ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 15:59
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
ކޮރަޕްޝަނުގެ މައްސަލަތައް
ރިޔާސީ އިންތިޚާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ: އޭސީސީ
ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް ހުށަހަޅާ ރިޝްވަތާ ދެކޮޅުހެދުމަށް އިލްތިމާސްކޮށްފައިވޭ
އިންތިޚާބާގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވޭނަމަ، އެ މައްސަލައެއް ކޮމިޝަނަށް ހުށަހަޅަންޖެހޭ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާގުޅޭ ކޮރަޕްޝަނުގެ މައްސަލަ ބަލައި, އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ)ން ބުނެފިއެވެ.

އޭސީސީން ބުނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރިއަށްދާއިރު، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ސަމާލުވުމަށް އެދޭކަމަށެވެ.

އެގޮތުން ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތަކުން ވަކި ގޮތަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށާއި، ވަކި މީހަކަށް ވޯޓުލުމަށް ބުނެ ރިޝްވަތުގެ ގޮތުން ފައިސާ ނުވަތަ ހަދިޔާ ނުދިނުމަށާއި، މާލީ ގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީ، އަދި އެފަދަ ކަމެއް ކޮށްދިނުމަށް ހުށަނޭޅުމަށް އެދޭކަމަށެވެ.

މީގެ އިތުރުން ވަކި ގޮތަކަށް ވޯޓު ދިނުމަށް ނުވަތަ ނުދިނުމަށް ހުށަހަޅާ ރިޝްވަތާ ދެކޮޅު ހަދައި، އެފަދަ ހުށަހެޅުންތައް ގަބޫލު ނުކުރުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އޭސީސީން ބުނީ ރިޔާސީ އިންތިޚާބާގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވޭނަމަ، އެމައްސަލައެއް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބާ ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް ގާއިމުކޮށްފައިވެއެވެ. އަދި ހުށަހެޅޭ މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށް އެކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން އޭސީސީން ވަނީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނާއި ގަވާއިދުތަކުގައި ވާ ގޮތުގެ މަތީން މެނުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ވެސް މީގެ ކުރިން އިލްތިމާސްކޮށްފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ހަރަކާތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން އާއްމު ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން އިސްނަގައިގެން މިފަދަ ކަންކަން މޮނީޓަރުކުރަމުން ދާނެކަމަށް އޭސީސީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް