ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 12:45
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
މިނިވަން މުއައްސަސާގެ މަސައްކަތްތައް
މި ސަރުކާރުގައި މިނިވަން މުއައްސަސާއަކުން ބަލަމުން ދިޔަ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވާފައެއްނުވޭ: މެންބަރު އަހުމަދު އީސާ
ބަލަމުން ދިޔަ މައްސަލައަކަށް ސަރުކާރުން ވަދެ، އެމައްސަލައެއް ހުއްޓުވާފައެއްނުވޭ
ޔާމީންގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކުން މައްސަލަތައް ބަލަން ފެށުމުން، ނުފޫޒު ފޯރުވި މިންވަރު ރައްޔިތުންނަށް ފެނިފައިވޭ
މިނިވަން މުއައްސަސާތަކުގެ ބޭފުޅުން މަގާމުތަކުން ދުރުކުރުމަށްވެސް މިސަރުކާރުން މަސައްކަތްކޮށްފައެއް ނުވޭ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މިނިވަން މުއައްސަސާއަކުން ބަލަމުން ދިޔަ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވާފައި ނުވާކަމަށާއި، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިން ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މެންބަރު ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަމުންދަނީ ވަރަށް މިނިވަންކަމާއެކު އެއްވެސް ނުފޫޒެއްނެތި ކަމަށެވެ. އެ މުއްސަސާއަކުން ބަލަމުން ދިޔަ މައްސަލައަކަށް ސަރުކާރުން ވަދެ، އެ މައްސަލައެއް ހުއްޓުވާފައި ނުވާކަމަށް މެންބަރު ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ރައީސް އަދި މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިނިވަން މުއައްސަސާތަކުން މައްސަލަތައް ބަލަން ފެށުމުން ނުފޫޒު ފޯރުވި މިންވަރު ރައްޔިތުންނަށް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރުގެ އޮޑިޓަރ ޖެނަރަލް އަމިއްލަ ފުރާނަފުޅުގެ ރައްކާތެރިކަން ހޯއްދެވުމަށް ޖެހިވަޑައިގަތީ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ކަމަށް މެންބަރު ވިދާޅުވިއެވެ.

ޔާމީންގެ ދައުރުގައި އޮޑިޓަރ ޖެނެރަލް މަގާމުގައި ހުންނެވީ ނިޔާޒު އިބްރާހީމެވެ.

މީގެ އިތުރުން މެންބަރު އަހުމަދު އީސާ ވިދާޅުވީ، ވަކި މައްސަލައެއް ބެލުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީގެ ބާރުގެ ބޭނުންކޮށްފައި ނުވާނެކަމަށާއި، ސަރުކާރުގެ ވަކި ވަޒީރެއްގެ މައްސަލަ ބަލާތީ ކަމަށް ބުނެ ހުއްޓުވާފައި ނުވާނެކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބޭފުޅުން މަގާމުތަކުން ދުރުކުރުމަށް ވެސް މިސަރުކާރުން މަސައްކަތްކޮށްފައި ނުވާކަމަށް މެންބަރު ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި މިކަންކަން ހިނގާފައިވަނީ އިދިކޮޅަށް ކަމަށް މެންބަރު ވިދާޅުވިއެވެ.

މި ފަސް އަހަރުގެ ތެރޭގަ އެބަހުރި ތުހުމަތުތައް ކުރެވިފަ. އެއްވެސް މިނިވަން މުއައްސަސާއަކުން ބަލަމުންދިޔަ އެއްވެސް މައްސަލައެއްގެ ތެރެއަށް ސަރުކާރުން ވަދެ، އެ މައްސަލައެއް ހުއްޓުވާ، އެ މައްސަލަ ބަލަމުންދިޔަ ފަރާތަކަށް ބިރުދައްކާ، އެކަހަލަ އެއްވެސް ކަމެއް ކުރި ތަނެއް މިދިޔަ ފަސް އަހަރުގެ ތެރޭގަ ފެންނާކަށް ނެތް. ސިޔާސީ މަގުސަދެއްގަ ބައެއް ބޭފުޅުން ބައެއް ވާހަކަ ދައްކާ. އެކަމަކު މިދަންނަވާ ވާހަކައަކީ ޕީޕީއެމްގެ ފަސް އަހަރުގެ ވެރިކަމުގަ ތިބޭފުޅުންނަށް ވަރަށް ސާފުކޮށް ފެންނާނެ އޮޑިޓަރ ޖެނެރަލް، ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ބަލަންފެށި ހިސާބުން އޮޑިޓަރ ޖެނެރަލް އެންމެ ފަހުން ފުރާނައަށް ނުރައްކާވެގެން ފުރާވަޑައިގަންނަވާ ގައުމު ދޫކޮށްދާންޖެހުނީ. އެންޓި ކޮރަޕްޝަން ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން މިތަންތަނަށް ބިރު ދައްކާ، މީހުން ވަކިކޮށް ކަންކަން ކޮށްފަ ހުރި ގޮތް އެހުރީ ރީތިކޮށް ފެންނަން.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ

މެންބަރު ވިދާޅުވީ މިއަދު މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށް އެބޭފުޅުންގެ ޒިންމާ ބިރެއްނެތި އަދާކުރެއްވޭ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު އީސާ ވިދާޅުވީ، މިއީ ގައުމުގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އަދުލުވެރި އިޚްލާސްތެރި ވެރިން އިޚްތިޔާރުކުރަން ޖެހޭކަމަށާއި، ރައްޔިތު މީހާގެ އަތުގައި އޮންނަ ވޯޓު ދޫކޮށްލަން ވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ. މީހަކު ނުވަތަ ބަޔަކު ދައްކާހާ ވާހަކައަށް ބަލަން ނުޖެހޭކަމަށާއި، ރާއްޖޭގެ މާޒީއަށް ބަލާފައި، ގޮތް ނިންމަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް