Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 00:38
ފާރިސް ދިރިއުޅުއްވާ ގެއަށް ފުލުހުން ދިޔުމުން ވަކީލު މައުމޫނު ހަމީދު ވާހަކަ ދައްކަވަނީ
ފާރިސް ދިރިއުޅުއްވާ ގެއަށް ފުލުހުން ދިޔުމުން ވަކީލު މައުމޫނު ހަމީދު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އަޙުމަދު ފާރިސް މައުމޫން
ފާރިސް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް: މައުމޫނު ހަމީދު
ފާރިސް ބަހައްޓާފައިވަނީ ވެސް ގާނޫނު ހުއްދަކުރާ ތަނެއްގައެއް ނޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް އޭނާގެ ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނު ހަމީދު ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައި ވަނީ ވެސް އަދި އެ އަމުރު ނެރެ، ތަންފީޒު ކޮށްފައި ވަނީ ވެސް މަޖިލިސް ގަވައިދާ ހިލާފަށް ކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާގެ (ނ)ގައި ބަޔާން ކުރާނެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މައުމޫނު ވިދާޅުވީ ފާރިސްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިސް ސިއްރުން ކުރިއަށް ގެންދިއުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އެފަދަ މަޖިލިސްތައް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެން ކަމަށެވެ. އަދި އެހެން ނަމަވެސް މަޖިލިސް ސިއްރުކޮށްފައިވާއިރު އެގޮތަށް ކުރިއަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މައުމޫނު ހަމީދު ވިދާޅުވީ ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލާގެ ތަހްގީގާ ގުޅުވައިގެން ފުލުހުން ތިން އަމުރެއް ހޯދިއިރު އެ އަމުރުތައް ނެރެފައިވަނީ އެކި ގާޒީން ކަމަށެވެ. އެގޮތުން ފޯނު ހިފެހެއްޓުމާއި ގެ ބަލާ ފާސްކުރުމު އަމުރު އެއް ގާޒީއަކު ނެރުނުއިރު ފާރިސް  ހައްޔަރު ކުރުމުގެ އަމުރުގެ ނެރުނީ އެހެން ގާޒީއެއް ކަމަށާއި އެއީ އިޖުރާއަތްތަކާއި ހިލާފަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މައުމޫނު ފާހަގަ ކުރެއްވި އެވެ.

 ފާރިސްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިކަން ކަން ފާހަގަ ކުރި ނަމަވެސް ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ ޖިނާއީ ކުށްތަކާ ގުޅުވައި، އޭނާ މައްޗަށް ހިންގާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކޮށްފައި ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

"ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި 45 މާއްދާގެ އެބަ ބަޔާން ކުރޭ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ނޫނަސް މީހަކު ހައްޔަރު ކުރުމަށްފަހު އޭނާގެ ހައްޔަރާމެދު ގޮތެއް ނިންމުމަށް އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަލަށް ގެންދަންވާނެ ކަމަށް، އަހަމަދު ފާރިސް ދިރިއުޅުއްވާ ގެއިން އޭނާ ހައްޔަރު ކޮށްގެން ގެންދެވީ ސީދާ ދޫނިދޫއަށް، މާލޭގެ އެއްވެސް ޕޮލިސް ސްޓޭޝަނަށް ގެންދަވާފައެއް ނުވޭ، " ޝަމީލް ވިދާޅުވި އެވެ.

ފާރިސް ހައްޔަރުގައި ބެހައްޓަން ކޯޓުން އަމުރު ކުރީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނާއިރު ދައުދައުލަތުން ފާރިސްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަކީ ސިއްރު ހެއްކި ކަމަށްވެފައި ހެއްކަށް ނުފޫޒު ފޯރުވާނީ ކިހިނެތްތޯ މައުމޫނު ހަމީދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ސިއްރުން ހެކިބަސްދިން މީހާގެ ބަޔާން ނައްތާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އަހްމަދު ފާރިސްއަކަށް. އެ ބަޔާން ނައްތާލެވޭނީ ހަމައެކަނި ފުލުހުންނަށް. އަހްމަދު ފާރިސްގެ ބާރުގެ ދަށަކު ނޫން އެ ބަޔާން އޮތީކީ. އެ ބަޔާންދިން މީހާއަކީ  ކާކުކަން އަހްމަދު ފާރިސް މައުމޫނަކަށް އެނގިވަޑައިއެއް ނުގަންނަވާ. އެހެންވީމަ އެމީހަކަށް ނުފޫޒު ފޯރުވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

މައުމޫނު ވިދާޅުވީ ފާރިސް ހައްޔަރުކޮށް ބަހައްޓާފައި ހުރީ ވެސް ގާނޫނު ހުއްދަ ކުރާ ތަނެއްގައި ނޫން ކަން ޖަލުތަކާ ޕެރޯލްގެ ގާނޫނާއި އެންޓި ޓޯޗާ ގާނޫނުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބެލުމުން އެނގޭ ކަމަށެވެ.

ފާރިސްގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ބުދަ ދުވަހު ނެރުނު އަމުރު ބާތިލް ކުރުމަށް ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް