ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 07:15
ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު
ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު
ރާއްޖެއެމްވީ
ޓީމުން ލާރިނެގިކަމަށް ބުނާ ވާހަކަ
ރައީސަށް ތާއީދުކުރަން ލާރިނެގިކަމަށް ބުނެ ވާހަކަ ފަތުރަނީ ޓީމާއި މަސައްކަތްތެރިންނާ ޖައްސުވަން: މައުރޫފް
ކޮންމެ ނިންމުމެއްވެސް ނިންމަނީ މެންބަރުންނާއި ލީޑަރޝިޕާއި އެގްޒެކެޓިވް ކޮމިޓީ އާ މަޝްވަރާކުރެވިގެން އަގުލަބިއްޔަތަށް ފެންނަ ގޮތަށް

ރިޔާސީ އިންތިޚާބުގައި ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރާކަމަށް ބުނެ ބަޔާން ނެރުނީ ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު 6 މިލިއަން ރުފިޔާ ނަންގަވައިގެން ކަމަށް ދައްކާ ވާހަކަތަކަށް އޭނާ ރައްދުދެއްވައިފިއެވެ.

ރައީސަށް ތާއީދުކުރެއްވުމަށް މައުރޫފް 6 މިލިއަން ރުފިޔާ ނެންގެވިކަމަށް ބުނެ އެ ޚަބަރު ޝާއިއުކޮށްފައިވަނީ ދިޔަރެސް ނޫހުގައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ސުވާލެއް ދެންނެވުމުން މައުރޫފް ވިދާޅުވީ އެއީ ދޮގުވާހަކައެއްކަމަށާއި އެފަދަ ޚަބަރެއް ދިޔަރެސް އިން ފެތުރީތީ އެކަމާއި ހިތާމަކުރައްވާކަމަށެވެ. މައުރޫފް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި އެފަދަ އެއްވެސް ކަމެއް ކުރައްވާފައިނުވާނެކަމަށެވެ.

އަޅުގަނޑު ހަމަ ވަރަށް ކެރިގެން މިދަންނަވަނީ މާތްﷲ ގަންދީ ހުވާކޮށްފައި ހަމަ ދަންނަވަން ކެރޭ އަޅުގަނޑު އެކަހަލަ އެއްވެސް ކަމެއް މަސައްކަތެރިންގެ ހައްގުގައި ނުވަތަ ޓީމު ބޭނުންކޮށްގެން ކަމެއް ކުރުމުގެ ނިޔަތުގައި ފައިސާ ނަގާފައި ނޯންނާނެ. އެއްވެސް ކަހަލަ ކަމެއް، އެކަހަލަ ކަމެއް ކުރަން ހިތުވެސް އަޅާފައި ނެތް. އެއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ދޮގުވާހަކައެއް.
ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު

ޕްރޮގްރާމްގެ ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ އެފަދަ ވާހަކަތައް ފެތުރުމުގެ މައިގަނޑު މަގްސަދަކީ މައުރޫފް އާއި މައުރޫފްގެ ލީޑަރޝިޕާއި ޓޫރިޒަމް ދާއިރާގައި ތިބި މަސައްކަތްތެރިންނާ ޖެއްސުންކަމަށެވެ. އެ ނަތީޖާ ނެރުމަށްޓަކައި ބަޔަކު ގަސްތުގައި އެވާހަކަތައް ދައްކާފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ޓީމުން ކޮންމެ ކަމެއްވެސް ނިންމާނީ މެންބަރުންނާއި ލީޑަރޝިޕާއި އެގްޒެކެޓިވް ކޮމިޓީއާ މަޝްވަރާކުރެވި އަގްލަބިއްޔަތަށް ފެންނަ ގޮތަށްކަމަށެވެ.

އެހެންވީމާ އޭގެ ނަތީޖާ ކޮންމެސް ވަރަކަށް ފެނުނު. މުވައްޒަފުންނަށް އަޅުގަނޑުމެންގެ މެންބަރުންނަށް ގަބޫލުުރެވުނު ޓީމުގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކުން ލާރި ނަގައިގެން ޓީމު ވިއްކާލީއޭ. އެހެންނަމަވެސް ކަނޑައެޅިގެން އަޅުގަނޑު މިދަންނަވަނީ ހަގީގަތާއި ޚިލާފު ދޮގުވާހަކައެއް އެއީ. އަޅުގަނޑުމެންގެ ކޮންމެ ނިންމުމެއްވެސް ނިންމަނީ މެންބަރުންނާއި ލީޑަރޝިޕާއި އެގްޒެކެޓިވް ކޮމިޓީ އާ މަޝްވަރާކުރެވިގެން އަގުލަބިއްޔަތަށް ފެންނަ ގޮތަށް.
ޓީމުގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހައްގުގައި އެދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުގައި މީގެކުރިން ޕީޕީއެމް ސަރުކާރެއްގައި އަކުރެއްވެސް ފިއްޔެއްވެސް އަޅުއްވާފައިނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މިނިމަމް ވޭޖް ތަޢާރަފްކޮށް ސަރވިސް ޗަރޖް 10 އިންސައްތައަށް ބަދަލުކޮށް ގާނޫނުން އެކަން ލާޒިމްކޮށްފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ.

އެބަދަލު ނުގެނައިނަމަ ޓެކްސް ބޮޑުވެގެން އައިއިރު މުވައްޒަފުންނަށް ލިބޭ ސަރވިސް ޗަރޖު ކުޑަކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތްކަމަށް މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ މި ސަރުކާރުން ރިސޯޓް މުވައްޒަފުންގެ ވަރަށް ގިނަ ކަންކަމަށް ބޭނުންވި ހައްލުތައް ގެނެސްދީފައިވާކަމަށާއި ކުރިޔަށް އޮތް ދައުރުގައި ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ވެސް ދާއިރާގެ މުވައްޒަފުންގެ މަޝްވަރާގެ މަތިންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް