަސްލު އަންގައިދޭ ސިފަކަމަށެވެ.

"ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް"ގެ ދަށުން މި އަހަރު 3 ލިޔުންތެރިން ވަނީ ފޮތް ނެރުއްވާފައެވެ. މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ "އެމްއެންޔޫ ފޮތް މައުރަޒު" ހުޅުއްވައިދެއްވައި މި މައުރަޒު ބައްލަވާލައްވާފައެވެ.

މި މައުރަޒު ކުރިއަށްދާނީ މި ސެޕްޓެމްބަރ މަހުގެ 20ން 22ށް ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުސަތެކެވެ. މި އަހަރު 23 ފަރާތަކުން ވަނީ މި މައުރަޒުގައި ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް