Advertisement
ކ. މާލެ
|
19 ޖުލައި 2017 | ބުދަ 14:38
ފާރިސް މައުމޫން: މިހާރު ވަނީ ހައްޔަރުކޮށްފައި
ފާރިސް މައުމޫން: މިހާރު ވަނީ ހައްޔަރުކޮށްފައި
މުހައްމަދު ޝަރުހާން
ފާރިސް ހައްޔަރުކުރުން
ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރެފި
ފާރިސް ހައްޔަރު ކުރީ އަންގާރަ ދުވަހު
ތުހުމަތު ކުރަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުއްވި ކަމަށް
ފާރިސް ކޯޓަށް ހާޒިރު ކުރީ މިއަދު 10:30 ގައި

ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ. 

ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ފާރިސް ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އެވެ.

ބުދަ ދުވަހުގެ ހެނދުނު 10:30 ހާއިރު ފާރިސްގެ ބަންދުގެ މަޖިލިސް ފެށުނުއިރު، އެ މަޖިލިސް ނިންމާލާފައިވަނީ މެންދުރުފަހު 3:00 ހާއިރު އެވެ. ބަންދުގެ މަޖިލީހުގެ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓަށް ތިން ފަހަރެއްގެ މަތިން މެދުކަނޑާލާފައިވެ އެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ 'ށ' ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ، ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ކޯޓަށް ފިލާފާނެ ކަމަށް ބެލެވިއްޖެނަމަ ނުވަތަ ދޫކޮށްލައިިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފަނޑިޔާރަށް ހަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހްމަތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ހައްޔަރުކޮށްފައިވަނީ، އަންގާރަ ދުވަހުގެ މެންދުރު ފަހު އެވެ. ފާރިސް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވަމުން ގެންދެވި، މ. ސްނޯ ރޯޒްގައި ހުންނަ އޭނާގެ އެޕާޓްމެންޓާއި ތަކެތި ބަލައި ފާސްކުރި އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރަކީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެކެވެ.

ކްރިމިނަލް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފް ނެރެދެއްވި އެ އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

ހައްޔަރުކުރުމަށް ބޭނުންވާ އަމުރެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ މެންބަރުންނަށް ނުފުޒު ފޯރުވައި، ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއާއި، ފާރިސް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މިކަންކަމާ ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވައި، ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.

ފާރިސްގެ މައްޗަށް ވަނީ ތިން ތުހުމަތެއްކޮށްފަ އެވެ.

އެގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެ އެވެ.

ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާފާސްކުރުމަށްފަހު، ފޯނާއި ލިޔެކިޔުންތަކާއި ޕެން ޑްރައިވް އައި އެނޫން ވެސް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ.

ފާރިސް ހައްޔަރުކުރުމާ ގުޅޭ ގޮތުން އޭނާގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފައިސާ ގޯނި ހިފައިގެން މެންބަރުންނަށް ބެހި ކަމަށް ބުނާ މެންބަރެއްގެ މައްސަލަ ބެލުމެއް ނެތި ފާރިސް ހައްޔަރުކޮށްގެން ގެންދިޔުމަކީ ބޭއިންސާފުގެ ހެއްކެއް ކަމަށެވެ.

ފާރިސް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަަލަ މިމަހުގެ 24 ވަަނަ ދުވަހަށް ތާވަލްކޮށްފައިވަނިކޮށެވެ.

ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ފާރިސްގެ މައްޗަށްކޮށްފައިވަނީ ދޮގު ތުހްމަތެއް ކަމަށެވެ. ފާރިސް ރިޝްވަތު ދީފައި ނުވާ ކަމަށާއި އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް